ގަވައިދާ ހިލާފަށް ރަޖިސްޓްރީކޮށްފައިވާ 50 ވެހިކަލެއްގެ ރަޖިސްޓްރީ ޓްރާސްޕޯޓް މިނިސްޓްރީން އިއްޔެ ބާތިލުކޮށްފިއެވެ.
އެ މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ އެ ވެހިކަލްތަކަކީ ގަވާއިދާއި ހިލާފަށް ރަޖިސްޓްރީ ކޮށްފައިވާ ވެހިކަލްތަކެއްކަން އެ އިދާރާ އަށް އެނގިފައިވާ ކަމަށެވެ. އެހެންވެ އެ ވެހިކަލްތަކުގެ ރަޖިސްޓްރީ ބާތިލުކުރިކަން އާންމުކޮށް އަންގައި އިއުލާން ކުރީއެވެ.
އެ ވެހިކަލުތަކުގެ ތެރޭގައި ރާއްޖޭގައި ރަޖިސްޓްރީ ކުރެވޭ އުމުރު ހަމަވެފައިވާ ވެހިކަލްތަކާއި އަދި ގަވައިދާ ހިލާފަށް މާލޭ ޒޯނަށް ރަޖިސްޓްރީ ބަދަލުކޮށްފައިވާ ވެހިކަލްތައް ވެސް ހިމެނޭ ކަމަށް އިއުލާނުގައިވެއެވެ. އެ 50 ވެހިކަލްގެ ރަޖިސްޓްރީ ނަންބަރު ވެސް އެ އިއުލާނާ އެކު މިނިސްޓްރީން އާންމުކޮށްފައިވެއެވެ.
އެ ވެހިކަލްތަކުގެ ތެރޭގައި ދެ ޕިކަޕް ފިޔަވައި، ދެން ހުރީ ހުސް ކާރެވެ. ގަވާއިދާ ހިލާފަށް ރަޖިސްޓްރީކޮށްފައިވާ ވެހިކަލްތަކެއްގެ ރަޖިސްޓްރީ ބާތިލުކުރިއިރު، ގަރާޖު ސިޓީގެ މައްސަލަ ވެސް ވަނީ ވަރަށް ބޮޑުވެފަ އެވެ. އެއީ އެއް ގަރާޖެއްގައި، ގަވާއިދާ ހިލާފަށް އެތައް ސަތޭކަ ވެހިކަލެއް ރަޖިސްޓްރީ ކުރާ މައްސަލައިގައެވެ.
ކޮމެންޓު ފޮނުވާ