އެމްއެމްޕީއާރުސީ މައްސަލައިގައި ގެއްލުނު ފައިސާ ހޯދޭނެ ކަމަކަށް ނުބެލެވޭ: މުއިއްޒު

އެމްއެމްޕީއާރުސީ މައްސަލައިގައި ގެއްލުނު ފައިސާ ހޯދޭނެ ކަމަކަށް ނުބެލެވޭ: މުއިއްޒު

ގުޅުންހުރި

ރާއްޖޭގެ ތާރީޚުގައި ހިނގި އެންމެ ބޮޑު ޚިޔާނާތުގެ މައްސަލައިގެ ގޮތުގައި ބެލެވޭ އެމްއެމްޕީއާރުސީ މައްސަލާގައި ގެއްލުނު އެއްވެސް ފައިސާއެއް ހޯދޭނެކަމަށް ނުބެލޭކަމުގައި ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް އަހުމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މުއިއްޒު މިހެން ވިދާޅުވީ އެމްއެމްޕީއާރުސީ ޚިޔާނާތުގެ އިތުރު ފަސް މައްސަލައެއްގައި ދައުވާ ކޮށްދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލްގެ (ޕީޖީ) އޮފީހަށް ހުށަހެޅުމަށްޓަކައި، އެ އޮފީހާއެކު މަޝްވަރާތައް ފަށާފައިވާކަމަށް ވިދާޅުވުމާއި ގުޅިގެންނެވެ.

މުއިއްޒު ވިދާޅުވީ އެމް.އެމް.ޕީއާރުސީ މައްސަލައިގެ މާޒީގައި ކަން ހިނގާފައިވާ ގޮތަށް ބަލާއިރު، މިހާރު އަލަށް ދައުވާ ކުރުމަށް މަަސައްކަތް ކުރަމުންދާ އެއްވެސް މީހެއްގެ މައްޗަށް ކުށް ސާބިތުވެ، ގެއްލުނު ފައިސާ ހޯދޭނެ ކަމަކަށް ނުފެންނަ ކަމަށެވެ. މުއިއިއްޒު ވިދާޅުވީ މިމައްސަލާގައި އެންމެ ބޮޑު ކަންބޮޑުވުމެއް އޮތްކަމަކީ ޤާނޫނުން ބޭރުން މިމައްސަލާގައި ވަކި ބަޔަކާއިއެކު އެއްބަސްވުންތަކެއް ހަދައި އާދަޔާއި ޚިލާފް ލުއިތަކެއް ދިނުންކަމަށެވެ.

އެމް.އެމް.ޕީއާރުސީ މައްސަލައިގައި ދައުލަތުން ވައްކަން ކުރި ބޮޑުންނަށް އާދަޔާހިލާފު ލުއިތަކެއް ލިބޭގޮތަށް ޕީޖީ އޮފީހުން އެއްބާރުލުން ދިނުމުގެ އެއްބަސްވުންތަކެއް ހެދީ ޖިނާއީ އިޖުރާތު ޤާނުނުން ބޭރުން. އޭގެ ސަބަބުން ދައުލަތަށް ލިބެންޖެހޭ އެއްވެސް ފައިސާއެއް ހޯދިފައެއް ނެތް. ކުރިއަށް އޮތް ތަނުގައި ހޯދޭނޭކަމުގެ އުންމީދެއްވެސް ނެތް. ކުރީގެ ޕީޖީ މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ މިމައްސަލާގައި މިހާރުވެސް ކުރަންވީ އެންމެ މުހިންމު ކަމަކީ މިމައްސަލާގައި ޝާމިލުވާ ބޮޑުންނަށް ލުއިދިން މީހުންނާއި، އެއްބަސްވުންތައް ހެދި މީހުންގެ މައްސަލަތައް ބެލުންކަމަށެވެ.

އެމް.އެމްޕީއާރުސީ ބޭނުންކޮށްގެން ދައުލަތުގެ ހަޒާނާއިން ވައްކަން ކުރި ބޮޑުންގެ މައްޗަށް ބައެއް ދައުވާތައް ނުކުރެވޭ ގޮތަށް، އަދި ދައުލަތަށް ލިބެންޖެހޭ ފައިސާވެސް ނުލިބޭ ގޮތަށް އެމީހުންނާއެކު އެއްބަސްވުންތައް ހެދި މީހުންގެ މައްސަލަ ބެލުން މާ ރަނގަޅުވާނެ ކަމަށް ފެނޭ. ކުރީގެ ޕީޖީ މުއިއްޒު ވިދާޅުވިއެވެ.

އެމް.އެމް.ޕީ.އާރު.ސީ މެދުވެރިކޮށް ހިންގާފައިވާ ވައްކަމާއި ޚިޔާނާތުގެ މައްސަލައިގައި ބައިވެރިވިކަމަށް ނުވަތަ މަންފާ ލިބުނުކަމަށް ތުހުމަތުކުރެވޭ 281 ފަރާތެއްގެ ނަން މަޖިލީހުން އާންމުކުރި މިލިސްޓުގައި ހިމެނެއެވެ. އޭގެ ތެރޭގައި ދަޢުލަތުގެ އެކިއެކި މަޤާމުގައި ތިބި 119 މީހަކު ހިމެނެއެވެ. މީގެ ތެރޭގައި މިހާރު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން 16 މެންބަރަކުވެސް ހިމެނެއެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާތައް ބޭނުންކޮށްފައި ވަނީ ސިޔާސީ މަންފާތަކެއް ހޯދުމަށްކަމަށް އެސެޓް ރިކަވަރީ ކޮމިޝަނުން ވަނީ ބުނެފައެވެ. މިހާތަނަށް ކުރެވުނު ތަހުޤީޤުތަކުން އެނގޭ ގޮތުގައި އެމްއެމްޕީއާރުސީގެ ޚިޔާނާތް 3.4 ބިލިޔަން ރުފިޔާއަށް އަރައެވެ. އޭސީސީން މަސައްކަތް ކުރަމުންދަނީ ގެއްލިފައިވާ ނުވަތަ ވަގަށް ނަގާފައިވާ ފައިސާތައް އަނބުރާ ދައުލަތަށް ހޯދުމަށް އެކޮމިޝަނުން ވިދާޅުވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ