ޒަމާނީ ފެންވަރަށް އަމީނީ މަގު ހެދުމުގެ މަޝްރޫއު ފަށައިގެން ކުރިއަށްދާއިރު، އެ މަގުގައި ހުރި ގަސްތައް ނެގުން ހުއްޓުވުމުގެ އަމުރަކަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ސިވިލް ކޯޓުގައި އެދިވަޑައިގެންފިއެވެ.
މި މައްސަލައިގައި ނަޝީދުގެ ފަރާތުން ސިވިލް ކޯޓުގައި އެދިފައިވަނީ މައްސަލައާއި ގުޅިގެން ވަކި ގޮތެއް ޝަރީއަތުން ނިންމަންދެން ގަސް ނެގުން މަޑުޖައްސާލުމުގެ ވަގުތީ އަމުރަކަށެވެ. ނަޝީދުގެ ފަރާތުން މައްސަލަ ކޯޓަށް ހުށަހަޅުއްވާފައިވާއިރު ފާޑުކިޔުންތައް ބޮޑުވުމުގެ ސަބަބުން މާލޭ ސިޓީ ކައުންސިލުން ވަނީ އަމީނީ މަގުގައި ހުރި ގަސްތައް ނެގުން ހުއްޓާލާފައެވެ.
އަމީނީ މަގު ތަރައްގީ ކުރުމުގެ މަސައްކަތް ކުރާ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) ބުނީ އަމީނީ މަގުގައި ހުރި ގަސްތައް މިހާރު ނަގަމުން ދަނީ އެ މަސައްކަތް ކުރާއިރު ގަސްތަކާ ހެދި ބޮޑެތި ގޮންޖެހުންތައް ކުރިމަތިވާތީ ކަމަށެވެ. އަދި މަގު ހަދާ ނިމުމުން ގަސް އިންދެން ހުރި ތަންތަނުގައި އަލުން ގަސް އިންދާނެ ކަމަށް އާރްޑީސީން ބުނެފައިވެއެވެ.
އާރް.ޑީ.ސީން ވިދާޅުވީ، އަމީނީމަގުގައި ހުރި ގަސްތައް ބަހައްޓައިގެން އެމަގުގެ މުޅި ނެޓްވޯކް އަޕްގްރޭޑްކުރުމަކީ ވަރަށް ބޮޑު ގޮންޖެހުމެއްކަމަށެވެ. އަދި މިހާރުވެސް އެމަގުގައި ވަޅުލާފައިވާ ހޮޅިތަކާ އެހެނިހެން ކޭބަލްތަކަށް ގަސްތަކުގެ މުލުގެ އަސަރު ވަރަށް ބޮޑަށް ކޮށްފައިވާކަން އެކުންފުނިން ފާހަގަކުރެއެވެ. އެހެންކަމުން އަމީނީމަގުގައި ހުރި ގަސްތައް ކެނޑުމުގެ ބަދަލުގައި، އެގަސްތައް ނެގުމަށްފަހު މިހާރު ތަރައްޤީކުރަމުން އަންނަ ކުޑަގިރި ޕިކްނިކް އައިލެންޑަށް ބަދަލުކުރެވޭނެކަމަށް އާރް.ޑީ.ސީން ވިދާޅުވެއެވެ.
އަމީނީ މަގަކީ މާލޭގެ އެންމެ ގިނަ އަދަދަކަށް ގަސް އިންދާފައި ހުރި މަގެވެ. އެމަގުގައި ހުރި ގިނަ ގަސްތަކެއް މިހާރުވަނީ ނަގާފައެވެ. ގަސްތައް ނަގުމަށްފަހު ގަސް އިންދާނެކަމަށް އާރުޑީސީން ވިދާޅުވި ނަމަވެސް މިއީ ކުރަން ފަސޭހަކަމަކަށް ނުވާނެކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. އަދި މިއީ އެއްވެސް ޕްލޭނެއްނެތި ކުރަމުންދާ މަސައްކަތެއްކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.
މާލޭގެ ހުރިހާ އަވަށްތަކެއް ގުޅުވައިދޭ މައި އެއް މަގުކަމަށްވާ އަމީނީމަގު ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ޖުމްލަ 13 ސެގްމަންޓަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ ސެގްމަންޓުގެ މަސައްކަތް އާރް.ޑީ.ސީން މިހާރު އަންނަނީ ކުރަމުންނެވެ. މި ސެގްމަންޓުގެ މަސައްކަތް ކުރިއަށްގެންދިއުމަށްޓަކާ ހޭންވާރު ސަރަޙައްދުން ބޮޑުތަކުރުފާނުމަގާއި އަމީނީމަގު ގުޅޭ ހިސާބުން ފެށިގެން އިރުދޭމާ ހިނގުމާއި ހަމައަށް ވަނީ ބަންދުކޮށްފައެވެ.