ބޮޑުތަކުރުފާނުމަގުން ސްޓެލްކޯ ކައިރިން ތާރުގަނޑު ހަލާކުވެ ލޮނު އަރަމުންދަނީ ސްޓެލްކޯގެ އިންޖީނުތައް ފިނިކުރުމަށް ބޭނުންކުރާ އައުޓްފޯލް ހޮޅިއަކަށް ގެއްލުމެއްލިބުމުގެ ސަބަބުން ކަމަށާއި އެކަން ރަނގަޅު ކުރުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރުމަށްތައްޔާރުވެ، އެކަމުގެ ހުއްދައަށް ސިޓީކައުންސިލްގައި އެދިފައި ވީނަމަވެސް ސިޓީކައުންސިލުން އެކަމަށް އެއްބާރުލުން ނުލިބޭކަމަށް ސްޓެލްކޯއިން ބުނެފައި ވަނިކޮށް، ސިޓީ ކައުންސިލްގެ ހުއްދަ ލިބުމާއެކު މިހާރު މި ހޮޅި މަރާމާތު ކުރުމުގެ މަސައްކަތް ފެށިގެން ކުރިޔަށް ދާކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
ސްޓެލްކޯއިން ކުރި ޓުވީޓެއްގައި ބުނެފައިވަނީ ސިޓީ ކައުންސިލުން ލިބެންޖެހޭ ހުއްދަތައް ލިބުމާއެކު، އައުޓްފޯލް ހޮޅި މަރާމާތުކޮށް، މަގަށް ފެން ލީކުވުން ހުއްޓުވުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ފެށިގެން މިހާރު ކުރިއަށް ދާކަމުގައެވެ.
ސްޓެލްކޯގެ ޓުވީޓުގައި ބުނެފައިވަނީ، ރައްޔިތުންނާއި ގުޅުންހުރި މިފަދަ ކަންކަމާއި، ފޯރުކޮށްދޭ ހިދުމަތްތަކަށް ކުޑަ ހިނދުކޮޅަކަށްވެސް ބުރޫ ނާރާނެ ފަދަ ގޮތަކަށް ހުރިހާ މުއައްސަސާތަކަކުންވެސް މަސައްކަތް ކޮށްދިނުމަކީ ނުހަނު މުހިއްމު ކަމެއް ކަމަށާއި، އަދި މިފަދަ ކަންކަމުގައި މުއައްސަސާތަކުން ލިބޭ އެއްބާރުލުމަށް ޝުކުރު އަދާ ކުރާ ކަމުގައެވެ.
ސިޓީ ކައުންސިލުން ލިބެންޖެހޭ ހުއްދަތައް ލިބުމާއެކު، އައުޓްފޯލް ހޮޅި މަރާމާތުކޮށް، މަގަށް ފެން ލީކުވުން ހުއްޓުވުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ފެށިގެން ކުރިއަށް ދަނީ. ރައްޔިތުންނާއި ގުޅުންހުރި މިފަދަ ކަންކަމާއި އަޅުގަނޑުމެންގެ ފޯރުކޮށްދޭ ހިދުމަތްތަކަށް ކުޑަ pic.twitter.com/2CJwZi6BLo
— STELCO (@STELCOMALDIVES) October 19, 2022
ތާރަމަގުން ލޮނު އަރަމުންދާ މައްސަލައާއި ގުޅިގެން މިއަދު މާލޭ ސިޓީ ކައުންސިލުން ކުރި ޓުވީޓެއްގައި މިއަދު މެންދުރު ބުނެފައިވަނީ ބޮޑުތަކުރުފާނުމަގުގެ ތާރުގަނޑު އަޑިން ސްޓެލްކޯއަށް ލޮނުފެން ނެގުމަށް އަޅާފައިވާ ހޮޅިއެއް ފަޅައިގެންގޮސް މަގަށް ލޮނުފެން ލީކުވަމުންދާތީ މިކަމުގެ ސަބަބުން އާންމު ރައްޔިތުންގެ އުޅަނދުތަކަށް ލިބިދާނެ ގެއްލުމަކަށްޓަކައި މިކަން ހައްލުކޮށްދިނުމަށް ސްޓެލްކޯގެ ކިބައިން އެ ކައުންސިލުން އެދިފައިވާ ކަމުގައެވެ.
މާލޭ ސިޓީ ކައުންސިލުން ބުނެފައިވަނީ އެ ކައުންސިލްގެ ސަމާލުކަމަށް މިކަން އައި ހިސާބުންފެށިގެން ކައުންސިލުން އެކަމާއި ގުޅިގެން ބަލަންޖެހޭކަންކަން ބެލުމަށްފަހު އެކަން ހައްލުކުރުމަށް ދެފަހަރެއްގެމަތިން ސްޓެލްކޯގައި އެދިފައިވާ ކަމުގައެވެ.
އެކައުންސިލުން މިހެން ބުނެފައިވަނިކޮށް އޭގެފަހުން ސްޓެލްކޯއިން ކުރި ޓުވީޓެއްގައި އެ ކުންފުނިން ބުނެފައިވަނީ މިއަދާ ހަމަޔަށްވެސް ރަސްމީ އެއްވެސް ސިފައެއްގައި ސިޓީކައުންސިލުން މިކަމާގުޅޭ މުއާމަލާތެއް ކޮށްފައި ނުވާއިރު، މި ހުއްދަތައް އަވަސް ކުރުމަށް، އެކުންފުނިން ސިޓީކައުންސިލްގެ ކަމާއިގުޅުންހުރި ފަރާތްތަކާއި މުއާމަލާތު ކުރުމަށް މަސައްކަތް ކުރި ނަމަވެސް މި ވަގުތާހަމަޔަށްވެސް އެ ފަރާތްތަކުން ފޯނު ނުނަންގަވާތީ އެހުއްދަތައް ލިބޭގޮތް ވެފައި ނުވާކަމަށެވެ.
ސްޓެލްކޯގެ ޓުވީޓުގައި ބުނެފައިއިވަނީ މި މައްސަލަ ހައްލު ނުކުރެވިއްޖެ ނަމަ، މަގު ބޭނުންކުރާ ފަރާތްތަކަށް އެކަމުގެ ދަތި އުނދަގޫތައް ކުރިމަތިވުމުގެ އިތުރުން، މާލެއަށް ކަރަންޓު ދިނުމަށް އެކުންފުނިން ބޭނުން ކުރަމުންދާ ބޮޑު ޖަނަރޭޓަރުތަކެއް ނިއްވާލަންޖެހި، މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކަނޑާލަން ޖެހުމަކީ އެކަށީގެންވާ ކަމެއް ކަމުގައެވެ.