ވޭތުވެދިޔަ 50 އަހަރުގެ ތެރޭގައި ރާއްޖޭގެ ފަތުރުވެރިކަމަށް އެކި ގޮތްގޮތުން ޚިދުމަތް ކުރެއްވި 77 ފަރާތަކަށް ޕްރެޒިޑެންޓްސް ޓޫރިޒަމް ގޯލްޑް އެވޯޑް ދެއްވައިފިއެވެ.
މިއެވޯޑުތައް ދެއްވާފައިވަނީ ތުރުވެރިކަމަށް 50 އަހަރުފުރުން ފާހަގަކުރުމަށް ބޭއްވި ގާލާ އިވްނިންގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙެވެ. ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރުފުރުން ފާހަގަކުރުމަށްޓަކައި ގާލާ އިވްނިންގައިވަނީ މިއަދު މިދެކޭ ފަތުރުވެރިކަމުގެ ރަންޒަމާން ގެނެސްދިނުމަށް އެކި ގޮތްގޮތުން މަސައްކަތްކުރެއްވި ބޭފުޅުންނަށް އެކަމުގެ އަގުވަޒަންކޮށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޕްރެޒިޑެންޓްސް ޓޫރިޒަމް ގޯލްޑް އެވޯޑް ދެއްވާފައެވެ. މިގޮތުން ރާއްޖޭގެ ފަތުރުވެރިކަމުގެ 3 ބާނީން ކަމަށްވާ މުޙައްމަދު ޢުމަރު މަނިކަށާއި ޙުސެއިން އަފީފްއާއި އަޙްމަދު ނަސީމްއަށްވަނީ އެވޯޑުދެއްވާފައެވެ.
މިރަސްމިއްޔާތުގައިވަނީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަން ކުރެއްވި ބޭފުޅުންނަށް އެބޭފުޅުންގެ ޒަޢާމަތުގައި ފަތުރުވެރިކަން ކުރިއަރުވައި ތަރައްޤީކުރުމަށް ކޮށްދެއްވި މަސައްކަތް ފާހަގަކޮށް ޕްރެޒިޑެންޓްސް ޓޫރިޒަމް ގޯލްޑް އެވޯޑް ދެއްވާފައެވެ. މިގޮތުން ރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް އިބްރާހިމް ނާސިރު ރާއްޖޭގެ ފަތުރުވެރިކަން ފައްޓަވާ ދެއްވުމަށް ކުރެއްވި މަސައްކަތްޕުޅާއި، ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ރާއްޖޭގެ ފަތުރުވެރިކަން ބައިނަލްއަޤުވާމީ ބްރޭންޑަކަށް ހެއްދެވުމަށް ކޮށްދެއްވި މަސައްކަތް ފާހަގަކުރައްވާވަނީ އެވޯޑު ދެއްވާފައެވެ.
ރާއްޖޭގައި ފަތުރުވެރިކަން އެހެން ޙަރުފަތަކަށް ގެންދެވުމަށް ރައީސް މުޙައްމަދު ނަޝީދު ގެސްޓހައުސް ޓޫރިޒަމް ފައްޓަވާ ކޮށްދެއްވި ޚިދުމަތް ފާހަގަކޮށް އެމަނިކުފާނަށްވެސްވަނީ އެވޯޑު ދެއްވަފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ފަތުރުވެރިކަމުގައި ހޭދަކުރެއްވި 12 އަހަރުގެ ތެރޭގައި ޒުވާނުން މިދާއިރާއިން ބިނާކުރުމަށް ކޮށްދެއްވި ޚިދުމަތުގެ އަގުވަޒަންކޮށްވަނީ އެވޯޑު ދެއްވާފައެވެ.
President @ibusolih also presents ‘The President’s Tourism Gold Awards’ to recipients who have made outstanding contributions to the advancement of tourism in the Maldives over the last 50 years. pic.twitter.com/STPaqJHSfq
— The President's Office (@presidencymv) October 3, 2022
މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް ޓޫރިޒަމް ޑރ.މައުސޫމް ވިދާޅުވީ ރާއްޖޭގައި ވަރަށް އިޖާދީ ޚިޔާލުތަކާއެކު ވަރަށް ދުރަށް ރާއްޖޭގެ ފަތުރުވެރިކަން ގެންދެވިދާނެ ހުނަރުވެރި ޒުވާނުން ރާއްޖޭގައި އެބަތިބިކަމަށެވެ. އެހެންކަމުން ރާއްޖޭގެ ފަތުރުވެރިކަމުގެ މުސްތަޤުބަލު އޮތީ ވަރަށް އުއްމީދީކޮށް ކަމަށް މިނިސްޓަރ މައުސޫމް ވިދާޅުވިއެވެ.
ފަތުރުވެރިކަމަށް 50 އަހަރުފުރުން ފާހަގަކުރުމަށް ބޭއްވި ގާލާ ނައިޓުގައި އެކި ގޮތްގޮތުން ރާއްޖޭގެ ފަތުރުވެރިކަމަށް ޚިދުމަތްކޮށްދެއްވާފައިވާ 77 ފަރާތަކަށްވަނީ ޕްރެޒިޑެންޓްސް ޓޫރިޒަމް ގޯލްޑް އެވޯޑް ދެއްވާފައެވެ. މީގެތެރޭގައި އަމިއްލަ ޖަމިއްޔާ ޖަމާޢަތްތަކާއި ރާއްޖެއާއި ރާއްޖެއިން ބޭރުގެ އެއަރލައިންތަކާއި ޓެލެކޮމިއުނިކޭޝަން ޚިދުމަތްދިނުމުގައި ޙަރަކާތްތެރިވާ އެކި ފަރާތްތައް ހިމެނެއެވެ.
ކޮމެންޓު ފޮނުވާ