މެސީގެ ގޯލުން ޕީއެސްޖީން ލިޔޯން ބަލިކޮށްފި

މެސީގެ ގޯލުން ޕީއެސްޖީން ލިޔޯން ބަލިކޮށްފި

ގުޅުންހުރި

ފްރެންޗް ލީގުގައި ލިޔޯން އަތުން ހޯދި މޮޅާއެކު އެންމެ ފަހުގެ ޗެމްޕިއަން ޕީއެސްޖީން މޮޅުވުމުގެ ރިކޯޑު ދަމަހައްޓައިފިއެވެ.

ލިޔޯންގެ ދަނޑުގައި ކުޅުނު މި މެޗު ޕީއެސްޖީން ކާމިޔާބުކޮށްފައިވަނީ 1-0 ގެ ނަތީޖާއަކުންނެވެ. ދެ ޓީމުގެ ފަރާތުން ވާދަވެރި އަދި ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ޕީއެސްޖީންނެވެ. މެޗްގައި ޕިއެސްޖީގެ ފެށުން ދިޔައީ ވަރަށް ރަނގަޅަށެވެ. އެގޮތުން މެޗްގެ ފަސްވަނަ މިނެޓްގައި ޕީއެސްޖީން ވަނީ މި މެޗްގައި އެޓީމުން ކާމިޔާބުކުރި ހަމައެކަނި ލަނޑު ޖަހާފައެވެ.

މި ލަނޑު އެޓީމަށް ޖަހާދީފައިވަނީ ނޭމާ ތަނަވަސްކޮށްދިން ފުރުސަތެއްގައި ލިއޮނަލް މެސީއެވެ. މިއީ މިސީޒަންގައި ޕީއެސްޖީއަށް މެސީ ކާމިޔާބުކޮށްދިން ހަވަނަ ލަނޑެވެ. އަދި މިއީ ފްރެންޗް ލީގުގައި ނޭމާ ދިން ހަތްވަނަ އެސިސްޓެވެ. މެޗް ނިމެން ގާތްވެފައިވަނިކޮށް ޕީއެސްޖީގެ ސަރޖިއޯ ރާމޯސް ލަނޑެއް ކާމިޔާބުކުރި ނަމަވެސް އެލަނޑު ވަނީ އޮފްސައިޑް ކަމަށް ދައްކާފައެވެ. މި މެޗުގައި ލިއޯނުން ވަނީ ޕީއެސްޖީގެ ގޯލަށް ކޮންމެވެސް ވަރަކަށް ނުރައްކާކޮށްފައެވެ.

މި ކާމިޔާބީއާއެކު ޕީއެސްޖީ މިހާރު އުޅެނީ ކުޅުނު އަށް މެޗުން ލިބިފައިވާ 22 ޕޮއިންޓާއެކު ތާވަލްގެ އެއްވަނައިގައެވެ. އެޓީމާއި އެންމެ ގާތުން ވާދަކުރަމުންދާ އޮލިމްޕިކް ޑި މާސޭ އަށް ލިބިފައިވަނީ 20 ޕޮއިންޓެވެ. މިފަހަރުގެ ސީޒަންގައި މިހާތަނަށް މެޗަކުން ބަލިނުވެ މިހާރު އޮތީ ޕިއެސްޖީއާއި މާސޭ އެކަންޏެވެ. ލިއޯން އުޅެނީ 13 ޕޮއިންޓާއެކު ތާވަލްގެ ހަ ވަނައިގައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *