ކޮރަޕްޝަންގެ އަމަލެއްގައި މިހާރުގެ މެނޭޖްމަންޓުގެ ބައިވެރިވުމެއް ނޯންނާނެ: އަލީ ޚާލިދު

ކޮރަޕްޝަންގެ އަމަލެއްގައި މިހާރުގެ މެނޭޖްމަންޓުގެ ބައިވެރިވުމެއް ނޯންނާނެ: އަލީ ޚާލިދު

Author
މުޙައްމަދު ޝަޒައިމް
05 އޮކްޓޯބަރ 2022 08:09
0

ދައުލަތުގެ މީޑިއާ ޕީއެސްއެމްއިން ހިންގާފައިވާ ކޮރަޕްޝަންގެ އެއްވެސް ޢަމަލެއްގައި މިހާރުގެ މެނޭޖުމަންޓުގެ ބައިވެރިވުމެއް ނޯންނާނެކަމަށާއި އެފަދަ ކަމެއް އޮޑިޓުންވެސް އަދި އޭސީސީންވެސް ފާހަގަކޮށްފައި ނުވާ ކަމަށް ޕީއެމްއެމްގެ މެނޭޖިން ޑިރެކްޓަރ އަލީ ޚާލިދު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގެ ބޯޑުގެ ޗެއާމަން އިބްރާހިމް ހިލްމީ އާއި މެނޭޖިން ޑިރެކްޓަރު އަލީ ހާލިދު ރައްޔިތުން މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް ކޮމިޓީން އަށް ހާޒިރުކުރީ، ޕީއެސްއެމްގެ ކުރީގެ ޗީފް އިންޓާނަލް އޮޑިޓަރު އަހުމަދު ފަޒީލް އެ ކުންފުންޏަށް ކޮށްފައިވާ ކޮރަޕްޝަންގެ ބޮޑު ތުހުމަތާ ގުޅިގެން ޖަވާބުދާރީ ވެވަޑައިގަތުމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް ކޮމިޓީން އަންނަނީ ޕީއެސްއެމްގެ އިންޓާނަލް އޮޑިޓް ޑިޕާޓްމަންޓް އުވައިލި މައްސަަލަ ބަލަމުންނެވެ.

މިދިޔަ ހަފުތާގައި ފަޒީލް އެ ކޮމެޓީ އަށް ހާޒިރުކުރުމުން އޭނާ ވިދާޅުވެފައި ވަނީ އެ ކުންފުނީގެ އޮޑިޓް ޑިޕާޓްމަންޓުން މިދިޔަ އަހަރުގެ ނިޔަލަށް 30 މައްސަލައެއް ބަލައި، 14 ރިޕޯޓެއް ތައްޔާރުކޮށް، ބޯޑަށް ހުށަހެޅި ކަމަށެވެ. އެކަމަކު އެ ރިޕޯޓުތަކާ ގުޅިގެން ޕީއެސްއެމްގެ ބޯޑުން އެއްވެސް ފިޔަވަޅެއް ނޭޅި ކަމަށެވެ. އެ ވާހަކަ ދިފާއުކުރައްވައި ހިލްމީ މިއަދު ވިދާޅުވީ ފަޒީލް އެކުލަވާލެއްވި އެއްވެސް ރިޕޯޓެއް ކުންފުނީގެ ބޯޑަށް ލިބިފައި ނުވާ ކަމަށެވެ. ބޯޑަށް ލިބިފައި ވަނީ އެ ކުންފުނީގެ އެމްޑީ، ހާލިދު އެކުލަވާލެއްވި ހާއްސަ ކޮމެޓީއަކުން ރަނގަޅު ކުރަން ހުށަހެޅި ބައެއް ކަންކަމުގެ ރިޕޯޓްތަކެއް ކަމަށެވެ. ހިލްމީ ވިދާޅުވީ އޮޑިޓު ޑިޕާޓްމެންޓު އުވާލާފައިވަނީ އެ ތަނުން މާ ބޮޑު އެދެވޭ މަސައްކަތްތަކެއް ނުކުރެވިމ، ނަތީޖާތަކެއް ހާސިލްނުވާތީ ކަމަށެވެ.

އެހެންނަމަވެސް އެ ޑިޕާޓްމެންޓު އުވާލުމުގައި ފިނޭންސް މިނިސްޓްރީ އަދި ޕީސީބީގެ ލަފާ ހޯދާފައި ނުވާނެ ކަމަށް ކޮމިޓީ މެންބަރުން ތަކުރާރުކޮށް ސުވާލުކުރުމުން ހިލްމީ ވިދާޅުވެފައިވެއެވެ. ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަލީ ހާލިދު ވިދާޅުވި ގޮތުގައި މިހާރުގެ މެނޭޖުމަންޓުން ހިންގާފައިވާ އެއްވެސް ކޮރަޕްޝަންގެ އަމަލެއް ނޯންނާނެ ކަމަށާއި އެފަދަ ކަމެއް އޮޑިޓުން ވެސް އަދި އޭސީސީން ވެސް ފާހަގަކޮށްފައި ނުވާ ކަމަށެވެ. އޮޑިޓުގައި ފާހަގަކޮށްފައިވާ ގިނަ ކަންކަމަކީ ކުރީގެ މެނޭޖުމަންޓުން ހިންގާފައިވާ ކޮރަޕްޝަންގެ އަމަލުތައް ކަމަށް ހާލިދާއި ހިލްމީ ވެސް ވަނީ ވިދާޅުވެފައެވެ.

ހާލިދު ވިދާޅުވި ގޮތުގައި، އެ ކުންފުނީގެ އާ މެނޭޖުމަންޓް ހަވާލުވިއިރު ވަރަށް ބައިވަރު މައްސަލަތައް ހުރި ކަމަށާއި އަދި ހަވާލުވިތާ ފަސް ދުވަސް ތެރޭގައި އެ މައްސަލަތަކުގެ ތެރެއިން 14 މައްސަލައެއް އޭސީސީ އަށް ވެސް ހުށަހެޅި ކަމަށެވެ. އަދި އޭގެ ފަހުން ހާއްސަ އޮޑިޓް ކޮމެޓީއެއް އޭނާގެ އިސްނެންގެވުމުގެ މަތިން އެކުލަވާލައްވައި، އެ މައްސަލަތަކުގެ ތަފުސީލީ ރިޕޯޓެއް ވެސް ފަހުން އެސީސީ އަށާއި މަޖިލީހަށް ވެސް ހުށަހެޅުއްވި ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.