ސިޔާސީ ބޭނުމަށް މަރުތަކުގެ ވާހަކަ ދެއްކި މީހުން މިއަދު ތިބީ ހަނނު: ޑރ.ޚަލީލް

ސިޔާސީ ބޭނުމަށް މަރުތަކުގެ ވާހަކަ ދެއްކި މީހުން މިއަދު ތިބީ ހަނނު: ޑރ.ޚަލީލް

Author
މުޙައްމަދު ޝަޒައިމް
25 ސެޕްޓެމްބަރ 2022 09:01
0

ސިޔާސީ ބޭނުމަށް މަރުތަކުގެ ވާހަކަ ދެއްކި ބަޔަކު މިއަދު ތިބީ ހަނނު ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ ކުރީގެ މެމްބަރު ޑރ.ޚަލީލް ވިދާޅުވެއްޖެއެވެ.

ޚަލީލް މިހެން ވިދާޅުވީ ރާއްޖޭގައި މިފަހުން ގޮތްނޭގޭ އެތައް މަރަކާއި، ވީނުވީއެއް ނޭގި ގެއްލެމުންދާ މީހުންގެ އާއިލާތަކަށް އިންސާފުނުލިބި އެކަމުގެ ކަންބޮޑުވުން ބޮޑުވަމުންދާ ދަނޑިވަޅެއްގައެވެ. މިދިޔަ ހަފްތާގެ އާދީއްތަ ދުވަހު ހުޅުމާލެ ފޭސް ދޭކުން ގެއްލިގެން ހޯދަމުންދާ ޒުވާނާ ގެއްލުނާ ހަފްތާއެއް ވެގެންދިޔައިރުވެސް އޭނާއަށް ވީގޮތެއް އަދިވެސް ނޭގެއެވެ.

ގެއްލުނު ޒުވާނާގެ ޚަބަރު ހިއްސާކޮށް ޚަލީލް ކުރެއްވި ޓުވީޓުގައި ވިދާޅުވީ، މީގެ ކުރިން މަރުތަކުގެ ވާހަކަ ސިޔާސީ ބޭނުމަށް ދައްކަމުންދިޔަ މީހުން މިއަދު ތިބީ ހަނނު ކަމަށެވެ. އެތައް މަރެއް ގޮތްނޭގޭ ގޮތަށް މަރާލެވި، އެތައްބަޔަކު ގެއްލެމުންދާއިރުވެސް މިކަންކަމުގެ އަޑު އުފުލާނެ މީހަކުވެސް ނެތްކަމަށް ޚަލީލް ވިދާޅުވިއެވެ. މިއީ ކަންބޮޑުވުން އޮތް ބޮޑު މައްސަލައަކަށް ވީނަމަވެސް މިސަރުކާރުގެ އެއްވެސް ވެރިއެއްގެ ސަމާލުކަމަށް މިކަން ނާންނަކަމަށް ޚަލީލް ވިދާޅުވިއެވެ.

ސިޔާސީ ބޭނުމަށް މަރުތަކުގެ ވާހަކަ ދެއްކި ބަޔަކު މިއަދު ތިބީ ހަނނު. ގޮތް ނޭގޭ އެތައް މަރެއް ހިނގަމުންދާއިރު މިސަރުކާރުގެ ޝައުގުވެރިކަން މި މަރުތަކުގެ ހަގީގަތް ދެނެގަތުމަށް ހުރިކަމަކަށް ނުފެނޭ.

– ޑރ.ޚަލީލް ވިދާޅުވިއެވެ.

މިސަރުކާރުން ވެރިކަމަށް އައުމަށް އެންމެ ބޮޑަށް ވިއްކި އެއްވާހަކައަކީ ގެއްލިފައިވާ މީހުންނާއި، މަރާލެވިފައިވާ މީހުންނަށް އިންސާފު ހޯދުމެވެ. މިކަންކަން ބެލުމަށް ވަކި ކޮމިޝަނެއް އުފައްދައި ބޮޑު މުސާރަތަކެއް ދީގެން މިވީ ހަތަރު އަހަރުގެ ތެރޭގައިވެސް އެކަށީގެންވާ މަސައްކަތްތަކެއް ނުކުރެވޭކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުވެސް ވަނީ ވިދާޅުވެފައެެވެ.

ނޫސްވެރިޔާ އަޙްމަދު ރިޞުވާނުގެ މައްސަލައާއި، ޑރ.އަފްރާޝިމް ޢަލީގެ މަރުގެ މައްސަލައާއި، ޔާމީން ރަޝީދުގެ މައްސަލައާއި، ރ.މީދޫ ފެންފިޔާޒުގޭ މުޙައްމަދު އަނަސްގެ މަރުގެ މައްސަލައިގެ އިތުރުން 28 މައްސަލައެއް މަރު ކޮމިޝަނުން ބަލަންފެށިއެވެ. ނަމަވެސް މީގެ ތެރެއިން މަދު މައްސަލައެއް ފިޔަވައި ގިނަ މައްސަލަތަކުގެ ހަގީގަތެއް އަދާއި ހަމަޔަށްވެސް ހޯދިފައި ނުވެއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެކުލަވާލާފައިވާ ރިޔާސީ ކޮމިޝަން (މަރު ކޮމިޝަނުން) ތިން އަހަރު ތެރޭގައި ހަރަދުގެ ގޮތުގައި 5.4 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.