ލިވާތު ކުރުމާއި ސިޙާޤު ކުރުމަކީ ޖިނާއީ ބޮޑު ކުށަކަށް ހެދުމަށް ޖިނާއީ އިޖުރާއަތު ޤާނޫނަށް ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ޤާސިމް އިބްރާހިމް އިސްލާހު ހުށަހަޅުއްވި ބިލު ބަލައިނުގަނެ ބޭރުކޮށްލައިފިއެވެ.
މި ބިލު ބަލައިގަންނަން ފެންނަ ކަމަށް ވޯޓު ދެއްވީ އެންމެ ނުވަ މެންބަރުންނެވެ. ނުފެންނަ ކަމަށް 24 މެންބަރުން ވޯޓު ދެއްވިއެވެ. މިދެ އިސްލާހު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައި ގާސިމް ވިދާޅުވެފައިވަނީ، މި އިސްލާހު ހުށަހެޅުއްވީ ލިވާތު ކުރުމާއި ސިޙާޤު ކުރުމަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނުން ބޮޑެތި ކުށްތަކުގެ ތެރޭގައި ހިމެނެންޖެހޭ ކުށްތަކެއްކަމަށް ގަބޫލު ކުރައްވާތީ ކަމުގައެވެ.
ގާސިމް ވިދާޅުވީ މިއީ ބޮޑެތި ކުށްތަކުގެ ގޮތުގައި ކަނޑައެޅުފައި ނުވާނަމަ، މިއީ އާދައިގެ ކުށްތަކުގައި ދެކި، ތަހުގީގީ މަރުހަލާ ނިމުމަށްފަހުވެސް މުޖުތަމަޢަށް ދޫވެ ދިއުމުން މި ކުށްތައް ތަކުރާރު ކުރުމުގެ ފުރުސަތު އެފަރާތްތަކަށް ފަހިވެފައި އޮންނާނޭ ކަމުގައެވެ.
މި އިސްލާހު ހުށަހަޅުއްވަމުން ގާސިމް ފާހަގަ ކުރައްވާފައިވާ ގޮތުގައި، މިފަދަ ނުބައި އަމަލުތައް ހިންގާ ފަރާތްތައް މުޖުތަމަޢުން އެކަހެރި ކުރެވެން ޖެހެއެވެ. އަދި އެމީހުން މުޖުތަމަޢުން އެކަހެރި ނުކުރެވިއްޖެނަމަ، އެމީހުންގެ ވަސްވާހުގައި ޖެހި، އޭގެ އަސަރުތައް އެމީހުންގެ އާއިލާތަކަށާއި އަދި މުޅި މުޖަތަމައަށްވެސް ފޯރުމުގެ ފުރުސަތު އޮނާނެ ކަމަށްވެސް ގާސިމް ވިދާޅުވެފައިވެއެވެ.
މިދެ އިސްލާހުގެ އިތުރުން އިސްލާމް ދީނާ ދެކޮޅު އަމަލު ހިންގާ މީހުންނަށް ގާނޫނުލްއުގޫބާތުގައި ބަޔާންކޮށްފައިވާ ކުށުގެ އަދަބުގެ ދަރަޖަ ބޮޑު ކުރުމަށް މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ހުށަހެޅުއްވި އިސްލާހުވެސް ވަނީ ބޭރުކޮށްލާފައެވެ.
ޤާނޫނުގައި މިހާރު އޮންނަ ގޮތުން ޖިންސީ ކުށެއް ސާބިތުވެއްޖެނަމަ އެމީހަކަށް ފަސް އަހަރާއި، ހަތް އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ. އަދި ޤާނޫނުލް އުޤޫބާތުގެ ދަށުންވެސް އެމީހަކަށް ޖަލުހުކުމެއް އިއްވާނެއެވެ.
ކޮމެންޓު ފޮނުވާ