ޔޫކުރެއިންއަށް 400 މިލިއަން ޑޮލަރުގެ އިންސާނީ ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާކަން ސައުދީ އަރަބިއާގެ ވަލީ އަހުދު މުހައްމަދު ބިން ސަލްމާން (އެމްބީއެސް) އިއުލާން ކުރައްވައިފިއެވެ.
ސައުދީ އަރަބިއާއިން ޔޫކުރެއިންއަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ހަމަޖެހިފައި ވާކަން މުހައްމަދު ބިން ސަލްމާން އިއުލާނު ކުރައްވާފައިވަނީ ހުކުރު ދުވަހު އެމްބީއެސްއާއި ޔޫކުރެއިންގެ ރައީސް ވޮލޮޑޮމިރް ޒެލެންސްކީއާއި ދެބޭފުޅުން ބޭއްވެވި ފޯނުކޯލަކަށް ފަހުއެވެ.
ސައުދީ އަރަބިއާގެ ރަސްމީ ނޫސް އޭޖެންސީ އެސްޕީއޭ އިން ހާމަކޮށްފައި ވާގޮތުގައި، މި ފޯންކޯލްގައި އެންބީއެސްވަނީ، މަސްރަހަށް ފިނިކަން އަންނާނޭ ކޮންމެ ކަމަކަށް ސައުދީ އަރަބިއާއިން ތާއީދު ކުރާނޭކަން ހާމަކޮށް، އަދި މެދުވެރިއެއްގެ ދައުރު އަދާކުރުމަށްވެސް ތައްޔާރަށް އޮތްކަމަށް ޒެލެންސްކީއަށް ދަންނަވާފައެވެ.
ސައުދީ އަރަބިއާއިން ފޯރުކޮށްދޭ އިންސާނީ އެހީގެ ތެރޭގައި ހިމެނެނީ މި ހަނގުރާމާގައި އަނިޔާ ލިބިފައިވާ ޔޫކުރެއިންގެ ރައްޔިތުންނަށް ބޭނުންވާ އެހީއެވެ.
މި ފޯން ކޯލުގައި ޒެލެންކީވަނީ ސައުދީ އަރަބިއާގެ ބޮޑުވަޒީރަކަށް އެމްބީއެސް ދާދިފަހުން އައްޔަން ކޮށްފައިވާތީ މަރުހަބާ ދަންނަވާފައެވެ. އަދި އޭގެ އިތުރުން ފާއިތުވެދިޔަ ހަފްތާގައި ޔޫއެން ޖެނެރަލް އެސެމްބްލީގައި ނެގުނު ވޯޓުގައި ސައުދީ އަރަބިއާއިން ޔޫކުރެއިންއަށް ތާއީދު ކޮށްފައިވާތީ އެކަމަށްވެސް ޒެލެންސްކީވަނީ އެމްބީއެސްއަސް ޝުކުރު ދަންނަވާފައެވެ.
ޒެލެންސްކީ ވިދާޅުވެފައިވާ ގޮތުގައި، މި ފޯން ކޯލްގައި ދެބޭފުޅުންވަނީ، ރަޝިއާއިން ހައްޔަރު ކޮށްފައިވާ ހަނގުރާމައިގެ އަސީރުން މިނިވަންކުރުމަށް އެކުގައި މަސައްކަތް ކުރުމަށް އެއްބަސްވެފައެވެ.
ކޮމެންޓު ފޮނުވާ