ގަވައިދާއި އެއްގޮތަށް ނަންބޯޑު ބަދަލު ކުރުމަށް 1،410 މީހަކަށް ނަސޭހަތް ދީފި

ގަވައިދާއި އެއްގޮތަށް ނަންބޯޑު ބަދަލު ކުރުމަށް 1،410 މީހަކަށް ނަސޭހަތް ދީފި

Author
މުޙައްމަދު ޝަޒައިމް
07 އޮކްޓޯބަރ 2022 11:10
0

ގަވައިދާއި އެއްގޮތަށް ނަންބޯޑު ބަދަލު ކުރުމަށް 1،410 މީހަކަށް ނަސޭހަތް ދީފިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން މިދިޔަ މަހުގެ ފަހުކޮޅު ކުރި އިއުލާނެއްގައި ބުނެފައިވަނީ ނަންބަރު ބޯޑް ހުންނަން ޖެހޭ ކަމަށް ގަވާއިދުގައި ބުނާ އުސޫލަށް އަމަލު ކުރަން ފަށައި އުސޫލާ ޚިލާފަށް ނަންބަރު ބޯޑު ހުންނަ ވެހިކަލުތަކާ މެދު މިމަހުގެ ދެވަނަ ދުވަހުން ފެށިގެން ފިޔަވަޅު އަޅަން ފަށާނެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުގެ ނަންބަރު ބޯޑް ގަވާއިދާ ޚިލާފަށް ހުރުމުގެ ސަބަބުން މިދިޔަ ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހުން ފެށިގެން މިއަދާ ހަމައަށް ޖުމުލަ 1410 މީހަކަށް ނަސޭހަތް ދީފައިވާ ކަމަށެވެ.

މިދިޔަ މަހުގެ 21 ވަނަ ދުވަހު ފުލުހުން ބުނެފައިވަނީ ގަވާއިދުގައި ބުނާ އުސޫލުތަކާ ޚިލާފަށް ނަންބަރު ބޯޑު ހުންނަ ވެހިކަލުތަކާމެދު ފިޔަވަޅު އަޅައި މި މަހުގެ ދެވަނަ ދުވަހުން ފެށިގެން ޖޫރިމަނާ ކުރަން ފަށާނެ ކަމަށެވެ. ނަމަވެސް އަދި މިހާތަނަށް އެފަދަ ފިޔަވަޅެއް އަޅާފައި ނުވެއެވެ.

އެއްގަމު އުޅަނދުގެ ނަން ބޯޑު ގަވާއިދާއި ޚިލާފަށް ހުރުމުގެ ސަބަބުން، މިދިޔަ މަހުގެ 20 ވަނަ ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް މާލެ ސަރަހައްދުން 1،410 މީހަކަށް އެކަން ރަނގަޅު ކުރުމަށް ނަސޭހަތް ތެރިވެފައިވޭ. މިހާތަނަށް އެއްވެސް މީހަކު ޖޫރިމަނާ ކޮށްފައިނުވޭ.

– ފުލުހުން ވިދާޅުވެފައިވެއެވެ.

ގަވާއިދުގައިވާ ގޮތުން ނަންބަރު ބޯޑުގެ އަކުރުތައް ހުންނަން ވާނީ "އޭރިއަލް ބޯލްޑް" ފޮންޓުންނެވެ. އަދި ނަންބަރު ބޯޑުގެ އަކުރުތަކުގެ ސައިޒު ހުންނަންވާނެ ގޮތް ވެސް ކުރެހުމާ އެކު އެ ގަވާއިދުގައި ހިމަނާފައިވެއެވެ.

ނަންބަރު ބޯޑު ހަރުކުރުމަށް ޖަހައިފައި ހުންނަ އިސްކުރު އެއް ސެންޓިމީޓަރަށް ވުރެ ދިގުކޮށް ނަންބަރު ބޯޑުގެ ބޭރަށް ނިކުމެފައި ހުރުމަކީ ގަވާއިދުގައިވާ ގޮތުން މަނާ ކަމެކެވެ. އަދި ބޯޑުގައި ހުންނަ އަކުރުތައް ވަކިން ކަނޑާ ނަގައިގެން ބޭނުންކުރުމާއި އަކުރުތައް އެއް މިލިމީޓަރަށް ވުރެ އުސްކޮށް އުފުލިފައި ހުންނަ ގޮތަށް ހަދައިގެން ބޭނުންކުރުމަކީ ވެސް މަނާކަމެކެވެ.

ގަވާއިދާ ހިލާފަށް ނަންބަރު ބޯޑު ހަރުކޮށްފައި ހުންނަ ވެހިކަލްތަކަށް އަންނަ މަހުން ފެށިގެން ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ބުނެފައިވާއިރު، ގަވާއިދާ ހިލާފަށް ރަޖިސްޓްރީ ކޮށްފައިވާ ގިނަ ވެހިކަލްތަކެއްގެ ރަޖިސްޓްރީ ވެސް ޓްރާންސްޕޯޓު މިނިސްޓްރީން މި ހަފްތާގައި ވަނީ ބާތިލްކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.