ސްޕެނިޝް ލީގުގައި ވާދަވެރި އެތުލެޓިކޯ މެޑްރިޑް ބަލިކޮށް ތާވަލުގެ އެއްވަނައަށް އަނެއްކާވެސް އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑް ޖެހިލައިފިއެވެ.
އެތުލެޓިކޯގެ ދަނޑުގައި ކުޅުނު މި މެޗު ރެއާލުން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ. ދެ ޓީމުގެ ފަރާތުން ވާދަވެރި އަދި ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މެޑްރިޑް ޑާބީގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ އެޓްލެޓިކޯއިންނެވެ. ނަމަވެސް މިމެޗްގައި އެޓްލެޓިކޯއަށް ރެއާލްގެ މައްޗަށް ކުރި ހޯދޭގޮތެއް ނުވިއެވެ. މި މެޗްގެ ފުރަތަމަ ލަނޑުޖަހާ ލީޑުނެގީ ރެއާލުންނެވެ. މެޗުގެ 18 ވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ރޮޑްރިގޯ އެވެ.
މެޗްގެ 36 ވަނަ މިނެޓްގައި ވިނީޝިއަސް ޖޫނިއަރ ފޮނުވާލި ހަމަލާއެއް ގޯލްގެ ދަނޑީގައި ޖެހިފައި ނިކުތް ވަގުތު ގޯލްގެ ތެރެއަށް ފޮނުވާލައިގެން ރެއާލްގެ ލީޑު ފުޅާކޮށްދިނީ ފެޑެރީކޯ ވަލްވަރޑޭއެވެ. މި ލަނޑާއެކު ރެއާލުން ހަމަޖެހިލި ނަމަވެސް އެޓްލެޓިކޯއިން ލަނޑެއް ޖެހުމަށް ހިތްވަރު އެލުވާނުލާ މަސައްކަތް ކުރަމުންދިޔައެވެ. އަދި މި މަސައްކަތް އެޓީމަށް ކާމިޔާބުވާގޮތް ވީ މެޗްގެ 83 ވަނަ މިނެޓްގައެވެ. މި ލަނޑު އެޓީމަށް ޖަހާދިނީ މާރިއޯ ހަރމޯސޯއެވެ.
މި ލަނޑާއެކު އެޓީމަށް އިތުރު ހިތްވަރެއް ލިބުނު ނަމަވެސް އެޓްލެޓިކޯއަށް މި މެޗްގައި އިތުރު ލަނޑެއް ކާމިޔާބު ކުރެވޭގޮތެއްނުވިއެވެ. އޭގެ ބަދަލުގައި މެޗްގެ އިތުރު ވަގުތުގައި ފެނިގެންދިޔައީ އެޓީމަށް ލަނޑު ޖަހާދިން ހަރމޯސޯއަށް ދެވަނަ ރީނދޫކާޑާ އެކު ރަތްކާޑު ދެއްކި ތަނެވެ.
މި ކާމިޔާބީއާއެކު ރެއާލުން މި ވަނީ އެޓީމް މިހާތަނަށް ކުޅުނު ހަ މެޗްވެސް ކާމިޔާބުކޮށް ތާވަލްގެ އެއްވަނައަށް އަނެއްކާވެސް އަރާފައެވެ. އެންމެފަހުން ރެއާލަށް ސީޒަންގެ ފުރަތަމަ ހަ މެޗް ކާމިޔާބު ކުރެވިފައިވަނީ 1987-88 ވަނަ އަހަރުގެ ސީޒަންގައެވެ. ރެއާލަށް 18 ޕޮއިންޓް ލިބިފައިވާއިރު އެންގެ ގާތުން ވާދަކުރަމުންދާ އެފްސީ ބާސެލޯނާއަށް ލިބިފައިވަނީ 16 ޕޮއިންޓެވެ. އަދި އެޓްލެޓިކޯ އުޅެނީ 10 ޕޮއިންޓާއެކު ތާވަލްގެ ހަތްވަނައިގައެވެ.