ކޮރަޕްޝަންގެ ތަހުގީގަށް އޭސީސީއިން ޕޮލްކޯގެ އޮފީހަށް ވަދެއްޖެ

ކޮރަޕްޝަންގެ ތަހުގީގަށް އޭސީސީއިން ޕޮލްކޯގެ އޮފީހަށް ވަދެއްޖެ

މިއަދު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕޮލްކޯގެ އޮފީހަށް ވަދެއްޖެއެވެ. މިއީ ފުލުހުންނަށް އެޅި ފްލެޓް މަޝްރޫއުގައި ކޮރަޕްޝަނަށް މަގުފަހިވާ ކަންކަން ހިނގާފައިވާކަމަށް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ މައްސަލައާ ގުޅިގެންނެވެ. އިސްކަންދަރު ކޮށީގައި ހުންނަ ޕޮލްކޯގެ އޮފީހަށް އޭސީސީގެ ތަހުގީގު ޓީމުތައް ވަދެފައިވީ ނަމަވެސް، މި ތަހުގީގާ ގުޅޭ އިތުރު މައުލޫމާތެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

އޮޑިޓަރ ޖެނެރަލް ވަނީ މި މައްސަލައިގައި ޝާމިލުވާ ހުރިހާ ފަރާތެއް ހޯދައި ފިޔަވަޅު އެޅުމަށް އޭސީސީއާއި އެހެނިހެން ތަހުގީގީ އިދާރާތަކަށް އަންގަވާފައެވެ. 2013 ވަނަ އަހަރު ފުލުހުންނަށް ހާއްސަކޮށްގެން އަޅަން ފެށި ތިން ޓަވަރުގެ ހައުސިން މަޝްރޫއުގެ ކަންކަން ކުރިއަށް ގެންގޮސްފައިވަނީ ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އިންނެވެ.

އޮޑިޓް އޮފީހުގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، މި މަޝްރޫއު ޕޮލްކޯއާ ހަވާލުކުރުމުން، އެ ކުންފުނީގެ ކޮރަޕްޝަނާއި ނާގާބިލުކަމުގެ ސަބަބުން ދައުލަތަށް 354.7 މިލިއަން ރުފިޔާގެ ގެއްލުން ވެފައިވެއެވެ. މަޝްރޫއު އޮޑިޓްކުރި އިރު ޖުމުލަ 1.06 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު، އާންމުކޮށް މިފަދަ މަސައްކަތްތައް އަމިއްލަ ކުންފުނިތަކުން ކޮށްދެނީ އަކަފޫޓަކަށް 1,300 އާއި 1,500 ރުފިޔާއާ ދެމެދުގެ އަގެއްގައެވެ. ނަމަވެސް ޕޮލްކޯއިން މި މަސައްކަތް ކުރުވާފައިވަނީ އަކަފޫޓަކަށް 1,851 ރުފިޔާއަށެވެ.

މި މަޝްރޫއު އެންމެ ފުރަތަމަ ހަވާލުކުރެވުނީ ނޫމަޑި ކުންފުންޏަށެވެ. ނަމަވެސް ފަހުން އެ އެއްބަސްވުން ބާތިލުކޮށް، ނޫމަޑި ކުންފުނި ތަމްސީލުކުރާ ފަރާތުގެ މެނޭޖިން ޑައިރެކްޓަރުކަމުގެ ދަށުން ހިންގާ އައިލެންޑް އެކްސްޕާޓްސް އާ ހަވާލުކޮށްފައިވަނީ އެ ފަރާތަށް ފައިދާވާ ގޮތަށް ކަމަށް އޮޑިޓްގައި ފާހަގަކޮށްފައިވެއެވެ. މީގެ އިތުރުން، އެއްބަސްވުންތަކަށް ބަދަލު ގެނެސްފައިވަނީވެސް ވަކި ބަޔަކަށް ނާޖާއިޒު ފައިދާ ހޯދައިދިނުމަށް ކަމަށް ބެލެވޭކަމަށް އޮޑިޓް ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *