މިހާރު ހިގަމުންދާ ޔޫކުރެއިން ހަގުރާމާގައި ރަޝިއާއިން ހިފާފައިވާ ޔޫކުރެއިންގެ 4 ސަރަހައްދަކީ ރަޝިއާގެ ސަރަހައްދުތައް ކަމުގައި ކަޑައެޅުމަށް އެގައުމުގެ ގާނޫނުހަދާ މަޖިލީހުން ފާސްކުރި ގާނޫނު ރަޝިއާގެ ރައީސް ލާޑިމިރު ޕުޓިން ތަސްދީގު ކުރައްވައިފިއެވެ.
ޔޫކުރެއިން ހަނގުރާމާގައި، ރަޝިއާއިން ހިފާފައިވާ ޑޮނެސްކް، ލުހާންސްކް، ޚާސަންގެ އިތުރުން ޒެޕޯރިޒިއާ އަކީ ރަޝިއާގެ ސަރަހައްދުތައްކަމަށް ރަސްމީކޮށް ނިންމާފައިވަނީ މި ސަރަހައްދުގައި ޚިޔާލު ހޯދުމުގެ ނަމުގައި، ފާއިތުވި ސެޕްޓެމްބަރުމަހުގެ 23 އިން 27 އަށް، ރަޝިއާއިން ބޭއްވި ފެންނަ ނުފެންނަ ވޯޓަކަށްފަހުއެވެ. ރަޝިއާއިން ބުނެފައިވަނީ މި ސަރަހައްދުތަކުގެ އާންމު ރައްޔިތުން ރަޝިއާއާއި ގުޅެން ބޭނުންތޯ ބެލުމުގެ ނަމުގައި، ނެގި ފެންނަ ނުފެންނަ ވޯޓުގެ ނަތީޖާއިން އެ ސަރަހައްދުތައް އެގައުމާއި ގުޅުމަށް ބޮޑު އައުލަބިއްޔަތެއް ވޯޓު ދީފައިވާކަމުގައެވެ.
ފާއިތުވެދިޔަ ސެޕްޓެމްބަރުމަހުގެ 30ވަނަ ދުވަހު ކްރެމްލިންގައި ބޭއްވުނު ރަސްމިއްޔާތެއްގައި، މި ސަރަހައްދުތަކަކީ ރަޝިއާގެ ސަރަހައްދުތަކުގެ ގޮތުގައި ރަސްމީކޮށް ކަނޑައަޅާފައިވަނީ ޚާއްސަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާޓުގައި މި ސަރަހައްދުތަކަށް ރަޝިއާއިން އައްޔަންކުރި އިސްވެރިންނާއި ރަޝިއާގެ ރައީސް ޕުޓިން ވަނީ، މި 4 ސަރަހައްދަކީވެސް ރަޝިއާގެ ބައެއްގެ ގޮތުގައި ނިންމުމަށްޓަކާ ލިޔެކިޔުންތަކުގައި ސޮކުރައްވާފައެވެ.
ރަޝިއާގެ ގާނުނުހަދާ މަޖިލިހުންވަނީ މި ހަފްތާގެ ކުރީކޮޅު މި ހަތަރު ސަރަހައްދަކީވެސް ރަޝިއާގެ ސަރަހައްދުތައްކަމަށް ކަޑައެޅުމަށް ފާސްކޮށްފައެވެ.
ރަޝިއާއިން އަލަށް އެގައުމުގެ ސަރަހައްދުތަކުގެ ގޮތުގައި ހަމަޖެއްސި ސަރަހައްދުތަކުގެ ބޯޑަރުތައް ކުރަހާފައިވާ ގޮތެއް އަދި ސާފެއް ނުވެއެވެ. އެހެންނަމަވެސް ރަޝިއާއިން ބުނެފައިވަނީ އެގައުމުގެ ހުރިހާ ސަރަހައްދެވެއް އެގައުމުން ހިމާޔަތް ކުރާނެކަމަށެވެ. އަދި ރަޝިއާގެ "ހުރި ހުރިހާ ބާރެއްގެ ބޭނުން ކޮށްގެންވެސް" މިސަރަހައްދުތައް ހިމާޔަތް ކުރާނޭކަމަށް އެގައުމުގެ ރައީސް ލާޑިމިރު ޕުޓިން ވިދާޅުވި ވިދާޅުވުން ގިނަ ބަޔަކު މޭރުން ކުރަމުންދަނީ މިހާރު ކުރިޔަށްދާ ހަނގުރާމާގައި ނިއުކުލިއަރ ހަތިޔާރުގެ ބޭނުން ކުރާނޭކަމަށް ޕުޓިން ދެއްވި އިންޒާރެއްގެ ގޮތުގައެވެ.
ޔޫކުރެއިންގެ ސަރަހައްދު ތަކަކީ އެގައުމުގެ ބައެއްގެ ގޮތުގައި ރަޝިއާއިން ނިންމުމާއި ގުޅިގެން ޔޫކުރެއިންއިން ބުނެފައިވަނީ މި ނިންމުމާއި ގުޅިގެން ކުރިޔަށްދާ ހަގުރާމައަށް އެއްވެސް ބަދަލެއް ނާންނާނެކަމަށާއި، އަގައުމުގެ ހުރިހާ ސަރަހައްދެއްވެސް އަބުރާ ހޯދުމަށް ހަގުރާމަ ކުރަމުން ދާނޭކަމުގައެވެ. އެމެރިކާއާއި ޔޫރަޕްގެ ގައުމުތަކުން ބުނެފައިވަނީ އެގައުމުތަކުން ދުވަހަކުވެސް މިސަރަހައްދުތައް ރަޝިއާގެ ސަރަހައްދުތަކުގެ ގޮތުގައި ބަލައި ނުގަންނާނޭ ކަމުގައެވެ.
ޔޫކުރެއިން ސަރުކާރުގެ އިތުރުން ޔޫރަޕާއި ހުޅަނގުގެ ގައުމުތަކުންވެސް، ރަޝިއާއިން ލަދުވެތިވާން ޖެހޭނޭ ކަމެއްގެ ގޮތުގައި ސިފަ ކުރަމުން އައި ވޯޓު ރަޝިއާއަށް ތާއީދުކުރާ ފަރާތްތަކުން ބާއްވާފައިވަނީ ބައިނަލްއަގުވާމީ އެއްވެސް ފަރާތެއްގެ ބައިވެރިވުމެއް ނެތި، އަދި މިނިވަން އެއްވެސް ފަރާތަކުން މޮނިޓަރ ކުރުމަކާވެސް ނުލައެވެ.
ޔޫކުރެއިންގެ ސަރަހައްދުތައް ރަޝިއާއި ގުޅުވާލުމަށް އަމާޒުކޮށް ބޭއްވިގެންދިޔަ "ގާނޫނާ ޚިލާފް" މި ވޯޓަށްފަހު ރަޝިއާއާއި ދެކޮޅަށް އެމެރިކާއިންވަނީ ދަތިކުރުމުގެ އާ ފިޔަވަޅުތަކެއް އަޅާފައެވެ. އަދި ޔޫކުރެއިންގެ ރައީސް ޒެލެންސްކީވަނީ އެގައުމުގެ ހުރިހާ ސަރަހައްދެއްވެސް ހިމާޔަތް ކުރުމަށް ހަގުރާމަ ކުރަމުންދާނޭކަމުގެ އިންޒާރު ދީފައެވެ.
ރަޝިއާއިންވަނީ 2014ވަނަ އަހަރުން ފެށިގެން ޔޫކުރެއިންގެ ކްރައިމިއާ ސަރަހައްދަކީ އެގައުމުގެ ބައެއްކަމަށް ހަމަޖައްސާފައެވެ. އެހެންނަމަވެސް މިއަދާއި ހަމައަށްވެސް ބައިނަލްއަގުވާމީ މުޖުތަމަޢުން މިސަރަހައްދަކީ ރަޝިއާގެ ސަރަހައްދެއްގެ ގޮތުގައި ބަލައިގެންފައެއް ނުވެއެވެ.
ކޮމެންޓު ފޮނުވާ