އިރާނުގެ ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ މަރުވި މަހުސާ އަމިނިގެ މަރާއި ގުޅިގެން ފާއިތުވެދިޔަ ސެޕްޓެމްބަރުމަހު އިރާނުގައި ފެށުނު މުޒާހިރާތަކުގައި، ފުލުހުންގެ ހަމަލާތަކުގައި މިހާތަނަށް 224 މީހުން މަރުވެފައިވާ ކަމަށާއި އަދި އޭގެ ތެރޭގައި 29 ކުޑަކުދިންވެސް ހިމެނޭކަމުގައި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ގުރޫޕްތަކުން ބުނެފިއެވެ.
އިރާނުގައި އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ އެގައުމުގެ ފަރާތްތަކުން އެކުވެގެން އުފައްދާފައިވާ ހިއުމަން ރައިޓްސް އެކްޓިވިސްޓްސް ނިއުސް އޭޖެންސީ (HRANA)އިން ބުނެފައިވާ ގޮތުގައި، ފާއިތުވި ސެޕްޓެމްބަރުމަހުގެ މެދުތެރޭގައި ފެށިގެން އައި މި މުޒާހިރާތަކުގައި މިހާތަނަށް 224 މީހުން މަރުވެފައިވާއިރު، މީގެތެރޭގައި 18 އަހަރުން ދަށުގެ 29 ކުދިންވެސް ހިމެނޭ ކަމުގައެވެ.
HRANA އިން ބުނެފައިވަނީ މަރުވެފައިވާ މީހުންގެ ތެރޭގައި ސަލާމަތީ ބާރުތަކުގެ 24 މީހަކުވެސް ހިމެނެއެވެ. އަދި މި ގުރޫޕުން ލަފާކުރާ ގޮތުގައި މިހާތަނަށް ހައްޔަރު ކޮށްފައިވާ މީހުންގެ އަދަދު 6،000 އަށް އަރާނެއެވެ.
HRANA ގުރޫޕުން ތައްޔާރު ކޮށްފައިވާ ރިޕޯޓުގައި ބުނެފައިވަނީ މި މުޒާހިރާތައް އިރާނުގެ 112 ސިޓީއެއްގައި ކުރިޔަށް ދާކަމުގައެވެ.
އިރާނުގައި ކުރިޔަށްދާ މި މުޒާހިރާތަށް ފެށިފައިވަނީ، އެގައުމުގެ ކުރުދީންގެ ދަރިކޮޅުގެ، އުމުރުން 22 އަހަރުގެ އަންހެން ކުއްޖެއް ކަމުގައިވާ އަމިނި ފުލުހުން ހައްޔަރުގައި ހުއްޓާ މަރުވުމާއި ގުޅިގެންނެވެ.
އަދި މި މުޒާހިރާތައްވަނީ ވަރަށް ބާރަށް މުޅި ގައުމުގެ އެކި ސަރަހައްދުތަކަށް ފެތުރިގެން ގޮސްފައެވެ. މުޒާހިރާ ކުރަމުންދާ ފަރާތްތަކުން އަޑު އުފުލަމުންދަނީ އެގައުމުގެ ރޫހާނީ ލީޑަރު އަލީ ޚާމެނެއިއާއި އެގައުމުގެ ސަރުކާރާ ދެކޮޅަށެވެ.
ކޮމެންޓު ފޮނުވާ