ޔޫކުރެއިންއަށް ވަރުގަދަ ހަމަލާތަކެއް "މިވަގުތަށް" ދިނުމުގެ މާ ބޮޑު ބޭނުމެއް ނެތް ކަމަށާއި، ރަޝިއާއިން ޔޫކުރެއިންގައި ކުރަމުންދަނީ ކުރަންޖެހޭ ހަނގުރާމައެއް ކަމުގައި ރަޝިއާގެ ރައީސް ލާޑިމިރު ޕުޓިން ވިދާޅުވެއްޖެއެވެ.
ކަޒަކިސްތާންގެ ވެރިރަށް އަސްޓަނާގައި މިހާރު ކުރިޔަށްދާ ސަމިޓަށް ވަޑައިގެން ހުންނަވާ ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޕުޓިން ވިދާޅުވެފައިވަނީ ރަޝިއާގެ މަގުސަދަކީ ޔޫކުރެއިން ފުނޑުފުނޑު ކޮށްލުން ނޫން ކަމުގައެވެ.
"އަހަރެން ހިތާމައެއް ނުކުރަން. އަހަރެން ސާފު ކޮށްދޭން ބޭނުންވާ ކަމަކީ، މިހާރު ހިގަމުންދާ ކަންކަމަކީ އެންމެ ހިންހަމަ ޖެހޭ ކަންކަން ނޫންކަން،" ޔޫކުރެއިންއަށް ހަމަލާ ދޭން ފެށުނީތީ ހިތާމަ ކުރަންތޯ ނޫސްވެރިޔަކު ކުރި ސުވާލުގެ ޖަވާބުގައި ޕުޓިން ވިދާޅުވެފައި ވެއެވެ.
ޕުޓިން އިތުރަށް ވިދާޅުވެފައިވަނި ރަޝިއާއިން ޔޫކުރެއިންއަށް ދޭންފެށި ހަމަލާތަކަކީ އެންމެ ރަގަޅު ވަގުތުގައި ނިންމާފައިވާ ރަގަޅު ނިންމުމެއް ކަމުގައެވެ.
މި ނޫސްވެރިންގެ ބައްދަލުވުމުގައި ޕުޓިން ވިދާޅުވެފައިވަނީ، ރަޝިއާގެ ރިޒާވް ސިފައިން ހަނގުރާމައަށް ނެރުމަށް ކުރެވެމުންދާ މަސައްކަތްތައް ކުރިއަށް އޮތް ދެ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ނިމުމަކަށް އަންނާނޭ ކަމަށާއި، ހަނގުރާމައަށް ނެރުމަށް ހަމަޖެހިފައިވާ 300،000 ސިފައިންގެ ތެރެއިން 220،000 ސިފައިން މިހާރު އަސްކަރިއްޔާއާއި ގުޅިފައިވާ ކަމުގައެވެ.
ޕުޓިން ވިދާޅުވިގޮތުގައި، މީގެ ތެރެއިން 33،000 ސިފައިން މިހާރުދަނީ ޔޫކުރެއިންގައި ހަނގުރާމަ ކުރަމުން ކަމަށާއި، 16،000 ސިފައިން އެކި ގޮތްގޮތުން އަސްކަރީ އޮޕަރޭޝަންއަށް އެހީތެރިކަން ފޯރުކޮށްދެމުން ދާ ކަމުގައެވެ.
ޕުޓިން ވިދާޅުވި ގޮތުގައި، ނޭޓޯއިން ސީދާ ހަގުރާމައަށް ވަދެއްޖެނަމަ، އެކަން ވެގެންދާނީ މުޅި ދުނިޔެއަށްވެސް ކުރިމަތިވެގެންދާނެ ބޮޑު ކާރިސާއަކަށް ކަމުގައެވެ.
"އަހަރެން އުއްމިދުކުރަނީ، ވަރަށް ހިކުމަތްތެރިކަމަށް ބުނަމުންދާ މީހުން އެފަދަ ފިޔަވަޅެއް ނާޅާނެ ކަމަށް،" ޕުޓިން ވިދާޅުވެފައި ވެއެވެ.
ކޮމެންޓު ފޮނުވާ