2021 ވަނަ އަހަރު ނިމިގެން ދިޔައިރުވެސް، ރާއްޖެއިން ނަގާފައިވާ ބޭރުގެ ދަރަނީގެ މައިގަޑު ކުރެޑިޓްސްއަށް ބަލާއިރު، އެއަހަރު ޑިސެމްބަރގެ ނިޔަލަށްވެސް ބޭރުގެ ދަރަނީގެ 32 އިންސައްތަ ހިއްސާ ކުރަނީ އެގްޒިމް ޗައިނާއިން ކަމުގައި ފިނޭންސް މިނިސްޓްރީން ހާމަ ކޮށްފައިވާ "ދައުލަތުގެ މެދު ރަސްތާގެ ދަރަނީގެ ސްޓްރަޓަޖީ 2023-2025″ ގައި ބުނެފިއެވެ.
ދައުލަތުގެ ޚަރަދަށް ޒިންމާ ވުމުގެ ގާނޫނުގެ 20 ވަނަ މާއްދާގެ ދަށުން ތައްޔާރުކޮށް، ފިންނޭން މިނިސްޓްރީން މިހާރު އާންމު ކޮށްފައިވާ ދައުލަތުގެ ދަރަނީގެ ސްޓްރަޓީއަކީ މެދުރާސްތާގައި ދައުލަތުގެ ބަޖެޓަށް ބޭނުންވާ ފައިސާ ޑޮމެސްޓިކް އަދި އެކްސްޓާރނަލް ސޯސްތަކުގެ އިތުރުން އިންޓާނަލް ރިޒާވް ފަދަ އެކިއެކި ފައިނޭންސިންގ ސޯސް ބޭނުން ކޮށްގެން ފައިސާ ހޯދުމަށް އެކުލަވާލާފައިވާ ސްޓްރަޓެޖީއެކެވެ.
މި ބަޔާނުގައި ވާގޮތުން 2021 ވަނަ އަހަރު ނިމިގެން ދިޔައިރު ދައުލަތުގެ ދަރަންޏަނީ 80 ބިލިއަން ރުފިޔާއެވެ. މިއީ ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަރުން 99.7 އިންސައްތައެވެ.
މީގެ ތެރޭގައި ހިމެނޭ ބޭރުގެ ދަރަނި، 2021 ވަނަ އަހަރު ނިމިގެން ދިޔައިރު ހުރެފައިވަނީ 32 ބިލިއަން ރުފިޔާގައެވެ. މިއީ 2020 ވަނަ އަހަރުގެ ނިޔަލަށް ހުރި ބޭރުގެ ދަރަންޏާއި އަޅާބަލާއިރު 28 އިންސައްތަ ބޮޑު އަދަދެކެވެ. ބޭރުގެ ދަރަނި ބޮޑުވެފައިވާ މައިގަނޑު ސަބަބުތަކުގެ ގޮތުގައި މި ބަޔާނުގައ ފާހަގަ ކޮށްފައިވަނީ، 2021 ވަނަ އަހަރު ބައިނަލްއަގުވާމީ މާލީ ބާޒާރަށް ވިއްކާފައިވާ 500 މިލިއަން ޑޮލަރުގެ ސުކޫކާއި، ބޭރުގެ ފަރާތްތަކުން ދަރަންޏަށް ފައިސާ ނަގައިގެން ކުރިއަށް ގެންދާ މަޝްރޫއުތައް ޑިސްބަރސް ވަމުން ދިއުމެވެ.
ހަމަ އެއާއެކު، ބޭރު ދަރަނީގެ މައިގަނޑު ކްރެޑިޓަރސް އަށް ބަލާއިރު، ޑިސެމްބަރު 2021 ގެ ނިޔަލަށް ދައްކަންޖެހޭ ޖުމްލަ ބޭރުގެ ދަރަނީގެ 32 އިންސައްތަ ހިއްސާކުރަނީ އެގްޒިމް ޗައިނާއެވެ. 27 އިންސައްތަ ހިއްސާކުރަނީ އެކްސްޓަރނަލް ބޮންޑް ހޯލްޑަރުންނެވެ. އޭ.ޑީ.އެފް.ޑީ، އެސް.އެފް.ޑީ، އައި.ޑީ.އޭ އަދި އޮފިޑް މިއިން ކޮންމެ ފަރާތަކުން ހިއްސާކުރަނީ 5 އިންސައްތައެވެ. އޭ.ޑީ.އެފް.ޑީ ގެ ދަރަނީގެ ތެރޭގައި 2018 ވަނަ އަހަރު ޕްރައިވެޓް ޕްލޭސްމަންޓެއްގެ ގޮތުގައި ވިއްކާފައިވާ 100 މިލިއަން ޑޮލަރުގެ ބޮންޑުވެސް ހިމެނިފައިވެއެވެ.
ފިނޭންސް މިނިސްޓްރީން އާންމު ކޮށްފައިވާ "ފިސްކަން ސްޓްރަޓެޖީ އަންގައިދޭ ބަޔާން 2023-2025″ ގައި މެދުރާސްތާގެ މާލީ ސިޔާސަތުގެ އަމާޒުތައްއް ހާސިލްކުރުމަށް އެކަށައަޅާފައިވާ "ފިސްކަލް އެންކަރ" ތަކުގައި ވާގޮތުން މިހާރުގެ އަމާޒަކީ 2023 ނިމެންވާއިރަށް ދައުލަތުގެ ދަރަނި (ގެރެންޓީ ނުހިމަނައި) ޖީ.ޑީ.ޕީގެ ނިސްބަތން 105 އިންސައްތައަށް ތިރިކުރުމެވެ.
މި ބަޔާނުގައި ވާގޮތުން، މިއަހަރުގެ ޚަރަދު އެންމެ ބޮޑުވެފައިވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ދޫކުރާ ކެޕިޓަލްއެވެ. މިގޮތން މި އަހަރުގެ ތެރޭގައި ބަޖެޓުގައި ހިމަނައިފައިނުވާ ސަރުކާރު ހިއްސާވާ ދެ ކުންފުންޏަކަށް މިހާރު ވަނީ ކެޕިޓަލް ދޫކރަންޖެހިފައެވެ.
މިގޮތުން މި އަހަރުގެ ފެބުރުވަރީ މަހު މިފްކޯއިން މަސް ގަންނަ އަގު މަތިކުރުމަށް ނިންމުމާ ގުޅިގެން، މިފްކޯގެ ކޭޝްފްލޯ ހަމަޖެއްސުމަށް އެ ކުންފުންޏަށް ކެޕިޓަލްގެ ގޮތުގައި މި އަހަރު 650 މިލިއަން ރުފިޔާ ދޫކުރަންޖެހޭނެކަމަށް މިހާރު އަންދާޒާކުރެވެއެވެ. އަދި ހުޅުމާލޭގައި ގާއިމުކޮށްފައިވާ 7000 ފްލެޓުގެ މަޝްރޫއު ހިންުގމަށް އެޗްޑީސީން ނަގާއިފައިވާ ދަރަނި އަދާކުރުމަށް، އެ މަޝްރޫއިން ލިބޭ ފައިސާގެ އަދަދު ލޯނު އަދާކުރުމަށް ބޭނުންވާ ފައިސާގެ އަދަދާ ނުބައްދަލުވުމުގެ ސަބަބުން އެ ކުންފުންޏަށް ދިމާވެފައިވާ ކޭޝްފްލޯގެ ދަތިކަމަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން އެކަމަށް މި އަހަރު ކެޕިޓަލް ދޫކުރަން ސަރުކާރަށް ޖެހިފައިވެއެވެ. މިގޮތން މި އަހަރުގެ މޭ މަހުގެ ނިޔަލަށް އެޗް.ޑީ.ސީއަށް 655.8 މިލިއަން ރުފިޔާ ކެޕިޓަލްގެ ގޮތުގައި ދޫކޮށްފައިވެއެވެ. އަދި މި އަހަރުގެ ތެރޭގައި އެ ކުންުފންޏަށް ކެޕިޓަލްގެ ގޮތގައި ޖުމުލަ 1.2 ބިލިއަން ރުފިޔާ ދޫކރަންޖެހޭނެކަމަށް މިހާރ ލަފާކުރެވެއެވެ.
ކޮމެންޓު ފޮނުވާ