ރައީސް ޔާމީންގެ ފަހަތުގައި އޮތް ޓީމު ރޫޅާލެވޭ ބަޔަކު ނެތް: އަދުރޭ

ރައީސް ޔާމީންގެ ފަހަތުގައި އޮތް ޓީމު ރޫޅާލެވޭ ބަޔަކު ނެތް: އަދުރޭ

Author
މުޙައްމަދު ޝަޒައިމް
07 އޮކްޓޯބަރ 2022 10:59
0

އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަން އަދި އިދިކޮޅު ރިރާސީ ކެނޑިޑޭޓް ރައީސް ޔާމީންގެ ފަހަތުގައި މަސައްކަތް ކުރަމުންދާ ޓީމު ރޫޅާލެވޭ ވަރުގެ ބަޔަކު ނުތިބޭނެ ކަމުގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް ވިދާޅުވެއްޖެއެވެ.

އިދިކޮޅު ކޯލިޝަނުން ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޕީއެންސީގެ ރައީސް އަބްދުއްރަހީމް ވަނީ ޕީޕީއެމް ޕީއެންސީގެ ތެރޭގައި ޚިޔާލްތަފާތުންތަކެއް އުޅޭކަމަށްބުނެ ދައްކަމުންދާ ވާހަކަތަކަށް ރައްދު ދެއްވާފައެވެ. އޭނާ ވިދާޅުވީ ޕީޕީއެމް، ޕީއެންސީއަކީ އެއްޓީމެއްގެ ގޮތުގައި މަސައްކަތް ކުރާ އެއްބައެއް ކަމަށެވެ.

މިއަދު ރައީސް ޔާމީނަށާއި، ޕީޕީއެމްއާއި މާހެޔޮ އެދޭ ލީޑަރުންތަކަށް ވެގެން ތަފާތު ވާހަތައް ދައްކައި، ޕީޕީއެމް ޕީއެންސީ ބައިބައި ކޮށްލުމަށް އެކި ޕާޓީތަކުން ދައްކަމުންދާ ވާހަތަކަކީ އެއްވެސް ތާކުންތާކު ޖެހޭ ވާހަކަތަކެއް ނޫންކަމަށް އޭނާ ވިދާޅުވިއެވެ. ވަކި ފަރުދަކަށް ހެޔިއެދިގެން ވާހަކަ ދެއްކުމުގެ ކުރިން ޤައުމާއި ދީނާއި، ރައްޔިތުންގެ ހައްގުގައި ވަކާލާތުކޮށް ބަސްބުނަން ނުކުރެވޭ ސަބަބެއް އޮވެގެން ނުވާނެކަމަށް އަދުރޭ ވަނީ ވިދާޅުވެފައެވެ.

ޤައުމީ ރޫހުގައި ޤައުމީ ޖޯޝުގައި. ރައީސް ޔާމީނާއި ރައީސް ޔާމީންގެ ޓީމު ރޫޅާލެވޭ ބަޔަކު ނޫޅޭނެ. ޕީޕީއެމްއަށް ހެޔޮ އެދޭ އެހެން ޕާޓީއެއް އެހެން ލީޑަރެއް ނެތް. ޤައުމާއި ދީނުމުގެ ދިފާއުގައި ތެދުނުވާ ބަޔަކު ވަކި މީހެއްގެ ދިފާއުގައި ނިކުންނާނެ ކަމެއްނެތް. ޕީޕީއެމް ޕީއެންސީގައި ފައިސާއަށް ވިކޭނެ ބަޔަކުނެތް. ޕީޕީއެމްގައި ގަނެގެން ގެންދެވޭނެ ބަޔަކު ނެތް.

– އަދުރޭ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ޕީޕީއެމްގެ ލީޑަރޝިޕް އޮތީ ވަރަށް ބަދަހިކޮށް ރައީސް ޔާމީން 2023 ވަނަ އަހަރު ރައީސްކަމަށް އިންތިޚާބު ކުރުމަށް ވަރުގަދަ އަޒުމުގައިކަމަށެވެ. ޕީޕީއެމް ޕީއެންސީން ކުރާ މަަސައްކަތަކީ އެއް އަމާޒަކަށް ވާޒިލް ވުމަށް ކުރެވޭ މަސައްކަތަށްވާއިރު، މިކަމުގައި އެއްވެސް ޚިޔާލު ތަފާތުވުމެއް ނޯންނާނެކަމަށް އަދުރޭ ވިދާޅުވިއެވެ.

އަޅުގަނޑުމެންނަކީ އެއްބައެއް. އެއްޓީމެއް. އަޅުގަނޑުމެން މިކުރާ މަސައްކަތުގައި އަޅުގަނޑުމެންގެ ޚިޔާލު ތަފާތުވުމެއް ނޯންނާނެ. މިޤައުމު ސަލާމަތްކުރަން ރައީސް ޔާމީނާއިއެކީގައި ސާބިތުވެ ތިބުމުގައި އަޅުގަނޑުމެންގެ އަޒުމު ގުޑުވައެއް ނުލެވޭނެ. ޕީޕީއެމް، ޕީއެންސީ ބައިބައި ކުރަން ކުރާ އެއްވެސް މަސައްކަތަކަށް ހަމަހިލާ އަޅުގަނޑުމެން ޖާގަ ނުދޭނަން. ޕީޕީއެމް ޕީއެންސީގެ ލަޝްކަރު އޮތީ އެއަށްވުރެ މާވަރުގަދަޔަށް.

– އަދުރޭ ވިދާޅުވިއެވެ.

އަދުރޭ މިހެން ވިދާޅުވި ނަމަވެސް، ރައީސް ޔާމީނަށް ޖަލު ހުކުމެއް އައިސް ކުރިމަތި ނުލެވޭނެކަމަށް ބަލައި ޕީޕީއެމްގެ ތެރޭގައި ފެކްޝަންތަކެއް އޮތްކަމަށް މީޑިއާތަކުގައި ދަނީ ވާހަކަ ދެކެވެމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.