ހދ.ނޭކުރެންދޫގައި ސަރުކާރުން ޢިމާރާތްކުރުމަށް ވަޢުދުވި ރިހިބިލިޓޭޝަން ސެންޓަރު ނުވަތަ ޖަލު މި ސައުރުގެ ތެރޭގައި ނުނިމޭނެކަމަށް އެންމެ ފަހުން ހޯމް މިނިސްޓްރީން އެއްބަސްވެއްޖެއެވެ.
ނޭކުރެންދޫގައި މިދައުރުގެ ތެރޭގައި ޖަލެއް އަޅާނެކަމަށް ސަރުކާރުން ދިޔައީ ތަކުރާރުކޮށް ބުނަމުންނެވެ. މި މަޝްރޫޢު ލަސްވާތީ މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޢީ ވަނީ އެތައް ފަހަރަކު ހޯމް މިނިސްޓަރ ޢިމްރާން މަޖިލީހަށް ހާޒިރުކޮށް ސުވާލުކުރައްވާފައެވެ. އަދި މިނިސްޓަރ ވަނީ ޖަލު އަޅާނެކަމުގެ ޔަޤީންކަންވެސް ދެއްވާގައެވެ. ނަމަވެސް މިހާތަނަށް އެކަމުގެ މަސައްކަތް ނުކުރެވޭތީ ރާޢީ ވަނީ މިނިސްޓަރ ޢިމްރާނަށް ފާޑުވިދާލުވެ ހިތްޕުޅު ހަމަނުޖެހުންވެސް ފާޅުކުރައްވާފައެވެ.
މިގޮތުން މިއަދުގެ ޖަލްސާގައިވެސް މެންބަރު ރާޢީ ވަނީ ނޭކުރެންދޫ ޖަލުގެ މަސައްކަތް ގޮސްފައިވާ ހިސާބެއް ލިޔުން ޖަވާބު ހޯދުމަށް އެދިފައެވެ. މި ސުވާލުގެ ޖަވާބުގައި މިނިސްޓަރ ވަނީ ވަރަށް ދިގުކޮށް ޖަވާބު ދެއްވާފައެވެ. އެ ޖަވާބުގައި މިނިސްޓަރ ވިދާޅުވީ، އަންނަ އަހަރުގެ ނިޔަލަށް ނިންމައިލެވޭނީ ޖަލުގެ ވަށާފާރުގެ މަސައްކަތާއި ޖަލު ކުރެހުމުގެ މަސައްކަތް އެކަނިކަމަށެވެ. މިނިސްޓަރ ވިދާޅުވީ ޖަލުގެ މަސައްކަތް ލަސްވާ އެއް ސަބަބަކީ އެ މަސައްކަތަށް ސަރުކާރުގެ ބަޖެޓުގައި ހިމެނި ފައިސާގެ އަދަދު މަދުވުމުންނެވެ. މިއަހަރުގެ ބަޖެޓުގައި އެ މަސައްކަތަށް ކަނޑައަޅާފައި އޮތީ 10 މިލިޔަން ރުފިޔާ ކަމަށާއި އަންނަ އަހަރަށް ވެސް ހިމަނާނީ 10 މިލިޔަން ރުފިޔާކަމަށާއި، މި ދައުރުގައި ނޭކުރެންދޫ ޖަލުގެ މަސައްކަތް ނުނިމުނަސް އެއީ ޖަލުގެ ހާލަތު ރަނގަޅުކުރަން ކޮންމެހެން ކުރިއަށް ގެންދަން ޖެހޭ މަޝްރޫއަކަށް ވާތީ ކުރިއަށް އޮތް ދައުރުގައި ވެސް އެ މަސައްކަތް ހުއްޓާނުލައި ކުރިއަށް ގެންގޮސް ނިންމާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މި ފައިސާއިން 2023 ވަަނަ އަހަރުގެ ނިޔަލަށް ނިންމައިލެވޭނެ ކަމަށް އެސްޓިމޭޓްކުރެވެނީ ޖަލުގެ ވަށާ ފާރާއި އަދި ޖަލުގެ ކޮންސެޕްޓާއި ތަފްސީލުކޮށް ކުރެހުމުގެ މަސައްކަތްތައް.
– މިނިސްޓަރ ޢިމްރާން ވިދާޅުވިއެވެ.
ހދ. ނޭކުރަންދޫގައި ޖަލެއް ހެދުމަށް 2020ވަނަ އަހަރުގެ ބަޖެޓުންވަނީ 4.17 މިލިޔަން ރުފިޔާ ހިމަނާ ފައެވެ. ކޯވިޑް-19 އާއި ގުޅިގެން މަސައްކަތް ހުއްޓިފައިވީނަމަވެސް އަލުން އެމަސައްކަތް ފެށުމަށްޓަކައި މަސައްކަތްކުރެވެމުްނދިޔަކަމަށް ހޯމް މިނިސްޓަރ އިމްރާން ކުރިންވަނީ ވިދާޅުވެފައެވެ.
ނޭކުރެންދޫގައި ޖަލެއް ހެދުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ ރިޔާސީ ވައުދުފުޅަކަށް ވުމާއެކު އެޖަލު ވެގެންދާނީ އެތަނުގައި ރިހިބިލިޓޭޝަން ފަރުވާދެވި، ބައެއް ކަހަލަ ކުށްކޮށްފައިވާ ޤައިދީން އަލުން އަވަހަށް މުޖުތަމައަށް ނެރެވޭފަދަ އިންތިޒާމު ތަކާއެކު ހަދާ ޖަލަކަށް ވާނެކަމަށް ހޯމް މިނިސްޓަރ ވަނީ މީގެ ކުރިންވެސް އެކި ފަހަރު މަތީން ވިދާޅުވެފައެވެ.