ބޮލީވުޑްގެ ސުޕަސްޓަރ ރިތިކް ރޯޝަން އާއި ލޯބިވެރިޔާ ސަބާ އާޒާދް މިވަގުތު ތިބީ ލަންޑަނުގައެވެ. އަދި ދެމީހުން އަންނަނީ އެތަނުގައި ހޭދަކުރަމުން އަންނަ ވަގުތުގެ ފޮޓޯތަށް ސޯޝަލް މީޑީއާގައި ހިއްސާކުރަމުންނެވެ.
އެދެމީހުން ލޯބީގެ ގޮތުން ގުޅިފައި ވަނީ މިއަހަރުގެ ކުރީކޮޅުގައެވެ. އަދި އެމީހުން އެކުގައި ރެސްޓޯރެންޓަކުން ނުކުންނަނިކޮށް ވަނީ ޕަޕަރާޒީން އެމީހުންގެ ފޮޓޯނަގައި އެގުޅުން އިއުލާން ކޮށްފައެވެ.
އެއަށްފަހު އެދެމީހުން އަންނަނީ އެކުގައި އެކިތަންތަނުން ފެންނަމުންނެވެ. އަދި ރިތިކްގެ އާއިލީ ފަންގްޝަން ތަކުގައި ވެސް ސަބާ އަންނަނީ ބައިވެރި ވަމުންނެވެ.
މީގެ އިތުރުން ބޮލީވުޑްގެ ތަރިންގެ އެކި އެކި ހަފްލާ ތަކުންވެސް އަތާ އަތް ޖޯޑުކޮށްގެން ދެތަރިން އަންނަނީ ބައިވެރިވަމުންނެވެ. އަދި ފޮޓޯ ނެގުމުނެ ފުރުސަތުވެސް އަންނަނީ ދެމުންނެވެ.
ސަބާ އާއި ރިތިކް ދިމާވީ ޓްވިޓާއިންނެވެ. އަދި އޭގެ ފަހުން ދެމީހުން ޑީއެމްކޮށް އެކަކު އަނެކަކާއި ގުޅުން ބަދަހިވީއެވެ. އަދި އެފަހުން އެމީހުން ލޯބީގެ ގޮތުން ވަނީ ގުޅިފައެވެ.
މިހާރު ރިތިކްގެ އާއިލާއާ ވެސް ސަބާއާ ވަރަށް ބަދަހި ގުޅުމެއް ވަނީ އުފެދިފައެވެ. އަދި ހަމަ އެއާއެކުގައި އެމީހުން ވަރަށް އަވަހަށް ކައިވެނި ކުރާނެ ކަމަށްވެސް ވަނީ މީޑީއާއިން ރިޕޯޓް ކޮށްފައެވެ.
ރިތިކް އެންމެ ފަހުން ފެނިގެން ގޮސްފައި ވަނީ ފިލްމު ވިކްރަމް ވޭދާއިން އިންނެވެ. އެފިލްމުގައި އޭނާއާ އާއެކުގައި ފެނިގެން ގޮސްފައި ވަނީ ސައިފް އާއި ރާދިކާ އާޕްތޭއެވެ.