އެމްއޭސީއޭލްގެ "އެއިރޯ ރެޒިޑެންސް" ގެ ފްލެޓުތައް މުވައްޒަފުންނާ ހަވާލުކޮށްފި

އެމްއޭސީއޭލްގެ "އެއިރޯ ރެޒިޑެންސް" ގެ ފްލެޓުތައް މުވައްޒަފުންނާ ހަވާލުކޮށްފި

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމް.އޭ.ސީ.އެލުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްޤީކޮށްފައިވާ "އޭރޯ ރެޒިޑެންސް"އިން ފްލެޓް ލިބުނު މުވައްޒަފުންނަށް ތަޅުދަނޑި ޙަވާލުކޮށްފިއެވެ.

އެ ރަސްމިއްޔާތުގައި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމާއި އެ ކުންފުނީގެ އެމްޑީ މަހުޖޫބު ޝުޖާއު ބައިވެރިވެވަޑައިގަތެވެ. އެގޮތުން، އެމްއޭސީއެލްގެ ހިދުމަތުގައި ހުއްޓައި މަރުވި މުވައްޒަފެއްގެ އާއިލާ އާއި ރިޓަޔާ ކުރި މުވައްޒަފަކަށާއި އަދި މިހާރުގެ މުވައްޒަފަކަށް ވަނީ ރަމްޒީކޮށް މި ރަސްމިއްޔާތުގެ ތެރެއިން ތަޅުދަނޑި ހަވާލުކޮށްފައެވެ. އެއީ ކުރީ ސަރުކާރުން ފެށި ހިޔާ މަޝްރޫއުގެ ދަށުން އެމްއޭސީއެލް އާ ހަވާލުކުރި 24،000 އަކަފޫޓުގެ ބިމުގައި އެޅި ދެ ޓަވަރެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރާއްޖޭގެ މައި އެއަރޕޯޓް، ވެލާނާ އިންޓަރނޭޝަލް އެއަރޕޯޓު ހިންގާ އެމް.އޭ.ސީ.އެލްގެ މެނޭޖިންގ ޑިރެކްޓަރ މަޙުޖޫބު ޝުޖާޢު ވިދާޅުވީ، އެމް.އޭ.ސީ.އެލްއަކީ ސަރުކާރު ކުންފުނިތަކުގެ ތެރެއިން އެންމެ ރަނގަޅަށް މަސައްކަތްކުރާ އެއް ކުންފުނިކަމަށެވެ. އަދި ވެލާނާ އިންޓަރނޭޝަލް އެއަރޕޯޓުގެ އެންމެހާ ކަންކަން މެނޭޖްކުރަމުންދަނީ އެކުންފުނީގެ މުވައްޒަފުންގެ ހީވާގި މަސައްކަތުންކަމަށް އޭނާ ވިދާޅުވިއެވެ.

މަޙުޖޫބު ވިދާޅުވީ، އެމް.އޭ.ސީ.އެލްގެ މުވައްޒަފުންނަކީ ކުންފުނީގެ މަސައްކަތްތަކުގެ އިތުރަށް ޤައުމީ އެކިއެކި ކަންކަމާއި، ކާރިސާގެ ވަގުތުތަކުގައިވެސް ނަމޫނާދައްކާ ބައެއްކަމަށެވެ. ވަކިން ޚާއްސަކޮށް އަލިފާނުގެ ކާރިސާތަކުގައި އެމްއެންޑީއެފްއާ ގުޅިގެން އެ ކުންފުނީގެ މުވައްޒަފުން ކުރަމުން އަންނަ މަސައްކަތްތައް ފާހަގަކުރެއްވިއެވެ.

ކުންފުނީގެ މުވައްޒަފުން ކުރާ ބުރަ މަސައްކަތް ފާހަގަކޮށް، ޚިދުމަތުގެ އަގު ވަޒަންކުރުމުގެގޮތުން ތަފާތު އިނާޔަތްތައް ފޯރުކޮށްދޭންޖެހޭކަމަށް ޤަބޫލުކުރައްވާކަމަށް މަޙުޖޫބު ވިދާޅުވިއެވެ. އަދި "އޭރޯ ރެޒިޑެންސް"ގެ މަސައްކަތް އެކުންފުނިން ފެށީވެސް އެ ވިސްނުމުގައިކަމަށް އޭނާ ވިދާޅުވިއެވެ.

އެމް.އޭ.ސީ.އެލްގެ މުވައްޒަފުންނަށް ޚާއްސަކޮށްގެން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި "އޭރޯ ރެޒިޑެންސް" ތަރައްޤީކޮށްފައި ވަނީ ޗައިނާގެ ބީޔޫސީޖީއާއި ޙަވާލުކޮށްގެންނެވެ. 14 ބުރީގެ 2 ޓަވަރު ހިމެނޭހެން ތަރައްޤީކޮށްފައިވާ މިތަނުގައި ޖުމްލަ 384 އެޕާޓްމަންޓް ހިމެނެއެވެ. މީގެތެރޭގައި 2 ކޮޓަރީގެ 240 އެޕާޓްމަންޓާއި، 1 ކޮޓަރީގެ 72 އެޕާޓްމަންޓް ހިމެނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *