ރާއްޖޭގެ ކޮރަޕްޝަންގެ ހާލަތު ވަޒަންކޮށް، ކޮރަޕްޝަނާމެދު އާންމު ދެކޭގޮތް ދެނެގަތުމަށް ޚާއްސަ ދިރާސާއެއް ކުރުމަށް އޭސީސީން ވިލާ ކޮލެޖާއެކު އެއްބަސްވުމެއްގައި ސޮއި ކޮށްފިއެވެ. މި އެއްބަސްވުމުގެ މަގުސަދަކީ ރާއްޖޭގައި ކޮރަޕްޝަންގެ ކުށް ހިންގާ ގޮތްތަކާއި، ކޮރަޕްޝަނާއި ގުޅޭގޮތުން އާއްމުން ދެކޭ ގޮތް ބަލުމަށް ގައުމީ ފެންވަރުގެ ދިރާސާއެއްކުރުމެވެ.
ވިލާ ކޮލެޖާއެކީ މި އެއްބސްވުމުގައި ސޮއިކުރުމަށް އެ ކޮލެޖުގައި ބޭއްވުނު ރަސްމިއްޔާތުގައި އޭސީސީގެ މެމްބަރު ޝިޔާމާ މުހައްމަދު ވިދާޅުވީ، ރާއްޖޭގެ އެކި ހިސާބުތަކާއި ކޮރަޕްޝަނާއި ގުޅޭގޮތުން ތަފާތު ވާހަކަތައް ދެކެވޭ ކަމަށާއި، އަދި މިފަދަ ބައެއް ވާހަކަތައް ދެކެވެނީ ބައެއް ދިރާސާތަކުގެ މައްޗަކަށް ކަމަށްވިޔަސް، ޖުމްލަ ގޮތެއްގައި ރާއްޖޭގެ ހުރިހާ ހިސާބެއްގައި ކޮރަޕްޝަންގެ ހާލަތު ދެނެގަނެވި ވަޒަން ކުރެވިފައި ނުވާކަމުގައެވެ. އަދި މިކަމުގެ ހަގީގަތާއި ހަމައަށް މިހާތަނަށް ވާސިލް ވެވިފައި ނުވާކަމަށްވެސް ޝިޔާމާ ވިދާޅުވެފައި ވެއެވެ.
އޭނާ ވިދާޅުވި ގޮތުގައި ކޮރަޕްޝަނާމެދު އާންމުން ދެކޭގޮތް ދެނެގަތުމަށް މި ފަށާއާއި ދިރާސާއާއި ގުޅޭގޮތުންވެސް ބައެއް ފަރާތްތަކުން ސުވާލު އުފައްދާނެ ކަމަށާއި، އެހެންނަމަވެސް ސަރުކާރުތަކުންވެސް ކޮރަޕްޝަނާއި ދެކޮޅު ސިޔާސަތުތައް އެކުލަވާއިރު، ކޮރަޕްޝަނާއި ގުޅޭގޮތުން އާންމުން ދެކޭގޮތް ފެންނާން އޮތުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައެވެ.
މުހިންމު އަނެއް ނުކުތާއަކީ، ނިންމުން ނިންމުމުގައި ބަރޯސާވާނީ ކޯއްޗަކަށްތޯ ކުރެވޭ ސުވާލު. އޭސީސީން ގަބޫލުކުރަނީ، ނިންމުންތައް އަސާސްކުރަންވާނީ އިލްމީ ހޯދުންތަކުގެ މައްޗަށް ކަމަށް، އިނގިރޭސިބަހުން ބުނާނަމަ "އެވިޑެންސް ބޭސްޑް ޑެޝިޝަން މޭކިން". އިލްމީ ދިރާސީ ހެކީގެ މައްޗަށް ބަރޯސާކުރެވޭ ސިޔާސީ ނިންމުންތަކާއި، އިސްތިރާތީޖީ އަދި ތަންފީޒީ ނުވަތަ އޮޕަރޭޝަނަލް ނިންމުންތަކުގެ ފެންވަރު ރަނގަޅު ކަމީ ހަގީގަތެއް.
ޝިޔާމާ ވިދާޅު ވެފައި ވެއެވެ.
ޝިޔާމާ ވިދާޅުވި ގޮތުގައި، މި ދިރާސާ ނިމޭއިރު ކޮރަޕްޝަނާއި ގުޅޭގޮތުން އާންމު ދެކޭގޮތް ސާފުވެގެން ދިއުމުގެ އިތުރުން މި ދިރާސާގެ އަލީގައި ފާއިތުވި 5 އަހަރުގެ ރާއްޖޭގެ ކޮރަޕްޝަންގެ ޓްރެންޑްވެސް އެގިގެން ދާނެއެވެ.