އިސްލާމްދީނުގެ ހިދާޔަތަކީ ކިހާވަރެއްގެ ނިޢުމަތެއްކަން އިޙުސާސް ކުރެވޭހެއްޔެވެ؟

އިސްލާމްދީނުގެ ހިދާޔަތަކީ ކިހާވަރެއްގެ ނިޢުމަތެއްކަން އިޙުސާސް ކުރެވޭހެއްޔެވެ؟

الحمد لله والصلاة والسلام على رسول لله وعلى آله وصحبه أجمعين. أما بعد:

ތިބާގެ ދީނަކީ އިސްލާމްދީން ކަމުގައި ތިބާ ބުނަމުއެވެ. ތިބާ އެފޮތަކަށް އީމާންވެ، އެފޮތުގައިވާ ގޮތްތަކަށް ޢަމަލުބަހައްޓަމުން ގެންދާ ފޮތަކީ ޤުރުއާން ކަމުގައި ބުނަމުއެވެ. ތިބާ އަށް ތިބާގެ ދީން އުގުންނައިދީ، ހުރިހާ ކަމެއް މޮޅަށްދެނެވޮޑިގެންވާ ޙާކިމްވަންތަ ﷲ ގެ ޙުކުމްތައް ތިބާއާއި ހަމަޔަށް ގެނެސްދިން ނަބިއްޔާ އަށް ތިބާ އީމާންވެ ކިޔަމަންވާ ކަމުގައި ބުނަމުއެވެ. އަދި ނަމާދުކޮށް ޒަކާތްދީ އެކަލާންގެ ފަރުޟު ކުރެއްވި އެންމެހާ ކަންކަން ކުރަމުއެވެ. އަދި ނަހީ ކުރެއްވި އެންމެހާ ކަންކަމުން ދުރުވެ ހުންނަމުއެވެ. ފެހެ އެހިނދު ތިބާ ދުވަސްތައް ވޭތުކުރަމުން ތިޔަގެންދަނީ ﷲ އެންގެވި ގޮތުގައެވެ. ﷲ ހުކުމް ކުރެއްވި ގޮތުގައެވެ. ތިބާގެ ހިތުގައި އޭގެ ސަބަބުން ހިދާޔަތުގެ ނޫރުއް ލެއްވިއެވެ. ފަނާވަނިވި ދުނިޔޭގައި ތިބާ  ހޭދަކުރާ ދުވަސް ތަކުގައި ބަރާކާތް ލައްވާ ހެޔޮވެގެންވާ ނިމުމެއް ލެއްވިއެވެ.

އިންސާނުން ހައްދަވާ ބޮޑުކުރެއްވި އިލާހު ނޫން ފަރާތަކަށް އިންސާނުންނަށް އެންމެ ރަނގަޅު ގޮތް އެނގޭނެ ހެއްޔެވެ؟  ﷲ ވަޙީ ކުރައްވަވާފައި ވެއެވެ.

﴿الْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ وَأَتْمَمْتُ عَلَيْكُمْ نِعْمَتِي وَرَضِيتُ لَكُمُ الْإِسْلَامَ دِينًا ۚ ﴾

-المائدة: ٣

މާނައީ: "ތިޔަބައިމީހުންގެ ދީން، ތިޔަބައިމީހުންނަށް ތިމަންއިލާހު ފުރިހަމަކޮށްދެއްވައިފީމެވެ. އަދި ތިމަންއިލާހުގެ ނިޢުމަތް، ތިޔަބައިމީހުންގެ މައްޗަށް ތިމަންއިލާހު ފުރިހަމަކޮށްދެއްވައިފީމެވެ.  އަދި އިސްލާމްދީން ތިޔަބައިމީހުންނަށް ދީނެއްކަމުގައި، ތިމަން އިލާހު ރުހިވޮޑިގެންފީމެވެ."

އަދިވެސް ވަޙީ ކުރައްވަވާފައި ވެއެވެ.

﴿إِنَّ الدِّينَ عِندَ اللَّـهِ الْإِسْلَامُ ۗ﴾     -آل عمران: ١٩

މާނައީ: "ހަމަކަށަވަރުން، ﷲ ގެ ޙަޟްރަތުގައި ދީނަކީ، އިސްލާމްދީނެވެ."

މުޅު ދުނިޔެ އެ ދީނަކަށް ޙާޖަތް ޖެހިގެންވާ މާތްވެގެންވާ ދީނަށް ތިބާ ދަޢުވާ ކުރަމުއެވެ. އެ ދީނަކީ ދުނިޔެއަށް ދިމާވެފައިވާ ބަލާތަކާއި މުސީބަތްތަކުގެ ޙައްލު އޮތް ދިނެވެ. ތަފާތު ބަސް ބަހުން ވާހަކަ ދައްކާ، ތަފާތު ސަޤާފަތްތައް ގެންގުޅޭ މީސްތަކުން އެކަތިގަޑެއްގެ ގޮތުގައި ޖަމާކުރާ ދީނެވެ. ހުރިހާ މީސްތަކުންގެ މަޞްލަޙަތުއޮތް ޝަރީޢަތެއް ބަޔާންވެގެންވާ ދީނެވެ. އިންސާނީ ޙައްޤު ތަކާއި މީސްތަކުންގެ ރައްކާތެރިކަން ކަށަވަރުވެފައިވަނީ ހަމައެކަނި ދީނެވެ. ހުރިހާ ނުބައި ޢަމަލުތަކާއި ފިތުނަ ފަސާދަތަކާއި ހަމަ ނުޖެހުމާއި އޮޅުންބޮޅުން އަރައިފައިވާ ޙުކުމްތަކުން ސަލާމަތްވެގެންވާ ދީނެވެ. މީސްތަކުންނަށް އެކަމަކުން ނުވަތަ އެއްޗަކުން ގެއްލުންދެނިވި އެންމެހާ ކަންކަން ކަމެއް ޙަރާމްވެގެންވާ ދީނެވެ. އަދި މީސްތަކުންނަށް ހެވެއް އެކަމެއްގައި ނުވަތަ އެއެއްޗެއްގައި ވާ އެންމެހާ ކަންކަން ހުއްދަ ވެގެންވާ ދީނެވެ. ﷲ ވަޙީ ކުރައްވަވާފައިވެއެވެ.

 

﴿يَأْمُرُهُم بِالْمَعْرُوفِ وَيَنْهَاهُمْ عَنِ الْمُنكَرِ وَيُحِلُّ لَهُمُ الطَّيِّبَاتِ وَيُحَرِّمُ عَلَيْهِمُ الْخَبَائِثَ﴾

-الأعراف: ١٥٧

މާނައީ: "އެކަލޭގެފާނު(ނަބިއްޔާ)، އެއުރެންނަށް ހެޔޮކަންތަކަށް އަމުރުކުރައްވަތެވެ. އަދި ނުބައިކަންތައް އެއުރެންނަށް ނަހީކުރައްވަތެވެ. އަދި ރަނގަޅު ތަކެތި އެއުރެންނަށް ޙަލާލު ކުރައްވަތެވެ. އަދި ނުބައިވެގެންވާ ތަކެތި އެއުރެންނަށް ޙަރާމު ކުރައްވަތެވެ.

އިސްލާމްދީނަކީ ތިބާގެ ހިތުގެ ނޫރެވެ. ﷲ ތިބާއަށް އެ ދީނަކަށް އުޅުމަށް ހިދާޔަތް ދެއްވި މަތިވެރި ވެގެންވާ އިސްލާމްދީނެވެ.  ތިބާއަށް ލިބިފައިވާ މި ނުޢުމަތުގެ ވާހަކަ އަކީ ނުދައްކާ ދޫކޮށްލާ ވަރުގެ ވާހަކައެއް ހެއްޔެވެ؟ ތިބާގެ މި ފުރިހަމަ ވެގެން ވާ އިސްލާމްދީނުގެ ނިޢުމަތާއި މެދު ވިސްނާ ފިކުރު ނުކުރަނީ ހެއްޔެވެ؟ ތިބާގެ ދީނަކީ އިސްލާމްދީން ކަމުގައި އިޚްތިޔާތު ކޮށް، ޢާލަމްތަކުގައި ވެރި ﷲ އަށް އަޅުކަން ޚާލިސް ކުރުމުގެ ހެޔެވިސްނުން ލިބުމަކީ ކިހާބޮޑު ނިޢުމަތެއްހެއްޔެވެ؟

ނިޢުމަތައް ޝުކުރުވެރި ނުވުމަކީ ނުރައްކާތެރި ކަމެކެވެ. އެއީ ނިޢުމަތް ތަކަށް ޝުކުރުވެރި ނުވުމަކީ އެ ނިޢުމަތެއް އެބައެއްގެ މަތިން އުފުލިގެން ހިނގައިދާނެފަދަ ކަމަކަށްވާތީއެވެ. ހިތާމައަކީ އިސްލާމްދީނުގެ ނިޢުމަތަކީ ނިޢުމަތެއްކަން އިޙްސާސް ނުކުރެވޭ ހިތްތައް މިއަދު ގިނަވެފައި ވުމެވެ. ތިބާގެ ލޮލުގެ ފެނުމަކީ ކޮޑަކަމެއް ކަމުގައި ހީކޮށްފައިވާ ފަދައިންނެވެ. އެއީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ހިކުމަތް ތެރިކަމުން އެކަލާންގެ ވަނީ ބުރަޔަކާއި ނުލާއި ނުވަތަ އިޙުސާސް ވުމަކާއި ނުލާއި ލޮލަށް ފެނުމުގެ ނިޒާމާއި ކަންފަތަށް އަޑު އިވުމުގެ ނިޒާމާއި ނޭވާލުމުގެ ނިޒާމާއި އަދި އެހެނިހެން ނިޒާމުތަކުން، ފުރިހަމަ އިންސާނެއްގެ ހަށިގަނޑުގައި ތަރުތީބުކުރައްވަވާފައެވެ. އެހަންކަމުން ބުރަޔަކާއި ނުލައި ތިބާ ތަންތަނަށް ބަލާ ހަދަމުއެވެ. އަދި ބުރަކާއި ނުލައި ތިބާ ޙަރަކާތް ތެރިވަމުއެވެ. މީގެއިން ކަމެއްކޮށް ނިމިގެންދާއިރު ކަމެއް ކުރެވުނުހެން ހީ ވެސް ނުވެއެވެ. ތިބާގެ މިފަދަ ފުރިހަމަ ޖިސްމަކާއި ނުލައި އެންމެ ދުވަހެއް ވޭތު ކޮށްލާނެ ގޮތް ހިތައްގެނެވޭ ހެއްޔެވެ. ވިސްނާލާށެވެ. އިސްލާމްދީނުގެ ނިޢުމަތަކީ ތިބާއަށް ލިބިފައިވާ މިދެންނެވި ފަދަ ނިޢުމަތްތަކަށް ވުރެ ބޮޑު ނިޢުމަތެކެވެ. އެހެނީ ތިބާއށް ލިބިފައިވާ އެންމެހާ ޙިއްސުތަކާއި ތިބާގެ ދުލާއި ތިބާގެ ހިތާއި އަދި އެހެނިހެން ގުނަވަންތަކުގެ ސަލާމަތާއި، ތިބާގެ މުދަލުގެ ރައްކާތެރިކަމާއި، ތިބާ އަށް ލިބިދޭންޖެހޭ އިންސާފާއި ހަމަހަމަކަމާއި، އެންމެހާ ހައްޤުތައް ކަށަވަރު ވުން ގުޅުފައިވަނީ އިސްލާމްދީނާއެވެ.

ފަހެ ﷲ ދެއްވަވާފައިވާ މިފަދަ ގިނަގުނަ ނިޢުމަތްތައް ދެނެގަނެ ޝުކުރުވެރި ވުމަށް ގަދައަޅާ މަސްއްކަތް ކުރަންޖެހެއެވެ.

ﷲގެ ވަޙީބަސްފުޅުގައި ވެއެވެ.

﴿وَإِن تَعُدُّوا نِعْمَتَ اللَّـهِ لَا تُحْصُوهَا ۗ إِنَّ الْإِنسَانَ لَظَلُومٌ كَفَّارٌ ﴾ -إبراهيم: ٣٤

މާނައީ: "ﷲ ގެ ނިޢުމަތްތައް ތިޔަބައިމީހުން ގުނާނަމަ، ތިޔަބައިމީހުންނަކަށް އެ ނިޢުމަތްތައް ޢަދަދެއް ނުކުރެވޭހުށްޓެވެ. ހަމަކަށަވަރުން، އިންސާނާއަކީ، އަނިޔާވެރިވުން ބޮޑު، ޝުކުރުކުރުން ނެތްމީހެކެވެ."

ނިޢުމުތްތަކަށް ހަޤީޤަތުގައި ޝުކުރުވެރި ވެވޭނީ ﷲ އެންގެވި ގޮތަށް ތިބާގެ ޢަމަލުތައް ބަހައްޓައިގެނެވެ. ދިރިއުލުމުގެ މަޤުސަދު އެނޫން ގޮތަކަށް ޙާސިލުވެވޭނެ ހެއްޔެވެ؟

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *