އިނގިރޭސި ބޮޑުވަޒީރު ލިޒް ޓްރަސް މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. މަގާމާ ހަވާލުވިތާ އެންމެ 6 ހަފްތާފަހުން ލިޒް ޓްރަސް މަގާމުން އިސްތިއުފާ ދެއްވާފައިވަނީ، ބޮޑުވަޒީރުކަމަށް ވަޑައިގެންނެވުމަށް އޭނާ ކުރެއްވި ކެމްޕޭންގައި ވެވަޑައިގެންނެވި އިގްތިސާދީ ވައުދުތައް ފުއްދުމަށް، ސިޔާސަތުތަކަށް އެނާ ގެންނެވި ބަދަލުތަކުގެ ނަތީޖާ ގޯސްވެ، އޭނާގެ އިސްތިއުފާއަށް ގާނޫނުހަދާ މަޖިލިހުގެ މެމްބަރުން ޑިމާންޑް ކުރައްވަމުން ގެންދަވަނިކޮށެވެ.
އިސްތިއުފާ ދެއްވިކަން އިއުލާން ކުރައްވަމުން ލިޒް ޓްރަސް ވިދާޅުވެފައވަނީ، އޭނާ މަގާމުން އިސްތިއުފާދެއްވުމަށް ނިންމެވީ ކެމްޕޭންގައި ވެވަޑައިގެންނެވި ވައުދުތައް ފުއްދުމުގެ ފުރުސަތު ލިބިގެން ނުދިއުމާ ގުޅިގެން ކަމަށާއި، އަދި އިސްތިއުފާ މިހާރު ރަސްގެފާނު ޗާރލްސްއަށް ހުށަހަޅުއްވާފައިވާ ކަމުގައެވެ. ލިޒް ވިދާޅުފައިވަނީ، އާ ބޮޑުވަޒީރަކު އިންތިޚާބު ކުރުމަށްޓަކާ އަންނަ ހަފްތާގައި ކޮންޒަވޭޓިވް ޕާޓީގެ ލީޑަރޝިޕް އިންތިޚާބު ބޭއްވޭނެކަމުގައެވެ.
ޕާޓީގެ އާ ލީޑަރަކު އިންތިޚާބު ކުރެވެންދެން އަހަރެން މަގާމުގައި ދެމި ހުންނާނަން.
އިސްތިއުފާ އިއުލާން ކުރައްވަމުން ލިޒް ވިދާޅުވެފައި ވެއެވެ.
ލިޒްއަށް ބޮޑުވަޒީރުކަން ކުރުމުގެ ފުރުސަތު ލިބިގެންދިޔައީ އެންމެ 45 ދުވަހުގެ މުއްދަތަކަށް ކަމަށް ވުމާއި ގުޅިގެން އޭނާ ވެވަޑައިގެންފައިވަނީ އިނގިރޭސިވިލާތުގެ ތާރީޚުގައި އެންމެ ކުރު މުއްދަތަކަށް ބޮޑުވަޒީރުކަން ކުރެއްވި ބޭފުޅާކަމުގައެވެ.
އިނގިރޭސި ގާނޫނުހަދާ މަޖިލިހުގެ އިތުބާރު ނެތިގެން މަގަމާމުން އިސްތިއުފާދެއްވި ކުރީގެ ބޮޑުވަޒީރު ބޮރިސް ޖޯންސަންއަށްފަހު ބޮޑުވަޒީރުކަމާ ހަވާލުވެ ވަޑައިގެންނެނެވި، އެގައުމުގެ ކުރީގެ ފޮރިން ސެކެޓްރީ ލިޒް ޓްރަސް ބޮޑުވަޒީރުކަމުގެ މަގާމާ ހަވާލުވެވަޑައިގެންނެވީ ފާއިތުވެދިޔަ ސެޕްޓެމްބަރު މަހުގެ 6 ވަނަ ދުވަހުއެވެ. އެއީ 96 އަހަރުގެ އިނގިރޭސި ރާނީ ކުއީން އެލިޒަބަތު އަވަހާރަ ވުމުގެ 2 ދުވަސް ކުރިންނެވެ.
ލިޒް ޓްރަސް އިނގިރޭސި ބޮޑުވަޒީރުކަމާއި ހަވާލުވެވަޑައިގެންނެވީ، އިނދަޖެހެމުންދާ އެގައުމުގެ އިގްތިސާދުން އަލުން ކޮޅަށް ޖައްސަވާނެކަމުގެ ވައުދާ އެކީއެވެ. މި ގޮތުން އާންމު ޚިދުމަތްތަކަށް ކުރާންޖެހުނު ބޮޑެތި ހޭދަތަކަށް ދައުލަތުގެ މާލިއްޔަތަށް އާމްދަނީ އިތުރު ކުރުމަށްޓަކާ، ކުރީގެ ބޮޑުވަޒީރުގެ ވެރިކަމުގައި ޓެކްސް ބޮޑުކޮށް، ގެނެސްފައިވާ ބަދަލުތައް އުވާލާ ޓެކްސް ކުޑަކުރައްވާނެކަމަށް، ބޮޑުވަޒީރުކަމަށް ވަޑައިގަތުމަށް އަމިއްލަފުޅު ޕާޓީގެ އެތެރޭގައި ކުރެއްވި ކެމްޕޭންގައި ލިޒް ޓަރަސް ވަނީ ވިދާޅުވެފައެވެ. އޭގެ އެންމެ ބޮޑު އަމާޒެއްކަމަށް ވިދާޅުވަމުން ގެންދެވީ އިނގިރޭސިވިލާތުގެ އިގްތިސާދުގެ ދުވެލި ބާރު ކުރެއްވުމެވެ.
އެހެންނަމަވެސް ބޮޑުވަޒީރުކަމާއި ހަވާލުވެ ވަޑައިގަތުމަށްފަހު ޓެކްސް ކުޑަކުރެއްވުމުގެ ނަތީޖާއަކަށް ވެގެން ދިޔައީ ޕައުންޑު އަގުވެއްޓި، އިންޓަރނޭޝަނަލް މަނިޓަރީ ފަންޑުންވެސް އިނގިރޭސި ސަރުކާރުގެ މި ސިޔާސަތުތަކަށް ތާއީދު ނުކުރާނޭކަން ހާމަ ކުރުމެވެ. މަނިޓަރީ ފަންޓުން ބުނެފައިވާ ގޮތުގައި މި ބަދަލުތަކުގެ ސަބަބުން އިނގިރޭސިވިލާތުގައި މުއްސަދިންނާއި ފަގީރުންގެ ތަފާތު ދާނީ ބޮޑުވަމުން ކަމުގައެވެ.
ނަތީޖާއެއްގެ ގޮތުން، ޓަރަސްވަނީ ފަހުންވަނީ އޭނާ ގެންނެވި އިގްތިސާދީ ބަދަލުތަކަކީ ހެއްދެވުނު ގޯހެއްކަމަށް ވިދާޅުވެ، ގިނަ ނިންމެވުންތައް އަބުރާ އިއާދަ ކޮށްފައެވެ. އަދި އޭނާވަނީ މި ބަދަލުތައް ގެނެވުނީ "މާ އަވަސްކޮށް، އަދި މާ ބޮޑަށް" ކަމަށް ގަބޫކުރައްވާ ވިދާޅުވެ ރައްޔިތުންގެ ކިބައިން މާފަށްވެސް އެދިފައެވެ.
އެ ބަދަލުތަކާއެކު ޓްރަސްގެ ސަރުކާރުގެ ޗާންސެލަރ ކަމުގެ މަގާމުގައި ހުންނެވި ޗާންސެލަރ އޭނާވަނީ މަގާމުން ވަކިކޮށްފައެވެ. އެއާއެކު ޓްރަސްގެ އިސްތިއުފާގެ އަޑު ގަދަވާން ފަށާފައިވަނިކޮށް، އިއްޔެގެ ވަގުތެއްގައި އޭނާގެ ސަރުކާރުގެ ހޯމް ސެކެޓްރީ ވަނީ އިސްތިއުފާ ދެއްވާފައެވެ.
އެހެންނަމަވެސް ގާނޫނުހަދާ މަޖިލިހުގައި، މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން، އޭނާގެ އިސްތިއުފާއަށް ޑިމާންޑް ކުރާ ފަރާތަތަކަށް އޭނާ ދެއްވާފައިވާ ޖަވާބަކީ، "އަހަރެންނަކީ ހަނގުރާމަވެރިއެއް، އިސްތިއުފާ ދީފަ ފިލަން ދުވާ މީހެއް ނޫން،" ކަމުގައެވެ. އޭނާ ވިދާޅުވަމުން ގެންދެވީ، ދެން އަންނަ އިންތިޚާބަކާއި ހަމައަށް މަގާމުގައި ދެމިހުންނަވާނެ ކަމުގައެވެ.
އެހެންނަމަވެސް މެމްބަރުންގެ ޕްރެޝަރާއެކު، ލިޒް ޓްރަސް މިއަދު އިސްތިއުފާ ދެއްވާފައިވަނީ، ގާނޫނުހަދާ މަޖިލިހުގެ ބައެއް މެމްބަރުނާއެކު ބޭއްވި ބައްދަލުވުމަކަށްފަހުއެވެ.
ލިޒް ޓްރަސް މަގާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެން ކުރީގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން އަލުން ބޮޑުވަޒީރުކަމަށް ގެނައުމަށްވެސް ބައެއް މެމްބަރުންވަނީ ގޮވާލައްވާފައެވެ.
އިނގިރޭސިވިލާތުގެ ބޮޑުވަޒީރުކަމަށް އާ ބޭފުޅަކު އައްޔަން ކުރާނީ، ގާނޫނުހަދާ މަޖިލިހުގެ މެޖޯރިޓީ އޮންނަ ކޮންޒަވޭޓިވް ޕާޓީގެ ލީޑަރޝިޕް އިންތިޚާބަކަށްފަހުއެވެ. ބޮޑުވަޒީރުކަމަށް ވަޑައިގަންނަވާނީ މިއިންތިޚާބު ކާމިޔާބު ކުރާ ބޭފުޅެކެވެ.