ގޮންޖެހުންތަކާއިއެކު ފަތުވެރިކަން މިހިސާބަށް ގެނައި މީހުންގެ ވާހަކަ ތާރީހައްޓަކައި ދައްކަންޖެހޭ: ރައީސް

ގޮންޖެހުންތަކާއިއެކު ފަތުވެރިކަން މިހިސާބަށް ގެނައި މީހުންގެ ވާހަކަ ތާރީހައްޓަކައި ދައްކަންޖެހޭ: ރައީސް

އެތަކެއް ގޮންޖެހުމާއިއެކު ފަތުވެރިކަން މިހިސާބަށް ގެނައި މީހުންގެ ވާހަކަ ތާރީހައްޓަކައިވެސް ދައްކަންޖެހޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ގައުމީ ފަތުރުވެރިކަމުގެ ދުވަސް ފާހަގަ ކުރުމަށް ރާއްޖޭގެ ފުރަތަމަ ރިސޯޓު އެޅި ވިހަމަނާފުށީގައި ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ފަތުރުވެރިކަން ފެއްޓެވި ހެލްތު މިނިސްޓަރު އަހުމަދު ނަސީމާއި ހުސެއިން "ޗަމްޕާ" އަފީފް އާއި މުހައްމަދު އުމަރު މަނިކަށް "ޕާސަނަލީ" ގޮންޖެހުން ކުރިމަތި ކުރުވި ކަމަށެވެ.

އެ ބޭފުޅުން މި މަސައްކަތް ރާއްޖޭގައި ފެށްޓެވުމާއެކު، ފެނިގެން ދިޔައީ ކޮންމެވެސް ކަމެއް ކުރިމަތިކުރުވައިގެން، މި ދެންނެވި ތިން ބޭފުޅުން، ކުޑަ ވަގުތުކޮޅަކަށް ނަމަވެސް، އެމަސައްކަތާ ދުރަށް ޖެހިލަން ޖެހުނު މަންޒަރު. ނަމަވެސް އެ ބޭފުޅުންގެ ޢަޒުމަކަށް ބަދަލެއް ނާދެ. ޢާއިލާގެ އެހެން ބޭފުޅުންނާއި ރައްޓެހިން މެދުވެރިކޮށް، އެ މަސައްކަތް ފުރިހަމަ ކުރައްވައި ނިންމެވި. ދިވެހި ފަތުރުވެރިކަމުގެ ބިންގަލާ ގުޅިފައިވާ މި ޙަޤީޤަތްތައް ސާފުކޮށް ލިޔެ، ތާރީޚަށްޓަކައި އެބަ ރައްކާކުރަންޖެހޭ. ކަންވީގޮތް ތެދުބަހުން ލިޔެ، އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދޭން އެބަޖެހޭ.

– ރައީސް ޞާލިހު ވިދާޅުވިއެވެ.

ފަތުރުވެރިކަމުގެ ބާނީންގެ އިތުރުން ފަހުން ވެސް ގިނަ ބަޔަކު އިންޑަސްޓްރީއަށްޓަކައި ބުރަ މަސައްކަތްތަކެއް ކުރެއްވިކަން ރައީސް ސޯލިހު ފާހަގަ ކުރެއްވި އެވެ. އެގޮތުން ގާސިމް އިބްރާހިމާއި އަހުމަދު "ސަން" ސިޔާމްގެ ނަން ރައީސް ވަކިން ފާހަގަ ކުރެއްވިއެވެ.

ރައީސް ވިދާޅުވީ ދިވެހި ފަތުރުވެރިކަމުގެ މި 50 އަހަރުގެ ތަޖުރިބާއިން ޤައުމީ ތަރައްޤީއާ ގުޅިފައިވާ ޞިނާޢަތްތައް ތަރައްޤީ ކުރުމުގައި، ސަރުކާރާއި ޕްރައިވެޓް ސެކްޓަރާ ދެމެދުގައި އޮންނަންޖެހޭ ގުޅުމަކީ މުހިންމު ގުޅުމެއްކަން ފާހަގަ ކުރެއްވިއެވެ. ޕްރައިވެޓް ސެކްޓަރުން ތަރައްޤީކުރާ ޞިނާޢަތްތަކަށް ސަރުކާރުން ނުވަދެ އަދި ނުފޫޒު ނުފޯރުވުމުން ނުކުންނަ ހެޔޮ ނަތީޖާ މިއަދު ފެންނަމުންދާކަމަށް ރައީސް ވިދާޅުވިއެވެ.

ދުނިޔޭގެ ފެންވަރުގެ ވަރުގަދަ ޞިނާޢަތަކަށް ދިވެހި ފަތުރުވެރިކަން ވެގެންދިޔައީ، ފުރިހަމަ މިނިވަންކަމާއެކު އެކަން ކުރުމުގެ އިޚްތިޔާރު ޕްރައިވެޓް ސެކްޓަރަށް ދޫކޮށްލާފައި އޮތުމުން ކަމަށާއި، ސަރުކާރުގެ ދައުރަކީ ޤައުމީ ފެންވަރުގައި ސިޔާސަތުތައް ކަނޑައެޅުމާއި، ޤާނޫނީ އޮނިގަނޑުގެ ތެރެއިން އެކަން ކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުންކަމަށް ރައީސް ވިދާޅުވިއެވެ.

ދިވެހި ފަތުރުވެރިކަމުން އަޅުގަނޑުމެންނަށް ލިބިދޭ އަނެއް ފިލާވަޅަކީ، ބަޔަކު ދުވަހަކު ޚިޔާލަށް ވެސް ނުގެންނަ، އަދި އެއްގޮތަކަށް މި ރާއްޖޭގައި ނެތް ކަމެއް ވެސް، އަޅުގަނޑުމެންގެ ތެރޭގައި ތަރައްޤީކޮށް ކާމިޔާބު މަސައްކަތަކަށް ހެދިދާނެކަން. ބޭނުންވަނީ ނަސީމްގެ އެ ހިތްވަރާއި ކެރުން ހުރި ދިވެހި ޒުވާނުން. އެމް.ޔޫ މަނިކުގެ ދެ ގޮތެއް ނުވާ ޢަޒުމާއި، ސާބިތުކަން ހުރި، ދިވެހި ދަރިން. ގޮންޖެހުންތަކާ ކުރިމަތިލައި ކާމިޔާބު ހޯދުމުގައި ޢަފީފްގެ އެ ހުރި ފަންވަރާއި ބުންވަރު ހުރި ދިވެހި ޒުވާނުން.

– ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެފަދަ ކިތަންމެ ޒުވާނުންނެއް ދިވެހި މުޖުތަމައުގެ ތެރޭގައި މިހާރު ވެސް ތިބޭނެކަމަށެވެ. ބޭނުންވަނީ ޙާޞިލްކުރާ ޢިލްމުގެ އަލީގައި، ތިމާގެ ސިކުނޑީގައި އީޖާދީ ވިސްނުން އުފަންކުރުވުންކަމަށެވެ. ކަންކަމާ މެދު ދެކޭގޮތާއި ވިސްނާ ގޮތް ބަދަލުކުރުންކަމަށެވެ.

އެހެންވީމާ، ދިވެހިރާއްޖޭގެ ޒުވާން ޖީލަށް ދިވެހިރާއްޖެއަށް އައު ކޮންމެވެސް ޞިނާޢަތެއް، އައު އުފެއްދުމެއް ނުވަތަ އައު އީޖާދެއް އުފަންކުރުމަށް މަސައްކަތް ކުރައްވުމަށް ރައީސް ވަނީ ގޮވާލައްވާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published.