ތައުލީމީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ މުސާރައަށް ރައީސުލްޖުމްހޫރިއްޔާ ގެންނެވި ހެޔޮ ބަދަލާއިއެކު އެދާއިރާގައި މަސައްކަތް ކުރަން ބޭނުންވާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެފައިވާކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ.އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.
މުސާރައަށް އައި ބަދަލާއެކު މުދައްރިސުންގެ މުސާރަ 4000އާ 10000އާ ދެމެދު އިތުރުވެފައެވެ. ތައުލީމީ ދާއިރާގައި ހުރި ކަންބޮޑުވުންތަކާއި ގުޅޭގޮތުން ހެދި ދިރާސާގައި ފާހަގަ ކުރެވުނު ކަންކަމަށް ސަރުކާރުން ދަނީ ހެޔޮބަދަލުތަކެއް ގެންނަމުންނެވެ. މިދިރާސާގައި ފާހަގަވި ކަންކަން ރަނގަޅު ކުރުމަށް ކުރެވޭ މަސައްކަތްތަކާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް މިނިސްޓަރާއި މަޖިލީހުގައި ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ ދިރާސާގައި ފާހަގަވި ކަންކަމަށް ހެޔޮ ބަދަލުތަކެއް ގެނެވެމުންދާކަމަށެވެ.
އެންމެ މުހިންމު ކަމަކަށް ދިރާސާގައި ފާހަގަކޮށްފައިވަނީ ތައުލީމީ ދާއިރާގެ މުވައްޒިފުންގެ މުސާރައެވެ. މީގެ އިތުރުން މަސައްކަތް ކުރަންޖެހޭ ތަނުގެ ޖާގައާއި، ވަސީލަތްތަކާއި ގުޅޭގޮތުންވެސް ހުރި ކަންބޮޑުުވުން ވަނީ ފާހަގަކޮށްފައެވެ. މިކަންކަން އިސްލާހު ކުރުމަށް ކުރެވޭ މަސައްކަތަކާއި ގުޅޭގޮތުން މިނިސްޓަރ ވިދާޅުވީ މިދިރާސާގައި ފާހަގަވި ކަންކަމުގެ ތެރެއިން އެންމެ އިސްކަމެއްގެ ދީގެން ސަރުކާރުން އެޅި ފިޔަވަޅަކީ މުސާރަ ބޮޑުކުރުންކަމަށެވެ.
މުސާރަބޮޑުކުރުމުން މިހާރުވެސް ތައުލީމީ ދާއިރާއާއި ގުޅެން ބޭނުންވާ ވަރަށް ގިނަ ބައެއްގެ ޝައުގުވެރިކަން ފާޅު ކުރަމުންދާކަމަށެވެ. އަދި ހުޅުވާލެވޭ އެކި މަޤާމުތަކަށްވެސް މީގެކުރިން ކުރިމަތި ނުލާ ވަރަށް މިހާރު ކުރިމަތި ލަމުންދާކަމަށެވެ. މިނިސްޓަރ ވިދާޅުވީ މުސާރައަށް ގެނައި ބަދަލުގެ ހަގީގީ މަންފާ ފެންނާނީ އަދި ދުވަސްކޮޅެއް ފަހުންކަމަށެވެ.
ތައުލީމީ ދާއިރާގައި ހުރި ކަންބޮޑުވުންތައް ދެނެގަތުމަށް މި ސަރުކާރުން ހެދި ދިރާސާއެއް. އޭގައި އެންމެ ބޮޑު ކަންބޮޑުވުމަކަށް ފާހަގަކޮށްފައިވަނީ މުސާރަ އާއި އިނާޔަތްތައް. ދިރާސާކުރެވެމުން ދިޔައިރު، އެއަށް ބަލައި އަދި ރައީސުލް ޖުމްހޫރިއްޔާ ވެވަޑައިގެންފައިވާ ވައުދާ އެއްގޮތަށް މުސާރަ ވަނީ ބޮޑުކޮށްފައި. އެ ބަދަލާއެކު ދާއިރާއަށް ވަންނަ ދިވެހި މުދައްރިސުންގެ ދާއިރާއަށް ގުޅެން ބޭނުންވާ މީހުން ގިނަވިކަން ފާހަގަކުރެވޭ.
– މިނިސްޓަރު ވިދާޅުވިއެވެ.
އެޑިއުކޭޝަން ޑިވެލޮޕްމަންޓު ޕްރޮފެޝަނަލުންނަށް ބަލާއިރު، އެންމެ ދަށް ރޭންކުގެ މުވައްޒަފަކަށްވެސް 20،000 އަށްވުރެ ބޮޑު މުސާރައެއް ލިބޭނެއެވެ. އަދި އެންމެ މަތީ ރޭންކުގެ މުވައްޒަފަކަށް 32،218 ރުފިޔާގެ މުސާރައެއް ލިބޭނެއެވެ.
މިޖަލްސާގައި ސްކޫލުތަކުގެ ކިޔެވުން އެއްދަންފަޅިއަކަށް ބަދަލުކުރި ނަމަވެސް އޭގެ މަންފާ ނުލިބޭ ކަމަށް، ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާގައި ކުރެންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަބްދުލް ޣަނީ ކުރެއްވި ސުވާލާއި ގުޅިގެން ދެއްވި ޖަވާބުގައި ވަޒީރު ވިދާޅުވީ، އެ ކޮންސެޕްޓްގެ ދަށުން ވަށައިޖެހޭ ތައުލީމެއް ކުދިންނަށް ދިނުން މުހިންމު ކަމަށާއި ހަމައެކަނި އޮތް ކަމަކީ ސެޝަން ބަދަލުކުރުން ނޫން ކަމަށެވެ.
އޭނާ ވިދާޅުވީ، ވަށައިޖެހޭ ކޮންސެޕްޓަށް މިހާރު ކިޔަވައިދެނީ އެއްދަންފަޅީގެ 157 ސްކޫލުގެ ތެރެއިން 44 ސްކޫލެއްގައި ކަމަށާއި އެ ކޮންސެޕްޓްގައި ކިޔަވަން ކުދިން ދާނީ ހެނދުނު ހައެއް ޖަހާކަންހާއިރު ކަމަށެވެ. ކަސްރަތުގެ ހަރަކާތަކާއެކު ކިޔެވުން ފަށާނީ ނާސްތާ އަށް ފަހުއެވެ.
އެކަމަކު، އޭނާ ވިދާޅުވީ އެ ކޮންސެޕްޓަށް ކިޔަވައި ދިނުމުގައި ކުރިމަތިވާ ގޮންޖެހުމަކީ ސިވިލް ސާވިސްގެ ނިޒާމުގެ ތެރެއިން ބައެއް ކަންކަން ކުރުން ކަމަށެވެ. އާއިޝަތު އަލީ ވިދާޅުވިގޮތުގައި، އެއްދަންފަޅީގެ ސްކޫލުގެ ތެރެއިން ވަށައިޖެހޭ ގޮތަށް ކިޔަވައިދޭން 44 ސްކޫލެއް ބަދަލު ކުރިޔަސް ކިޔަވައިދޭން އިތުރު ވަގުތު ޓީޗަރުން ހޭދަކުރަންޖެހެއެވެ.
ކޮމެންޓު ފޮނުވާ