ފާއިތުވެދިޔަ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ރަޝިއާއިން ޔޫކުރެއިންގެ ކަރަންޓު އުފައްދާ އިންޖީނުގެ ގެތަކުގެ %30 އަށް ހަމަލާދީ ފުނޑުފުނޑު ކޮށްލުމާއި ގުޅިގެން އެގައުމުވެ ވެރިރަށް ކީވްގެ ބޮޑު ބަޔަކާއި އަދި މުޅި ގައުމުގެ އެކިހިސާބުތަކުން ކަރަންޓާއި ފެން ކެނޑި އާބާދީގެ ބޮޑުބައެއް ކަނު އަނދިރީގައި ތިބެން ޖެހިއްޖެއެވެ.
ޔޫކުރެއިންގެ ރައީސް ޒެލެންސްކީގެ އެޑްވައިޒަރަކު ވިދާޅުވެފައިވަނީ މުޅި ޔޫކުރެއިންގެ ހާލަތު ހުރީ ވަރަށް ނާޒުކު ފައްތަރެއްގައި ކަމުގައެވެ.
ޔޫކުރެއިންގެ ޕްރޮސެކިއުޓަރުން ބުނެފައިވަނީ ވެރިރަށް ކީވަށް ރަޝިއާއިން މިއަދު ދީފައިވާ ހަމަލާތަކުގައި ދެ މީހަކު މަރުވެފައިވާ ކަމުގައެވެ. އަދި ޔޫކުރެއިންގެ ޑިންޕްރޯ ކޯރުގެ ކައިރީގައި ހުންނަ ޕަވަރ ސްޓޭޝަނުން ދުން އަރަމުންދާ މަންޒަރުވަނީ ފެނިފައެވެ.
މި މަރުކަޒުގައި ހުންނަ ދެ ކާރުޚާނާއަކަށް ވަރަށް ބޮޑަށް ގެއްލުން ވުމާއި ގުޅިގެން، ކީވްގެ ހުޅަނގުން އޮންނަ ޒޮޓޯމީރުންވަނީ ފެން ކެނޑިފައެވެ.
"ހަމަލާތައް ކުރިޔަށް ދާނަމަ، އެންމެ ފުރަތަމަކަމަށް ކަރަންޓު ރައްކާކުރުމަށް، ދެވަނަ ކަމަކަށް ބައެއް ސަރަހައްދުތަކުން ކަރަންޓު ކެޑިގެންދާނަކަމަށް އެންމެންވެސް ތިބެންޖެހޭނީ ތައްޔާރަށް،" ޒޮޓޯމީރުގެ މޭޔަރު ކިރީލޯ ވިދާޅުވެފައި ވެއެވެ.
"މުޅި އާބާދީވެސް ވާނީ ވަރަށް އުދަގޫ ވިންޓަރ (ފިނި މޫސުން)އަކަށް ތައްޔާރުވެ ތިބެން."
ޔޫކުރެއިންގެ ރައީސް ޒެލެންސްކީ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ފާއިތުވެދިޔަ 8 ދުވަހުގެ ތެރޭގައި ޔޫކުރެއިންގެ ކަރަންޓު އުފައްދާ ޕަވަރ ސްޓޭޝަންތަކުގެ %30 ހަލާކު ކޮށްލާފައި ވާކަމަށެވެ. އަދި ނަތީޖާއެއްގެ ގޮތުން "ޔޫކުރެއިންގެ ބޮޑުބައެއް" ކަނު އަނދިރީގައި ވާކަމަށްވެސް އޭނާ ވިދާޅުވެފައި ވެއެވެ.
ފާއިތުވެދިޔަ ހަފްތާތަކުގައި ރަޝިއާިންވަނީ ހަނގުރާމައިގެ ފްރޮންޓްލައިންތަކާއި ދުރުގައި ހުންނަ، ޔޫކުރެއިންގެ ކަރަންޓު އުފައްދާ އެތައް ކާރުޚާނާއަކަށް ހަމަލާ ދޭން ފަށާފައެވެ.