މިހާރު ކުރިޔަށްދާ، ވ. އާރަށް ކުއްޔަށް ދީގެން ދައުލަތަށް ލިބެންޖެހޭ ފައިސާއަށް ޚިޔާނާތްތެރިވިކަމުގެ ތުހުމަތުގައި ރައީސް ޔާމީނާއި ދެކޮޅަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑަރކުރުމާއި ރިޝްވަތު ޤަބޫލުކުރިކަމުގެ ކުށުގެ ދައުވާގެ ޝަރީއަތަކީ އެމްއެމްޕީއާރުސީގެ ޚިޔާނާތާއި ގުޅިގެން ޔާމިންގެ މައްޗަށް ކުރެވެމުންދާ ދެވަނަ ދައުވާއެވެ.
ފުރަތަމަ ކުރެވުނު ދައުވާގައި 5 އަހަރުގެ ޖަލު ހުކުމަކާއެކު ބޮޑު ޖޫރިމާނާއެއް ޔާމިންގެ މައްޗަށް އައި ނަމަވެސް، އެންމެ މަތީ މަރުހަލާއިންވަނީ، ޔާމިންގެ ޖަލު ހުކުމް ބާތިލް ކޮށްފަައެވެ. އެހެންނަމަވެސް ސުޕްރިމް ކޯޓުގެ ހުކުމުން އެގެން އޮތް ގޮތުގައި އެމްއެމްޕީއާރުސީގެ ފައިސާއިން ޔާމިން އިންވެސްޓް ކޮށްފައިވަނީ އަދީބު އަތުން ލިބިވަޑައިގެންނެވި ފައިސާ ކަމުގައި ގަބޫލު ކޮށްގެން ނަމަވެސް، އެ ހުކުމުގައި 3 ފަނޑިޔާރުންވެސް ވިދާޅުވެފައިވަނީ އެއީ އެފައިސާއާމެދު ކަން ކުރާންޖެހޭ ގޮތް ނޫން ކަމުގައެވެ. އަދި އެފައިސާއިން އިންވެސްޓް ކުރި އިރުވެސް އެފައިސާގެ ހަގީގަތާމެދު ސުވާލު އުފެދިފައިވާ ކަމުގައި ހުކުމުގެ ވިދާޅުވެފައި ވެއެވެ.
މި ފައިސާއާމެދު ދައުލަތުގެ އިދާރާތަކުން ތަހުގީގު ކުރާކަން އެގިހުރެ، މި ފައިސާއިން އިންވެސްޓް ކުރުމަކީ، ތަހުގީގު އިދާރާތަކުން ގާނޫނީ އިމުގެ ތެރެއިން ކުރާ ތަހުގީގު ތަކަށާއި، ބަލާބެލުންތަކަށް ފަރުވާލެއް ނުބަހައްޓައި، ދައުލަތުގެ އެއްބައިވަންތަކަން ދެމެހެއްޓުމަށް ރައީސުލްޖުމްހޫރިއްޔާއަށް ގާނޫނު އަސާސީން މަތިކޮށްފައިވާ ޒިންމާއަށް ބެލުމެއްނެތި، ގާނޫނުގެ ވެރިކަން ކުރިޔަށް ނެރުމުގެ ބަދަލުގައި ތިމާގެ އަމިއްލަ މަންފާ އިސްކުރުމުގެ އަމަލެއް ކަމުގައި ބެލެވޭ އަމަލެކެވެ.
ރައީސް ޔާމިންގެ މައްޗަށް ކުރެވުނު 5 އަހަރުގެ ޖަލުހުކުމް ބާތިލް ކުރުމަށް ސުޕްރިމް ކޯޓުން ކުރި ހުކުމުގައި ވިދާޅުވެފައި ވެއެވެ.
އެހެންނަމަވެސް އިސްވެ ދެންނެވުނު ހުކުމުން ޔާމިން ޖަލުން މިނިވަން ވެފައިވިނަމަވެސް، އޭރުވެސް ޔާމިންގެ މައްޗަށް ކުރެވޭ އެހެނިހެން ތުހުމަތުތަކާއި ގުޅުންހުރި ތަހުގީގުތަކާއި އަދި ދައުވާތައް ދިޔައީ ކުރިޔަށެވެ. މިގޮތުން އެންމެ ފަހުން ދައުލަތުން ޔާމިންގެ މައްޗަށް ކުރި ދައުވާއަކީ، ވ. އާރަށް ކުއްޔަށް ދިނުމުގައި 1 މިލިއަންޑޮރަގެ ރިޝްވަތު ގަބޫލުކޮށް ފައިސާ ލޯންޑަރ ކުރިކަމަށް ދައުލަތުން ކުރާ ދައުވާއެވެ. އޭގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ މައްޗަށް ދައުލަތުން ކުރަނީ ރިޝްވަތު ދިނުމުގެ ދައުވާއެވެ.
މިގޮތުން މި ދެ ދައުވާގެ ޝަރީއަތުގެ އަޑުއެހުންތަކުގެ ވަރަށް ބޮޑުބައި ކަޑައްތު ކުރެވި، ހެކިންގެ ހެކިބަސް ނަގާ، އެންމެ ފަހުން ބޭއްވުނު އަޑު އެހުން ޚާއްސަ ކުރެވުވިގެން ދިޔައީ ހެއްކާއި ބެހޭގޮތުން ދެފަރާތުން ވާހަކަ ދެއްކުމަށެވެ.
އެހެންނަމަވެސް ޝަރީއަތުގެ މި އަޑުއެހުން ފެށިގެން ދިޔައީ، ޔާމިންގެ ދިފާއުގައި ހެކިބަސްދިން، ޔާމީނަށް ސިޔާސީ ގޮތުން ތާޢީދުކުރާ، ގާތް ސިޔާސީ ބައެއް ފަރާތްތަކުން ޝަރީއަތުގެ މަޖިލިހުގައި ދޮގުހެކި ދީފައިވާކަން ސާބިތު ކުރުމަށް ދައުލަތުން ހުށަހެޅި ގިނަ ލިޔެކިޔުންތަކާއެކު އެވެ. އަދި މި ލިޔެކިޔުންތައް ޝަރީއަތުގެ މަޖިލިހަށް ދައުލަތުން ހުށަހެޅުމާއި ގުޅިގެން މިކަމާއި ދެކޮޅަށް އިހުތިޖާޖުކޮށް، ލިޔުންތައް ބަލައިނުގަތުމަށް ޔާމިންގެ ވަކީލުންވަނީ ގާޒީގެ ކިބައިން އެދިވަޑައިގެންފައެވެ.
ޔާމިންގެ ދިފާއުގައި ދޮގު ހެކި ދިންކަން ސާބިތު ކުރުމަށް ގިނަ ލިޔުންތަކެއް!
ވ. އާރަށް ކުއްޔަށް ދީގެން ދައުލަތަށް ލިބެންޖެހޭ ފައިސާއަށް ޚިޔާނާތްތެރިވިކަމުގެ ތުހުމަތުގައި ޔާމީންގެ މައްޗަށް ކުރާ ދައުވާގެ ދިފާއެއްގެ ގޮތުގައި ޝަރީއަތުގައި ދިފާއީ ވަކީލުން ބޭނުންކުރެއްވި އެންމެ ބޮޑު ދިފާއަކަށް ވެގެން ގޮސްފައިވަނީ، ޔާމިން ކުރެއްވީ ޑޮލަރުގެ ސައްޙަ މުއާމަލާތެއްކަން ސާބިތު ކޮށްދިނުމަށެވެ.
މިގޮތުން މި ޑޮލަރުގެ މުއާމަލާތުގެ ސައްޙަކަން ކަށަވަރު ކޮށްދިނުމުގެ ގޮތުން ޔާމިންގެ ފަރާތުން ޝަރީއަތަށް ހުށަހެޅުއްވީ، ސިޔާސީ ގޮތުން ގާތްކަން އޮންނަ އަދި އަމިއްލަފުޅު ޕާޓީގައިވެސް އިސް ސަފުގައި ހަރަކާތްތެރިވަމުންދާ ބައެއް ސިޔާސީ ފަރާތްތަކެވެ.
ދިފާއުގައި ޔާމީންގެ ފަރާތްޕުޅުން މިމައްސަލާގައި ހުށަހަޅާފައިވަނީ 7 ހެކިންނެވެ. މީގެ ތެރޭގައި ހިމެނެނީ، ވެރިކަމުގެ ފަހު ދުވަސްކޮޅުން ފެށިގެން ޔާމިންއާއި ގާތްކަން އޮންނަ ފަރާތެއް ކަމުގައިވާ، މާލޭ ސިޓީކައުންސިލްގެ މިހާރުގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝްއާއި، ޔާމިންގ ވެރިކަމުގެ ޔޫތު މިނިސްޓަރުކަން ކުރެއްވި އަހުމަދު ޒުހޫރުގެ އިތުރުން އޭރުގެ އިކޮނޮމިކް މިނިސްޓަރު އަދި މިހާރު މާވަށު ދާއިރާގެ މަޖިލިސް މެމްބަރު، ޕީއެންސީގެ ނާއިބު ރައީސް މުހައްމަދު ސައީދުގެ އިތުރުން ކުރީގެ ސްޓޭޓް މިނިސްޓަރ މުޖުތާޒުއާއި މުހައްމަދު ރަޝީދު ކިޔާމީހެކެވެ.
އާންމު އުސޫލުން ޝަރީއަތުގެ މަޖިލިހުގައި ތެދުބަހުން ވާހަކަ ދެއްކުމަށް މާތްﷲ ގަންދީ ހުވާ ކުރުމަށްފަހު، މި ހުރިހާ ފަރާތްތަކުންވެސް ޔާމިންގެ ދިފާއުގައި ހެކިބަސް ދެމުން ދިޔައިރު، ހެކިބަހުގެ ސައްޙަކަމާއި ގުޅޭގޮތުން ސުވާލު އުފެދޭ ބައެއް ކަންކަން އެހުންތެރީންނަށް ފާހަގަވެ، އެވާހަކަތައް މީޑިއާތަކުގައި ރިޕޯޓު ކޮށްފައިވެސް ވެއެވެ.
އޭގެ ތެރޭގައި އެއް ކަމެއްގެ ގޮތުގައި ފާހަގަވެގެން ދިޔައީ، ޔޫސުފް ނައީމްއާއި ހަވާލު ކުރުމަށް ޔާމިން ހަވާލުކުރި 1 މިލިއަން ޑޮލަރަށްވާ ދިވެހި ފައިސާ އަމިއްލަ އަތުން ގުނިކަމަށް، ހެކިބަސް ދެމުން ޝަރީއަތުގެ މަޖިލިހުގައި ނަރީޝް ދެއްކި ވާހަކަ ތަކެވެ. ސަބަބަކަށް ވެގެން ދިޔައީ، އެއް ހާހުގެ ނޫޓޫން ނުވަތަ ފައްސަތޭގައިގެ ނޫޓުތައް ކަމުގައިވި ނަމަވެސް، އެއް މިލިއަން ޑޮލަރަށްވާ ދިވެހި ފައިސާ އެމިންވަރަށް ހުރިކަން ޔަގީން ކުރުމަށް އަމިއްލަ އަތުން ގުނުމަށް އެތައް ގަޑިއެރެއް ހޭދަކުރާން ޖެހޭނެތީއެވެ.
އެއް މިލިއަން ޑޮލަރަށްވާ ދިވެހި ރުފިޔާ އެއްހާސް ރުފިޔާގެ ނޫޓުން ގުނުމަށް، ސިކުންތަކު ނޫޓެއް ގުނައިގެން ވެސް، 4 ގަޑި އިރުން މެނުވީ އަތުން ގުނައިގެން 15 މިލިއަން ރުފިޔާ ގުނާ ނިންމައެއް ނުލެވޭނެއެވެ. ފައްސަތޭކައިގެ ނޫޓުން ބަލާނަމަ މިއީ 8 ގަޑި އިރެވެ.
ހެކިބަސް ދެމުން ނަރީޝް ބުނެފައިވަނީ ޔާމިން ޔޫސުފް ނައީމްއާއި ހަވާލު ކުރުމަށް ދެއްވި 1 މިލިއަން ޑޮލަރަށްވާ ދިވެހި ފައިސާގައި އެއަދަދަށް ފައިސާ ހުރިކަން ޔަގީން ކުރުމަށް ފައިސާ ގުނިކަމުގައެވެ. އަދި މީގެ އިތުރުންވެސް ޔާމިންގެ ދިފާއުގައި ހެކިބަސް ދިން ބައެއް ފަރާތްތަކާއި ދައުލަތުން ކުރި ސުވާލުތަކުގެ ޖަވާބުގައި، ޔާމިންގެ ގެއަށް ފައިސާ ބަލާ ދިޔައީ ރޭގަޑުކަމެއް ނުވަތަ ދުވާލުކަމެއް ހަދާން ނެތްކަމަށްވެސް ބުނެފައި ވެއެވެ.
އެހެންނަމަވެސް މި ދެންނެވުނު ހުރިހާ ކަންކަމަކީ ހެކިން ދެއްކި ވާހަކަތަކުން ފާހަގަވާން ހުރިކަންކަން ކަމުގައި ވިނަމަވެސް، މިކަންކަމުގެ މައްޗަށް، އެންމެ ފަހުން ބޭއްވުނު އަޑު އެހުމުގައި ދައުލަތުންވަނީ، މި ފަރާތްތަކުން ޝަރީއަތުގައި ދީފައިވަނީ ދޮގު ހެކިކަން ސާބިތުކޮށްދިނުމުގެ ގޮތުން ގިނަ ލިޔުންތަކެއް ހުށަހަޅާފައެވެ.
ނަރީޝް، ސައީދު އަދި ޒުހޫރު ދޮގު ހެކިދިން ކަމަށް ބުނެ ދައުލަތުން ލިޔެ ކިޔުންތަކެއް!
ކުރިޔަށްދާ ޔާމިންގެ ޝަރީއަތުގައި ހެކިބަސް ނަގާ ނިމިފައި ވަނިކޮށް، އިއްޔެ ދައުލަތުން ޝަރީއަތަށް ހުށެހެޅި ގިނަ ލިޔެކިޔުންތަކަކަކީ، ޔާމިންގެ ދިފާއުގައި ދޮގުހެކި ދީފައިވާކަން ސާބިތު ކޮށްދިނުމުގެ ގޮތުން ހުށަހަޅާފައިވާ ލިޔުންތަކެވެ. އަދި މި ލިޔުންތަކާއި ގުޅޭގޮތުން ގާޒީ ޝަކީލުވަނީ ދެފަރާރަށްވެސް ވާހަކަ ދެއްކުމުގެ ފުރުސަތު ދެއްވާފައެވެ.
ދައުލަތުން އިއްޔެގެ ޝަރީއަތަށް ހުށަހެޅި ލިޔުންތަކާއި ގުޅޭ ސާފު މައުލޫމާތު ހާމަވެފައި ނުވި ނަމަވެސް، ދައުވާލިބޭ ޔޫސުފް ނައީމުގް ވަކީލު ހަމްޒާ ލަތީފް މި ލިޔެކިޔުންތަކާއި ގުޅޭގޮތުން ދެއްކެވި ވާހަކަތަކުން އެނގޭ ގޮތުގައި ދައުލަތުން ހުށަހަޅާފައިވާ ލިޔުންތަކުގެ ތެރޭގައި، ޔާމިންގެ ދިފާއުގައި ހެކިބަސްދިން އަހުމަދު ނަރީޝްއާއި ގުޅުންހުރި ލިޔުންތަކެއް ހިމެނެއެވެ. އޭގެ ތެރޭގައި، ޔާމިން ވިދާޅުވެގެން ޔޫސުފް ނައީމާއި އެއް މިލިއަން ޑޮލަރު ހަވާލުކުރިކަމަށް ހެކިބަސް ދިން ނަރީޝް އޭރު ވަޒީފާ އަދާކުރަމުން ދިޔަ މުއްސަސާ (އެމްއެންޑީއެފް)ގެ ހާޒިރީގެ ރެކޯޑް ހިމެނެއެވެ.
މިލިޔެކިޔުންތަކުން އެގެން ހުރި ގޮތުގައި އެދުވަސްވަރު ޔާމިންއާއި ގާތް ގުޅުންތަކެއް ބޭއްވިކަމަށް ނަރީޝް ބުނާއިރު، އޭރު އޭނާ ވަޒީފާ އަދާކުރަމުން ދިޔައީ ސިފައިންގެ ވަޒީފާގައެވެ. ނަރީޝް ސިފައިންގެ ވަޒީފާއިން ވަކި ކޮށްފައިވަނީ، އޭރުގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ނާއިބު ރައީސްކަމުން ވަކި ކުރުމަށްފަހު، އަހުމަދު އަދީބު އޭރު ހިންގި ސިޔާސީ ހަރަކާތްތަކުގައި ބައިވެރި ވުމުގެ ކުށުގައެވެ.
އޭގެ އިތުރުންވެސް ދައުލަތުން ޝަރީއަތަށް ހުށަހެޅުއްވި ލިޔެ ކިޔުންތަކުގެ ތެރޭގައި، އޭރުގެ އިކޮނިމިކް މިނިސްޓަރު، މިހާރު ރައްޔިތުންގެ މަޖިލިހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދާއި، އޭރުގެ ކެބިނެޓް ވަޒީރެއް ކަމުގައިވާ އަހުމަދު ޒުހޫރު ޝަރީއަތުގައި ދެއްވި ހެކިބަސް ނަފީކުރުމަށް ހުށަހެޅި ލިޔެކިޔުންތައްވެސް ހިމެނޭކަން ޝަރީއަތުގައި ދެއްކި ވާހަކަ ތަކުން އެގެން ހުރެއެވެ.
އޭގެ ތެރޭގައި މި ދެބޭފުޅުންވެސް ޔާމިންގެ ވެރިކަމުގައި އީވައިސީގައި މަސައްކަތް ކުރެއްވިއިރު ސޮއި ކޮށްފައިވާ އޭރުގެ ޔައުމިއްޔާތަށް ހިމެނޭކަން ހާމަވީވެސް، ޝަރީއަތުގައި، ދައުވާލިބޭ ޔޫސުފް ނައީމުގް ވަކީލު ހަމްޒާ ލަތީފް މި ލިޔެކިޔުންތަކާއި ގުޅޭގޮތުން ދެއްކެވި ވާހަކަތަކުންނެވެ. ދައުލަތުން ހުށަހެޅި ލިޔުންތަކާއި ގުޅޭގޮތުން ޔޫސުފް ނައީމްގެ ވަކީލު ވިދާޅުވީ ދައުލަތުން ހުށަހެޅި ލިޔުންތަކުގެ ތެރޭގައި ސަރުކާރުގެ އޮފީސްތަކުގެ ހާޒިރީ ޝީޓްތަކާއި، 2015 ވަނަ އަހަރާއި 2019 ވަނަ އަހަރާއި ދެމެދުގެ ޔައުމިއްޔާތައްވެސް ހިމެނޭ ކަމަށާއި އެހެންކަމުން އެ ލިޔުންތައް ކުރިންވެސް ހުށަހެޅުމުގެ ފުރުސަތު ދައުލަތަށް އޮތް ކަމުގައެވެ.
ވ. އާރަށުގެ މައްސަލާގައި ހެކިބަސް ނެގުމަށް އެންމެ ފަހުން ބޭއްވި ޝަރީއަތުގެ އަޑުއެހުމުގައި، ޔާމިން ދިފާއުގައި ހެކިބަސް ދެއްވަމުން ސައީދުއާއި ޒުހޫރުވެސް ވަނީ، ދައުލަތުން ހުށަހަޅާފަ އޮތް، ސޮއިކޮށްފަ ނެތް އީވައިސީގެ ޔައުމިއްޔާއެއް އެބޭފުޅުން އަތަށް ދެއްވާ އޭގެ ސައްހަކަމާމެދު ދިފާއީ ވަކީލުން ސުވާލު ކުރެއްވުމުން އެއީ ސައްހަ ނޫން ޔައުމިއްޔާއެއްކަމުގައި ވިދާޅުވެފައެވެ. އަދި އެ އަޑުއެހުމުގައި ދެބޭފުޅުންވެސް ހެކިބަސް ދެމުން ވިދާޅުވެފައިވަނީ، އެ ދެބޭފުޅުން ސޮއި ނުކުރައްވާ ޔައުމިއްޔާއެއް އޮވެގެން ނުވާނެކަމަށެވެ.
އެހެންނަމަވެސް، އީވައިސީގެ ޔައުމިއްޔާތަށް ހުށަހެޅުއްވުމަށްފަހު، އިއްޔެގެ ޝަރީއަތުގައި ދައުލަތުގެ ވަކީލުން ވިދާޅުވެފައިވަނީ ޔައުމިއްޔާތަށް ހުށަހެހެޅުއްވީ، އެ ދެބޭފުޅުން ސޮއި ނުކުރައްވާ ޔައުމިއްޔާއެއް އޮވެގެން ނުވާނެކަމަށް ވިދާޅުވެ ޝަރީއަތުގެ މަޖިލިހުގައި ދެބޭފުޅުންވެސް ހެކިބަސް ދެއްވާފައިވާތީ، ދެބޭފުޅުންގެ ހެކިބަހުގައި ސައްޙަކަމެއް ނެތްކަން ސާބިތު ކޮށްދިނުމަށް ކަމަށެވެ.
ދައުލަތުން ޝަރީއަތަށް ހުށަހަޅުއްވާފައިވާކަމަށް ބެލެވެނީ، އާރަށް ކުއްޔަށް ދިނުމާއި ގުޅޭގޮތުން ދެބޭފުޅުންވެސް ސޮއި ކުރެއްވި، އޭރުގެ އިކޮނޮމިކް ކައުންސިލްގެ ބައްދަލުވުންތަކުގެ ބައެއް ޔައުމިއްޔާތަކެވެ.
ދޮގު ހެކި ދިންކަމަށް ބުނެ ދައުލަތުން ހުށަހެޅި ހުށަހެޅުންތައް ބަލައިގެންފިނަމަ ބޮޑެތި ގޮންޖެހުންތަކެއް!
ޔާމިންގެ ދިފާއުގައި، ޔާމިންއާއި ގާތްކަން އޮންނަ ސިޔާސީ ފަރާތްތަކުން ދޮގު ހެކި ދީފައިވާކަން ސާބިތު ކުރުމަށް ޝަރީއަތަށް ހުށަހަޅާފައިވާ ލިޔެކިޔުންތައް ބަލައި ނުގަތުމަށް ޔާމިންގެ ވަކީލުންގެ ފަރާތުން އެދިފައި ވާއިރު، މި މަރުހަލާގައި އާ ލިޔެކިޔުންތަކެއް ހުށަހަޅުއްވައިގެން އާ ހެކިތައް ހުށަހަޅުމުން ދާނަމަ، ޝަރީއަތަށް ދުވަހަކުވެސް ނިމުމެއް ނާންނާނެ ކަމަށާއި، ދައުލަތުން ހުށަހެޅި ލިޔުންތައް ޝަރީއަތަށް ހުށަހަޅަންޖެހުނު ސަބަބުވެސް ނުވިސްނޭކަމަށް ޔޫސުފް ނައީމްގެ ވަކީލު ވިދާޅު ވެފައި ވެއެވެ.
މި ވާހަކަތަކަށް ޖަވާބު ދެއްވަމުން ދައުލަތުގެ ވަކީލުން ވިދާޅުވީ، ދައުލަތުން ހުށަހެޅި އާ ލިޔެކުޔުންތަކުގެ ތެރޭގައި ހިމެނޭ އީވައިސީގެ ޔައުމިއްޔާތަކަކީ، ޔާމިންގެ ދިފާއުގައި ހެކިބަސްދެމުން، ކުރީގެ ދެ ވަޒީރުން ކަމުގައިވާ މުހައްމަދު ސައީދުއާއި އަހުމަދު ޒުހޫރު، އާރަށުގެ މުއާމަލާތާއި ގުޅިގެން އޭރުގެ އީވައިސީގައި ކުރެވުނު މަޝްވަރާތަކާއި ގުޅޭ އެއްވެސް ޔައުމިއްޔާއެއްގައި ސޮއި ނުކުރައްވާކަމަށާއި، އަދި ސޮއި ނުކުރައްވާ އެއްވެސް ޔައުމިއްޔާއެއް އޮވެގެން ނުވާނެކަމަށް ވިދާޅުވެ ހެކިބަސް ދީފައިވާތީ އެ ހެކިބަސް ނަފީ ކުރުމުގެ ގޮތުން ހުށެހެޅި ލިޔެކިޔުންތައް ކަމުގައެވެ.
ޔާމީންއާއި ޔޫސުފް ނައީމްގެ ދިފާއީ ވަކީލުންގެ ވާހަކަތަކަށް ރައްދު ދެމުން، ލިޔުންތައް ހުށަހަޅަންޖެހުނު ގޮތުގެ ތަފްސީލްތަކަށް ދިއުމުގެ ފުރުސަތު ގާޒީ ދައުލަތަށް ދެއްވާފައެއް ނުވެއެވެ. ގާޒީ ވިދާޅުވީ މިމަރުހަލާގައި ދެއްކޭނީ އެ ލިޔުންތައް ބަލައިގަތުމާ ގުޅޭ ވާހަކަތައް ކަމުގައެވެ. އަދި ގާޒީ ޝަކީލް ވިދާޅުވެފައިވަނީ ދެން އޮންނަ އަޑު އެހުމެއްގައި ލިޔުންތަކާއި ގުޅޭގޮތުން ގޮތެއް ނިންމަވާނޭ ކަމުގައެވެ.
އެހެންކަމުން، މިހާރު ކުރިޔަށްދާ ޝަރީއަތުގެ އަޑު އެހުންތަކުގައި، ޔާމިންގެ ފަރާތުން ދިފާއުގައި ހެކިބަސް ދީފައިވާ ގިނަ ފަރާތްތަކުން ދީފައިވާ ހެކިބަހަކީ ގުޅި ލާމެހިގެންދާ ގޮތަށް ދީފައިވާ ހެކި ބަހަކަށް ވާއިރު، ހެކިބަސް ދިން ބައެއް ފަރާތްތަކުގެ ހެކިބަސް ހުށަހެޅި ލިޔުންތަކުން ނަފީވެގެން ހިގައްޖެނަމަ، ނުވަތަ އެފަރާތްތަކުން ދޮގު ހެކި ދީފައިވާކަން ޝަރިއަތަށް ސާބިތު ވެއްޖެނަމަ، އެކަން ވެގެންދާނީ ކުރިޔަށްދާ ޝަރީއަތުގައި ޔާމިނަށް ކުރިމަތި ވެގެންދާނެ ވަރަށްވެސް ބޮޑު ގޮންޖެހުމަކަށެވެ.
އެކަން، އަންނަ ނޮވެމްބަރުމަހުގެ 17 ވަނަ ދުވަހަށް ތާވަލު ކޮށްފައިވާ ޝަރިއަތުގެ އަޑުއެހުމުން ސާފު ވެގެން ދާނެއެވެ.