މިސަރުކާރަކީ ދުނިޔެއިން ބަލައިގަންނަ ކާމިޔާބު ސަރުކާރެއްކަން ހާމަވެއްޖެ: ޝާހިދު

މިސަރުކާރަކީ ދުނިޔެއިން ބަލައިގަންނަ ކާމިޔާބު ސަރުކާރެއްކަން ހާމަވެއްޖެ: ޝާހިދު

މިސަރުކާރަކީ މުޅި ދުނިޔެ ބަލައި ގަންނަ ކާމިޔާބު ސަރުކާރެއްކަން ހާމަވެފައިވާކަމަށް ފޮރިން މިނިސްޓަރ ޝާހިދު ވިދާޅުވެއްޖެއެވެ.

ޔޫއެން ހިއުމަން ރައިޓްސް ކައުންސިލްގެ ކުރިޔަށް އޮތް ދައުރު (2023-2025)ގެ ގޮނޑި ރާއްޖެއިން ކާމިޔާބު ކުރުމާއި ގުޅިގެން މިނިސްޓަރ ޝާހިދު ކުރެއްވި ޓުވީޓުގައި ވިދާޅުވީ އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލަށް ރާއްޖެ އިންތިހާބުވުމަކީ ގައުމުތަކުން ރާއްޖޭގެ ހާރިޖީ ސިޔާސަތު ބަލައިގެންފައިވާކަން ހާމަވާ ކަމެއް ކަމަށެވެ.

އެގޮތުން، އެ ކާމިޔާބީއަކީ ސަރުކާރުން އިންސާނީ ހައްގުތައް ހިމާޔަތްކުރުމަށް ކުރަމުންދާ މަސައްކަތްތައް ދުނިޔެ ބަލައިގެންފައިވާ ކަމުގެ ސާފު ހެއްކެއް ކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އެކުލަވާލާފައިވާއިރު އޭގެ އެންމެ އިސް ކަމަކަށް އޮތީ އިންސާނީ ހައްގުތައް ހިމާޔަތްކުރުން ކަމަށެވެ. އެގޮތުގެ މަތިން ސަރުކާރުން މިހާރު ގެންގުޅެމުން އަންނަ ހަރުދަނާ ސިޔާސަތުތައް މުޅި ދުނިޔޭގެ މަޖިލީހުން ގަބޫލުކޮށް ބަލައިގެންފައިވާކަން މިހާރު އެނގިގެންދާ ކަމުގައި ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ ދިވެހިރާއްޖެ ބައިނަލްއަގުވާމީ ދާއިރާގައި އަރިމަތީގައި ތިބި ދުވަސް މާޒީވެ ހިނގައްޖެ ކަމަށެވެ. އަދި މިއަދު ރާއްޖެއާއި މި ސަރުކާރަކީ މުޅި ދުނިޔޭގެ އިތުބާރު ލިބިފައިވާ ކާމިޔާބު ސަރުކާރެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ޔޫއެން ހިއުމަން ރައިޓްސްގެ ކައުންސިލްގެ ގޮނޑިއަށް ރާއްޖެ ވަރަށް ތަނަވަސް އައުލަބިއްޔަތަކުން އިންތިޚާބު ވެގެން ދިޔައިރު، ފޮރިންގ މިނިސްޓްރީންނާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވާ ރާއްޖޭގެ މިޝަންތަކުން މި އިންތިޚާބު ކާމިޔާބު ކުރުމަށް ވަނީ ވަރަށް ވަރުގަދަ ކެމްޕޭނެއް ކޮށްފައެވެ.

ހިއުމަން ރައިޓްސް ކައުންސިލްގައި މިހާރު ތިބި މެމްބަރު ގައުމުތަކުގެ ތެރޭގައި ހިމެނެނީ ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކުގެ ތެރެއިން ދެގައުމެވެ. އެއީ ކިއުބާ އާއި މާޝަލް އައިލޭންޑެވެ. މީގެ ތެރެއިން މާޝަލް އައިލޭންޑްގެ ދައުރު މިއަހަރުގެ ނިޔަލަށް ހަމަވެގެން ދާނެއެވެ.

އެހެންކަމުން ދިވެހިރާއްޖެ މި ކައުންސިލަށް އިންތިޚާބުވެގެން ދިއުން ވެގެން ދާނީ ކުދި ޖަޒީރާގެ ގައުމުތަކުގެ އަޑ،ު އިންސާނީ ޙައްގުތަކާއި ގުޅުންހުރި މައްސަލަތަކުގައި އުފުލަށް ލިބިގެންދިޔަ ފުރުސަތަކަށެވެ. އަދި އޭގެ އިތުރުން، އިންސާނީ ޙައްގުތައް ކުރިއަރުވާ، މިނިވަން މުވައްސަސާތައް ހަރުދަނާކޮށް، ރާއްޖޭގެ ޑިމޮކްރަޓިކް ނިޒާމު އިތުރަށް ހަރުދަނާ ކުރުމަށް މި ކާމިޔާބީގެ ސަބަބުން ރާއްޖެއަށް ވަރަށްބޮޑު އެހީތެރިކަމެއް ލިބިގެން ދާނެއެވެ.

ހަމަ އެއާއެކު މި ކާޔާބީ ފާހަގަވެގެން ދަނީ އިންސާނީ ހައްގުތައް ކުރިއަރުވާ ނެގެހެއްޓުމަށް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތަކަށްވެސް ލިބިގެންދިޔަ ވަރަށް ބޮޑު ކާމިޔާބީއެއްގެ ގޮތުގައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *