ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް އެޗްގައި ބެންފީކާ އާއި ޕީއެސްޖީ ބައްދަލުކުރި މެޗު އެއްވަރުވެއްޖެއެވެ.
ބެންފީކާގެ ދަނޑުގައި ކުޅުނު މިމެޗް ނިމުނީ 1-1 ގެ ނަތީޖާއަކުން ދެޓީމް އެއްވަރު ވެގެންނެވެ. ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ޕީއެސްޖީއިންނެވެ. މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 22 ވަނަ މިނެޓްގައި ޖަހާ ލީޑު ނެގީ ޕީއެސްޖީއިންނެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ލިއޮނެލް މެސީއެވެ. ނަމަވެސް މެޗްގެ 41 ވަނަ މިނެޓްގައި ބެންފީކާގެ އެންޒޯ ފެނާންޑޭޒް ނެގި ހުރަހެއް ޕީއެސްޖީގެ ޑެނީލޯ ޕެރޭރާ ގައިގާ ޖެހިފާ ބައިކޮޅަށް ވަން ގޯލާއެކު ބެންފީކާއިން ވަނީ މެޗްގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ.
މިމެޗްގައި އިތުރު ލަނޑު ތަކެއް ފެނިގެން ގޮސްފައިނުވަނީ ދެޓީމްގެ ދެކީޕަރުން ކަމަށްވާ ޖިއާންލުއިޖީ ޑޮނަރޫމާ އާއި އޮޑީސީސް ވްލަޗޮޑިމޯސްގެ ސަބަބުންނެވެ. މިދެކީޕަރުންވެސް ވަނީ ނުރައްކާތެރި ހަމަލާތަކެއް ދިފާއުކޮށްފައެވެ.
މިމެޗް އެއްވަރު ވުމާއެކު މިދެޓީމްވެސް މިފަހަރުގެ މުބާރާތުގައި އަދި ބަލިވެފައެއް ނުވެއެވެ. މިގޮތުން މިދެޓީމަށްވެސް މިހާރު އުޅެނީ ކުޅުނު ތިން މެޗުން ލިބިފައިވާ 7 ޕޮއިންޓާއެކު ތާވަލްގެ އެއްވަނަ އާއި ދެވަނައިގައެވެ. މިގްރޫޕްގައި ޔުވެންޓަސް އާއި މެކަބީ ހައިފާ ބައްދަލުކުރިމެޗް 3 ލަނޑު ސުންލަނޑުން ކާމިޔާބުކުރީ ޔުވެންޓަސްއެވެ. މިއީ މިފަހަރުގެ މުބާރާތުގައި އެޓީމް މޮޅުވި ފުރަތަމަ މެޗެވެ.