ސައީދަށް ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއްކޮށް، އިބުރޭ ފެނަކަ ޑީއެމްޑީގެ މަގާމުން އިސްތިއުފާދެއްވައިފި

ސައީދަށް ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއްކޮށް، އިބުރޭ ފެނަކަ ޑީއެމްޑީގެ މަގާމުން އިސްތިއުފާދެއްވައިފި

Author
ހުސެއިން
20 ސެޕްޓެމްބަރ 2022 05:13
0

ފެނަކައިގެ ޑެޕިއިޓީ މެނޭޖިންގް ޑިރެކްޓަރގެ މަގާމުގައި ހުންނެވި އެމްޑީޕީގެ ޗެއަރޕާސަންގެ ނައިބު އިބުރާހިމް ވަހީދު (އިބުރޭ) މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

އޭނާ މަގާމުން އިސްތިއުފާ ދެއްވާފައިވަނީ، ފެނަކަ ކުންފުނި ހިންގަމުން ދަނީ އެ ކުންފުނީގެ އެމްޑީ ސައީދުގެ “އަމިއްލަ ކުންފުންޏެއް”ގެ ގޮތުގައި ކަމަށްބުނެ ފެނަކަ އެމްޑީ ސައީދުއަށް ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ކުރުމަށް ފަހުއެވެ.

މިމަހުގެ 7 ވަނަ ދުވަހު މަގާމުން އިސްތިއުފާ ދެއްވިކަން ހާމަކޮށް އިބުރޭ ސައީދަށް ފޮނުވި ސިޓީގައި ވިދާޅުވެފައިވަނީ، ފެނަކަ ކުންފުނި ހިންގަމުންދަނީ ޗެއާމަން މުހައްމަދު ރަޝީދާއި އެމްޑީ ސައީދުގެ އަމިއްލަ ކުންފުންޏެއް”ގެ ގޮތުގައި ކަމަށެވެ.

އިބުރޭގެ ސިޓީގައި އޭނާވަނީ ސައީދަށް ކޮރަޕްޝަންގެ ގިނަ ތުހުމަތުތަކެއް ކޮށްފައެވެ. އޭނާ ވިދާޅުވެފައިވާ ގޮތުގައި އަމިއްލަ ގިނަ ކުންފުނިތަކަކަށް ފެނަކަ މިހާރުވެސް ދަރާފައިވާއިރު ފެނަކައިން ފައިސާ ދޫކުރަމުން ދަނީ ހަމައެކަނި ސައީދުއާއި ގާތް ގުޅުންތައް އޮންނަ ކުންފުނިތަކަށް އެކަންޏެވެ.

މިގޮތުން އިބުރޭ ތުހުމަތު ކޮށްފައިވާ ގޮތުގައި ސައީދުއާ ގުޅުންނެތް ކުންފުނިތަކަށް ފައިސާ ނުދީ ހިފަހައްޓާ، ކުންފުނީގެ މަގުސަދުގެ ތެރޭގައި ނުހިމެނޭ އެތައްކަމެއް ދަނީ އޭނާއާއި ކުންފުނީގެ ޗެއަރމަންއަށް ފައިދާވާގޮތަށް ކުރަމުންނެވެ.

މީގެ ސަބަބުން ކުދި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ލިބެނުން ދާކަމުގައިވެސް އިބުރޭގެ ސިޓީގައި ވިދާޅުވެފައި ވެއެވެ.

މަނިކުފާނު (ސައީދު) އާއި ޗެއާމަން ރަޝީދު އާއި ކުންފުނި ހިންގަން ހަވާލުވިއިރު ކުންފުނީގެ ދަރަނީގެ ގޮތުގައި އޮތް 680 މިލިއަން ރުފިޔާ ތިޔަ ދެ ބޭފުޅުން ހިންގަވަމުން ގެންދަވާ ކޮރަޕްޝަނަށް މަގުފަހިވާ އަމަލުތަކާ އަދި ދެ ބޭފުޅުންގެ ނާގާބިލުކަމުން މިއަދު ވަނީ 1.5 ބިލިއަން ރުފިޔާއަށް އިތުރުވެފައި.

އިބުރޭގެ އިސްތިއުފާ ސިޓީގައި ވިދާޅުވެފައިވެ އެވެ.

އިބުރޭގެ ސިޓީގައި އޭނާ ވިދާޅުވެފައިވަނީ ފާއިތުވި 3 އަހަރު ތެރޭވެސް ޗެއާމަން ރަޝީދާއި އެމްޑީ ސައީދު ގެންދެވީ މަގާމުގެ މަސްއޫލިއްޔަތު އަދާ ކުރުމަށް އޭނާއަށް ހުރަސްއަޅަމުންނެވެ.

މަނިކުފާނާއި އެކު ތިޔަ ކުންފުނީގައި އިތުރަށް ވަޒީފާގައި ދެމިހުރުމަށް އަޅުގަނޑުގެ ޒަމީރު ގަބޫލުނުކުރާތީ މިއަދުން ފެށިގެން ފެނަކަ ކޯޕަރޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުކަމުން އިސްދިއުފާ ދިން ވާހަކަ ދެންނެވިން.

މަގާމުން އިސްތިއުފާ ދެއްވަމުން އިބުރޭގެ ސިޓީގައިވެ ވިދާޅުވެފައި ވެއެވެ.

ދާދިފަހުން އޭސީސީއިން ބުނެފައިވަނީ ފެނަކަ ކޯޕަރޭޝަންގެ އެމްޑީ އަހުމަދު ސައީދުގެ މައްޗަށް ކޮށްފައިވާ 27 ކޮރަޕްޝަންގެ ތުހުމަތުތަކާއި ގުޅުންހުރި މައްސަލަތަކުގެ ތެރެއިން 18 މައްސަލައެއް އަދިވެސް ތަހުގީގު ކުރަމުން ދާކަމުގައެވެ.

އެސީސީން މިކަން ހާމަ ކޮށްފައިވަނީ، 2020 ވަނަ އަހަރުގެ ސެޕްޓެމްބަރުމަހުގެ 7ގައި އަމިއްލަ ފަރާތަކުން އޭސީސީއަށް ހުށަހަޅާފައިވާ ފެނަކަ އެމްޑީ އަހުމަދު ސައީދާއި ގުޅުންހުރި27 މައްސަލަ ކުރިޔަށް ގޮސްފައިވާ މިންވަރު ސާފު ކުރުމަށް، ތިނަދޫ އުތުރު ދާއިރާގެ ކުރީގެ މެމްބަރު ސައުދުﷲ ހިލްމީ ފާއިތުވި ޖޫންމަހު އެ ކޮމިޝަނަށް ފޮނުއްވި ސިޓީއަށް ދެއްވި ޖަވާބުގައެވެ.

މިގޮތުން މިމައްސަލަތައް އެހާތަނަށް ކުރިޔަށް ގޮސްފައިވާކަމަށް އޭސީސީން ހާމަ ކޮށްފައިވާ މައުލޫމާތު ތިރީގައި މިވަނީއެވެ.

  1. ފެނަކަ ކޯޕަރޭޝަން ލިމިޓެޑާއި ގުޅޭގޮތުން 2020 ސެޕްޓެމްބަރު 7ގައި 27 މައްސަލައެއް އޭސީސީއަށް ހުށަހަޅާފައި ވާކަން
  2. ހުށަހެޅި މައްސަލަތަކުގެ ތެރެއިން:
    • 2 މައްސަލައެއް ކޮމިޝަންގެ މެންޑޭޓުގެ ތެރޭގައި ނުހިމެނޭތީ ކަމާއި ގުޅުންހުރި އިދާރާތަކަށް ވަނީ ފޮނުވާފައެވެ.
    • 1 މައްސަލަ ތަހުގީގު ނުކުރުމަށް ނިންމާފައި ވެއެވެ.
    • މިހާތަނަށް ނިމިފައިވަނީ 6 މައްސަލައެކެވެ.
    • 18 މައްސަލައެއް މިވަގުތު ދަނީ ތަހުގީގު ކުރެވެމުންނެވެ.

އޭސީސީން ހާމަ ކޮށްފައިވާ މައުލޫމާތުތަކުގެ ތެރޭގައި ހިނޭ، އެހާތަނަށް ނިންމާފައިވާ މައްސަލަތަކުގެ ތެރޭގައި ހިމެނޭ 6 މައްސަލާގައި އެ ކޮމިޝަނުން ނިންމާފައިވާ ގޮތެއް މިހާތަނަށް މިޑިއާއަށް ހާމަ ކޮށްފައެއް ނުވެއެވެ.

ފެނަކަ ކޯޕަރޭޝަން މެދުވެރިކޮށް ހިންގާ ކޮރަޕްޝަންގެ އަމަލުތައް ނުހުއްޓުވައިފި ނަމަ ދައުލަތަށް ބޮޑު ގެއްލުމެއް ލިބިދާނެ ކަމަށް ބުނެ އެ ކުންފުނީގެ މުވައްޒަފުންތަކެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ހުށަހެޅި 28 މައްސަލައިގެ ތެރެއިން 22 މައްސަލަ ތަހުގީގު ކުރަން ނިންމައިފައިވަނީ 2020 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.

ފެނަކަ ކޯޕަރޭޝަންގައި ހިންގާފައިވާ ކަމަށްބުނާ ކޮރަޕްޝަންގެ މި 28 މައްސަލަ އޭސީސިއަށް އެ ކުންފުނީގެ މުވައްޒަފުންތަކެއް ހުށަހެޅިއިރު، މި މައްސަލަތަކުގެ ގިނަގުނަ ތަފްސީލަތައްވެސް ހިމަނާފައިވެއެވެ.

ފެނަކައިގެ ކޮރަޕްޝަންގެ މައްސަލަތައް ފާހަގަކޮށް އޭސީސީގެ އޭރުގެ ރައީސާ މަރިޔަމް ޝިއުނާ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ ފެނަކައާ ގުޅިގެން ހުށަހެޅި ބައެއް މައްސަލަތައް ތަހުގީގުކޮށްފައިވާ އިރު އަނެއް ބައި މައްސަލަތަކުގެ ތަހުގީގު ކުރިއަށްދާ ކަމަށެވެ. މި މައްސަލަތަކަށް ބަލާއިރު "ފެނަކަ ކޯޕަރޭޝަންގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ބައެއް ކަންކަން ހިނގަމުންދާކަން ކޮމިޝަނުގެ ތަހުގީގުތަކުން ފާހަގަކުރެވިފައިވާ" ކަމަށްވެސް އެ ސިޓީގައި ބަޔާން ކޮށްފައި ވެއެވެ.

ފެނަކައިން މުދަލާއި ހިދުމަތް ހޯދުމާއި ރެކްރޫޓްމަންޓް ޕްރޮސެސްގެ ތެރޭގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ހިނގާ ކަންތައްތަކުގެ މައްޗަށް އޭސީސީން ވަނީ މީގެކުރިން ރިޕޯޓެއްވެސް އެކުލަވާލައިފައެވެ. އެ ރިޕޯޓުގައި، ފެނަކައިގެ ތެރޭގައި ކޮރަޕްޝަންގެ ހާލަތާއި އެ މައްސަލަތައް ތަހުގީގު ކުރުމުގައި އޭސީސީއަށް ދިމާވާ ގޮންޖެހުންތައް ވެސް ވަނީ ހިމަނައިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ހ ހުސޭން
އަދިކިރިޔާ ފެނެކާ ރަގަޅުތިވަނީ
އ އަޙްމަދު
ސަޢީދަކީ ވަރަށް ކޮރަޕްޓް މީހެއް.