އިނގިރޭސި ޕްރިމިއާ ލީގުގައި ޓޮޓްނަމް ހޮޓްސްޕާ ބަލިކޮށް އާސެނަލުން ތާވަލުގެ އެއްވަނައިގައި ހަތަރު ޕޮއިންޓުގެ ލީޑެއް ނަގައިފިއެވެ.
އާސެނަލްގެ ދަނޑުގައި ކުޅުނު މިމެޗް އެޓީމް ކާމިޔާބުކުރީ 3-1 ގެ ނަތީޖާއަކުންނެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފެއްދުމުގެ އިތުރުން މެޗްގެ ފުރަތަމަ ލަނޑު 20 ވަނަ މިނެޓްގައި ޖަހާ ލީޑު ނެގީ އާސެނަލުންނެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ތޯމަސް ޕާޓޭއެވެ.
ނަމަވެސް މި ލަނޑު ޖެހިތާ 11 މިނެޓްފަހުން ސްޕަރސްގެ ފޯވަޑް ރިޗާލިސަންއަށް އާސެނަލްގެ ގެބްރިއެލް ޕެނަލްޓީ އޭރިއާ ތެރެއިން ކުރި ފައުލަކާއި ގުޅިގެން ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް ހެރީ ކޭންވަނީ މެޗްގެ ނަތީޖާ ހަމަހަމަކޮށްފަ އެވެ. މިއީ އޭނާ ލީގުގައި ރަށުން ބޭރުގައި ކުޅެ ކާމިޔާބުކުރި 100 ވަނަ ލަނޑެވެ.
ނަމަވެސް ދެވަނަ ހާފްގެ ކުޅުން ފެށިތާ ހަތަރުވަނަ މިނެޓްގައި ސްޕަރސްގެ ކީޕަރ ހޫގޯ ލޮރިސްއަށް ހެދުނު ގޯހެއްގެ ފައިދާ ގަނާ ގެބްރިއެލް ޖޭސުސްވަނީ މި މެޗްގައި ދެވަނަ ފަހަރަށް އާސެނަލްއަށް ލީޑު ނަގާދީފައެވެ. އަދި ސްޕަރސްއަށް ކުރިމަތިވެފައިވި މައްސަލަތައް އިތުރުވެގެން ދިޔައީ މެޗްގެ 62 ވަނަ މިނެޓްގައި އެމަރސަން ރޮޔާލް އާސެނަލްގެ ގެބްރިއެލް މާޓިނެއްލީއަށް ކުރި ނުރައްކާތެރި ފައުލަކާއި ގުޅިގެން އޭނާއަށް ސީދާ ރަތްކާޑެއް ދެއްކުމުންނެވެ. މި މެޗްގައި އާސެނަލްގެ ފަހު ލަނޑު މެޗްގެ 67 ވަނަ މިނެޓްގައި ޖަހާދިނީ ގްރަނިޓް ޒަކާއެވެ.
މި ކާމިޔާބީއާއެކު އާސެނަލް ވަނީ 8 މެޗުން ލިބިފައިވާ 21 ޕޮއިންޓާއެކު ތާވަލްގެ އެއްވަނައިގާ ހަތަރު ޕޮއިންޓްގެ ލީޑެއް ނަގާފައެވެ. ނަމަވެސް އާދީއްތަ ދުވަހުގެ ރޭ އެންމެފަހުގެ ޗެމްޕިއަން މެންޗެސްޓަރ ސިޓީ އާއި މެންޗެސްޓަރ ޔުނައިޓެޑް ބައްދަލުކުރާ މެޗް ސިޓީ ކާމިޔާބުކޮށްފި ކަމަށްވާނަމަ އާސެނަލްގެ އެއް ޕޮއިންޓަށް ހަނިވެގެންދާނެއެވެ.
މެޗުން ބަލިވުމާއެކު ސްޕަރސް މިވަނީ މިފަހަރުގެ ލީގުގައި ފުރަތަމަ ފަހަރަށް ބަލިވެފައެވެ. އަދި ތާވަލްގެ އެއްވަނައަށް އެރުމަށް އެޓީމަށް ލިބިގެންދިޔަ ފުރުސަތު ނަގާލާފައެވެ. މި މެޗުން މޮޅުވިނަމަ ސްޕަރސްއަށް ވެސް ތާވަލްގެ އެއްވަނައަށް އެރުމުގެ ފުރުސަތު އޮތެވެ. ސްޕަރސް މިހާރު އުޅެނީ 17 ޕޮއިންޓާއެކު ތާވަލްގެ ތިންވަނައިގައެވެ.