އެމްއެމްސީގެ "ދިވެހި މީޑިއާގެ އަހުލާޤީ މިންގަނޑަށް" 60 އަށް ވުރެ ގިނަ މީޑިއާއިން އެއްބަސްވެއްޖެ

އެމްއެމްސީގެ "ދިވެހި މީޑިއާގެ އަހުލާޤީ މިންގަނޑަށް" 60 އަށް ވުރެ ގިނަ މީޑިއާއިން އެއްބަސްވެއްޖެ

މޯލްޑިވްސް މީޑިއާ ކައުންސިލުން އެކުލަވާލި "ދިވެހި މީޑިއާގެ އަހުލާޤީ މިންގަނޑު" އިފްތިތާހްކޮށް މީޑިއާތަކުން އެންޑޯސްކޮށް ސޮއިކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

މި ރަސްމިއްޔާތުގައި 60 ވުރެ ގިނަ އޮންލައިން، ޕްރިންޓް އަދި ބްރޯޑްކާސްޓިން މީޑިއާތަކުން ވަނީ ބައިވެރިވެފައެވެ. މިއީ ދިވެހި މީޑިއާއިން ޢަމަލުކުރުމަށް، މޯލްޑިވްސް މީޑިއާ ކައުންސިލުގެ ޤާނޫނުގެ ދަށުން، އެކުލަވައިލާފައިވާ "ދިވެހި މީޑިއާގެ އަޚްލާޤީ މިންގަނޑު" އެވެ. މީޑިއާ ކައުންސިލުން ބުނެފައިވަނީ ދިވެހި މީޑިއާ ކޮންމެ މީހަކީ މި އަޚްލާޤީ މިންގަނޑަށް ތަބާވާ އަދި މި އަޚްލާޤީ މިންގަނޑަށް އަހުލުވެރި މީހަކަށް ވާންވާނެކަމަށެވެ.

ޚަބަރާއި މަޢުލޫމާތު ހޯދައި އަދި ފެތުރުމުގައި ހަރަކާތްތެރިވާ އެންމެހާ ފަރާތްތަކުން މި މިންގަނޑާ އެއްގޮތަށް ޢަމަލު ކުރުމަށް އެއްބަސް މިންގަޑެކެވެ. ޕްރިންޓް މީޑިއާއާއި އިލެކްޓްރޯނިކް މީޑިއާއި އޮންލައިން އަދި ނިއުމީޑިއާގެ ވަސީލަތްތަކުގައި މަޢުލޫމާތު ފަތުރާނީ މި މިންގަނޑާ އެއްގޮތަށެވެ. އަދި ދިވެހި މީޑިއާ ފަންނުގެ އެންމެހާ މަސައްކަތެއްގައި އަބަދުމެ ހިފަހައްޓާނެ މައިގަނޑު ހަމަތަށްކަމަށް "ދިވެހި މީޑިއާގެ އަޚްލާޤީ މިންގަނޑު" ގައި ބަޔާންކޮށްފައިވަނީ:

• އިސްލާމް ދީނާއި ދިވެހި ޖުމްހޫއްރިއްޔާގެ ޤާނޫނުއަސާސީއާއި ޤާނޫނުތަކަށް ހުރުމަތްތެރިކޮށް ހިތުން
• އާންމުންނަށް ހަގީގަތް އެނގުމުގެ ހައްގަށް އިހުތިރާމް ކުރުން
• އިންސާނީ ހައްގުތަކަށް ހުރުމަތްތެރިކޮށް ހިތައި އިޖުތިމާޢީ އަޚްލާޤު ހިފެހެއްޓުން
• ނޫސްވެރިކަމަށް ނުރަނގަޅު އަސަރު ފޯރާނެފަދަ މަންފާތަކާއި ނުފޫޒުތަކުން އެއްކިބާވުން
• ނޫސްވެރިކަމުގެ ހަމަތައް ހިފަހައްޓައި އެއްވެސް ބިރަކަށް ޖެހިލުންނުވުން،

މިއަދު މި ސޮއިކުރެވުނު "ދިވެހި މީޑިއާގެ އަޚްލާޤީ މިންގަނޑު" އާއި އެއްގޮތްވާ ގޮތުގެ މަތިން، ދިވެހި މީޑިއާގެ ލޭންޑްސްކޭޕް އެހެން ހަރުފަތަކަށް ގެންދިއުމަށްޓަކައި، ކޮންމެ މީޑިއާއަކުން އެމީޑިއާއެއްގެ ކޯޑް އޮފް ޕްރެކްޓިސްއެއް އެކުލަވާލުމަކީ މުހިއްމުކަމެކެވެ. މިއާއިއެކު މީޑިއާ ކައުންސިލުން އެދެނީ ހުރިހާ މީޑިއާތަކުން "ދިވެހި މީޑިއާގެ އަޚްލާޤީ މިންގަނޑު" އާއި އެއްގޮތްވާ ގޮތުގެ މަތިން ހަބަރު ފެތުރުމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *