މޭރީގެ މަރު: އަޑުއެހުންތައް ސިއްރުނުކޮށް ހެކިބަސް ނަގަން ނިންމައިފި

މޭރީގެ މަރު: އަޑުއެހުންތައް ސިއްރުނުކޮށް ހެކިބަސް ނަގަން ނިންމައިފި

އައިޖީއެމްއެޗްގައި މަސައްކަތް ކުރި ނަރުސް މޭރީ ގްރޭސް މަރާލިކަމުގެ ތުހުމަތު ރައްދުވާ އޭނާގެ ފިރިމީހާ މާވިން އެސްވައި އާއި ފިރިމީހާގެ ލޯބިވެރިޔާ ހަލީމަތު ލަމްހާގެ މައްޗަށް ހިންގާ ޝަރީއަތުގެ ހެކިބަސް ނެގުމުގެ މަރުހަލާ ސިއްރުނުކޮށް މި މަހުގެ 31 ވަނަ ދުވަހު އެ މަރުހަލާ ފެށުމަށް ނިންމައިފިއެވެ.

އޮކްޓޯބަރު މަހުގެ 19ވަނަ ދުވަހު މަރާލި މޭރީގެ މަރުގެ މައްސަލަ ފުލުހުން ތަޙުގީގުކުރަން ފެށީ، އެޙާދިސާއާ ގުޅިގެން އާދަޔާ ޚިލާފައި ކަންތައްތަކެއް ފާހަގަކުރެވިގެންނެވެ. އޭނާ މަރުވެގެން ހޮސްޕިޓަލަށް ގެންގޮސްފައިވަނީ އޭނާގެ ފިރިމީހާއެވެ. އޭރު އޭނާ ބުނީ މޭރީ ދަންޖެހިގެން އަމިއްލައަށް މަރުވީކަމަށެވެ. މޭރީގެ މަރުގެ މައްސަލާގައި ހެދި ޕޯސްޓްމޯޓަމް ރިޕޯޓްގައި ވާގޮތުން މޭރީ މަރާލާފައިވަނީ ނޭވާ ހާސްކޮށްލައިގެންނެވެ.

މާވިންގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ. އަދި ލަމްހާގެ މައްޗަށް އިތުރު 3 ދައުވާއެއް އުފުލާފައިވެއެވެ. އެއީ އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމާއި، އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫންގޮތެއްގައި ބާރުހިންގުމުގެ ކުށުގެ ދައުވާއާއި، ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރުމުގެ ދައުވާއެވެ. މާވިންގެ މައްޗަށް އުފުލާފައިވާ ދައުވާއަށް އޭނާ އިންކާރު ކުރުމުން ދައުލަތުން ވަނީ އޭނާއާއި ދެކޮޅަށް 110 ހެއްކެއް ހުށަހަޅާފައެވެ. އޭގެ ތެރޭގައި 74 ހެކިވެރިންވެސް ހިމެނެއެވެ. އަދި ޝަފައީ ހެކިންނާއި 36 ކިތާބީ ހެކި ހުށަހަޅާފައެވެ.

ފުލުހުންގެ ތަހުގީގުން ގްރޭސް މަރާލި ކަމަށް ބެލެވިގެން މާވިން އާއި އޭނާގެ ލޯބިވެރިޔާ ލަމްހާއަށް ދައުވާކޮށް މިހާރު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދާ ޝަރީއަތުގައި މިއަދު ހަމަޖެހިފައި އޮތީ ދައުލަތުން ހުށަހަޅާފައިވާ ހެކިންގެ ހެކިބަސް ނަގަން ފެށުމެވެ. އަޑުއެހުން ފެށުމާއެކު، ލަމްހާގެ ވަކީލު އަހުމަދު ޔާމީން ވިދާޅުވީ ހެކިބަސް ނެގުމުގެ މަރުހަލާ ސިއްރު ކޮށްދޭން އެދިފައިވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުންނެވެ. އެއީ އަޑުއެހުން ހާމަކޮށް ކުރިއަށް ގެންގޮސްފިނަމަ އަދުލުވެރިކަމަށް އަސަރުކޮށްފާނެ ކަމަށް ބުނެ ހުށަހެޅި ހުށަހެޅުމެކެވެ.

ނަމަވެސް މައްސަލަ ބައްލަވާ ގާޒީ ހުސައިންް ފާއިޒު ރަޝާދު ނިންމެވީ ހެކިބަސް ނެގުމުގެ މަރުހަލާ ސިއްރުނުކުރުމަށެވެ. އަދި މި އޮކްޓޯބަރު މަހުގެ 31 ވަނަ ދުވަހު ހެކިބަސް ނެގުމުގެ މަރުހަލާ ފެށުމަށް ޤާޒީ ނިންމެވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *