ގޭންގުތަކުގެ ނުރައްކާތެރިކަމުގެ ވާހަކަތަކާއި، ގޭންގުތަކުގެ ސަބަބުން މުޖުތަމައުގެ ސަލާމަތަށް ހުރި ނުރައްކަލުގެ ވާހަކަތަކަކީ، އިއްޔެއަކު މިއަދަކު ދެކެވޭ ވާހަކަތަކެއް ނޫނެވެ. އެއީ ފާއިތުވެދިޔަ 20 ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި، ވަކީން ޚާއްސަކޮށް، ވެރިރަށް މާލެއަށް ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެއްގެ ގޮތުގައި އޮތް، ބޮޑު ނުރައްކަލެކެވެ.
މިގޮތުން މާލޭގައި ގޭންގުތަކުގެ ގޮތުގައި ހަރަކާތްތެރި ވަމުންދާ ގުރޫޕްތަކުގެ މެދުގައި އުފެދިގެން ގޮސްފައިވާ ހަމަނުޖެހުންތަކުގައި ފާއިތުވެދިޔަ ތަނުގައި އަނިޔާވެރި މަރުގެ ހާދިސާތައްވެސް ހިގާފައި އެބަހުއްޓެވެ. މިކަންކަމުގެ ސާފު ހަގީގަތްތައް މިފަދަ ހާދިސާތަކާއި ގުޅޭގޮތުން ފުލުހުން ކޮށްފައިވާ އެތައް ތަހުގީގެއްގައި މިހާރު ފެންނާންވެސް އެބަހުއްޓެވެ.
މިފަދަ ގިނަ ހާދިސާތަކަކީ، މަސްތުވާތަކެތީގެ ހާދިސާތަކާއި، ގޭންގު މާރާމާރީތަކާއި ނުވަތަ، މިނޫނަސް މިފަދަ ކަންކަމާއި ގުޅުންހުރި ހާދިސާތަކެވެ. މީގެތެރޭގައި އަނިޔާވެރިކޮށް މަރާލެވިފައިވާ، ރައްޔިތުންގެ މަޖިލިހުގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް އަލީއާއި، ނޫސްވެރިޔާ ޔާމިން ރަޝީދުގެ އިތުރުން ގެއްލުވާލާފައިވާ ރިޟުވާންއާއި މިހެންގޮސް މިފަދަ އެތައް މަރެއް ގުޅި ލާމެހިގެންދަނީ، މާލޭގައި ހިންގަމުންދާ ބޮޑެތި ގޭންގުތަކުގައި އިސްކޮށް އުޅެމުންދާ ނުވަތަ އުޅެފައިވާ ފަރާތްތަކާއެވެ. ނުވަތަ އެ ފަރާތްތަކަށް ފައިސާ، ނުވަތަ ސިޔާސީ ނުފޫޒު ފޯރުވައިގެން ހިންގާފާއިވާ ބޮޑެތި ޖަރީމާތަކާއެވެ.
މިގޮތުން ބަލާއިރު، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަނިޔާވެރި ކަމާއެކު ހިންގާފައިވާ މަރުގެ 60 ވަރަކަށް ހާދިސާ ފާއިތުވެދިޔަ 20 ވަރަކަށް އަހަރު ދުވަހު ހިނގާފައިވާއިރު، މީގެތެރެއިން ގިނަ ހާދިސާތަކަށް އިންސާފު ގާއިމް ކުރެވިފައެއް ނުވެއެވެ. އަދި މަރުގެ ބައެއް ހާދިސާތަކަކީ ޝަރުއީ މަރުހަލާތަކާއި ހަމައަށް ގޮސް، ބައެއް ފަރާތްތަކުގެ މައްޗަށް މަރުގެ އަދަބު އިއްވިފައިވާ މައްސަލަތައް ކަމުގައިވި ނަމަވެސް، މިއިން އެއްވެސް މީހެއްގެ މައްޗަށް މަރުގެ ހުކުމް ތަންފީޒު ކުރެވިފައެއްވެސް ނުމެ ވޭމެއެވެ.
ހަމަ އެއާއެކު، ވެރިރަށް މާލޭގައި ހިންގަމުންދާ ގޭންގު ކުށްތަކާ ގުޅުންހުރި އެތައް ހަދިސާއެއްގެ ތަހުގީގު ހިންގި، ގޭންގުތަކުގައި ހަރަކާތްތެރިވަމުންދާ ފަރާތްތަކުގެ ވަނަވަރުތަކާއި، ހިންގި ކުށްތަކާއި ގުޅުންހުރި އެތަކެއް މައުލޫމާތުތަކެއް ހާމަވާން ހުރި ނަމަވެސް، އެތައް އަހަރެއް ވާންދެން ހިންގަމުންދާ މިފަދަ ގޭންގުތައްވެސް މާލޭގައި ހިންގުން ހުއްޓުމަކަށް ގެނެވިފައި ނުވާކަންވެސް މި ފުރުސަތުގައި ފާހަގަ ކޮށްލާންޖެހެއެވެ.
ގޭންގުތަކާއި ގުޅުންހުރި ފުރިހަމަ މައުލޫމާތު އެގެން އެބަހުރި!
ރާއްޖޭގައި ހިންގަމުންދާ ގޭންގުތަކާއި ގުޅުންހުރި އެންމެ ފުރިހަމަ މައުލޫމާތު ފުލުހުންގެ ޑޭޓާ ބޭސްތަކުގައި ހުރިކަން ސާފުވެގެން ދަނީ، ސަރުކާރުން މިހާރު ކުރިޔަށްގެންދާ "ވިއަވަތި ރާއްޖެ" މަހާސިންތާތަކުގައި ފޯރުކޮށްދެމުންދާ މައުލޫމާތު ތަކުންނެވެ.
މިގޮތުން އެންމެ ފަހުން، ލ. ގަމުގައި ބޭއްވިގެންދިޔަ "ވިއަވަތި ރާއްޖެ" ކޮންފަރެންސްގައި ފުލުހުން ހުށަހެޅި ޕްރެސެންޓޭޝަންގައި ވަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވަމުންދާ ގޭންގުތަކާއި ގުޅުންހުރި ގިނަ މައުލޫމާތުތަކެއް ހާމަކޮށްފައެވެ.
މި ކޮންފަރެންސްގެ ބައިވެރިންނަށް ފުލުހުން ފޯރުކޮށްދިން މައުލޫމާތުގައި ވަނީ، ދެކުނުގެ އަތޮޅުތަކުގައި ހަރަކާތްތެރިވާ 31 ގޭންގެއްގައި 700 ގޭންގް ސްޓާރުންނާއި 100 ކުޑަކުދިން ތިބިކަމަށް ވިދާޅުވެފައެވެ. އަދި މީގެ ތެރެއިން 17 ގޭންގު ގުރޫޕް ރަގަޅަށް ހަރަކާތްތެރި ވަމުންދާކަމުގައިވެސް ފުލުހުން މި ކޮންފަރެންސްގެ ބައިވެރިންނަށް މައުލޫމާތު ދެމުން ވިދާޅުވެފައި ވެއެވެ.
މި ކޮންފަރެންސަށް ފުލުހުންގެ މުއައްސަސާއިން ހުށަހަޅައިދިން "އަމާން މުޖުތަމައު" ޕްރެޒެންޓޭޝަންގައި ވާގޮތުން ދެކުނުގެ އަތޮޅުތަކުގައި ހަރަކާތްތެރިވާ ގޭންގުތަކުގައި ސީދާ ދެކުނުގެ ރަށްތަކަށް ނިސްބަތްވާ 1506 މީހުން އެބަތިއްބެއެވެ. މީގެ ތެރެއިން 605 މީހުންނަކީ ދެކުނުގެ ރަށްރަށުގައި ދިރިއުޅޭ މީހުންނެވެ. އަދި 901 މީހުންނަކީ މާލޭގައި ދިރިއުޅޭ މީހުންނެވެ.
ފުލުހުން ހާމަ ކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، 2007ވަނަ އަހަރުން ފެށިގެން ގޭންގު މާރާމާރިއާ ގުޅިގެން 32 މީހަކު ރާއްޖޭގައި މަރާލެވިފައި ވެއެވެ. އޭގެ ތެރޭގައި ރާއްޖޭގެ ދެކުނަށް ނިސްބަތްވާ 6 މީހުން ހިމެނެއެވެ. މިފަދަ މާރާމަރީތަކާ ގުޅިގެން، މީހުން މެރުމުގައި ހިމެނޭ މީހުންގެ ތެރެއިން 185 މީހުންނަކީ ދެކުނުގެ އަތޮޅުތަކަށް ނިސްބަތްވާ މީހުންނެވެ. މީގެ ތެރޭގައި 21 ކުޑަކުދިންވެސް މިފަދަ މައްސަލަތަކުގައި ޝާމިލްވެއެވެ.
ފުލުހުން ހާމަ ކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، ވަކި އަތޮޅަކަށް ނިސްބަތް ކުރާއިރު، ގޭންގުތަކަށް ނިސްބަތްވާ މީހުން އެންމެ ގިނައީ އައްޑު އަޮތޮޅުގައެވެ. މީގެތެރޭގައި ހިމެނޭ 250 މީހުންނަކީ އައްޑޫ ސިޓީގެ އެކި ރަށްތަކަށް ނިސްބަތްވާ މީހުންނެވެ. އަދި ގޭންގުތަކުގައި ފުވައްމުލަކު ސިޓީއަށް ނިސްބަތްވާ 160 މީހުން ތިބިއިރު ހުވަދޫގެ ދެ އަތޮޅުގެ ތެރެއިން ގދ.އަށް ނިސްބަތްވާ 223 މީހުން، ގއ.އަށް ނިސްބަތްވާ 112 މީހުން ތިބިކަންވެސް ފުލުހުން ހާމަ ކޮށްފައި ވެއެވެ.
މި މައުލުމާތުތަކުން ފެންނާންހުރި ހިސާބުތަކާ އެއްގޮތަށް، ރާއްޖޭގެ ދެކުނުގެ އެންމެ ބޮޑު އަތޮޅު ކަމުގައިވާ އައްޑޫ އަތޮޅަކީ، ގޭންގު މާރާމާރީއައި، މަސްތުވާތަކެއްޗާއި ވައްކަމުގެ މައްސަލަތައްވެސް އެންމެ ބޮޑު އެއް އަތޮޅެވެ.
ފުރިހަމަ މައުލޫމާތު އެބަހުރި! ހަލެއް ނެތް!
ދިވެހިރާއްޖޭގައި ހަރަކާތްތެރި ވަމުންދާ ގޭންގުތަކާއި ގުޅުންހުރި ފުރިހަމަ މައުލޫމާތު ފުލުހުންގެ އަތުގައި ހުރިކަން، "ވިއަވަތި ރާއްޖެ" ކޮންފަރެންސްތަކުގައި ފުލުހުން ހާމަކުރަމުންދާ މައުލޫމާތުތަކުން ވަރަށްވެސް ރަގަޅަށް ސާފުވާން އެބަހުއްޓެވެ.
މީގެތެރޭގައި، ގޭންގުތަކަކަކީ ކޮބައިކަމާއި، ހަރަކާތްތެރި ވަމުންދާ ތަންތަނާއި، ލީޑަރުންގެ އަދަދާއި، އޭގެ ތެރޭގައި ހިމެނޭ ކުޑަ ކުދިންގެ އަދަދާއި، ރެކްރޫޓް ކުރަމުންދާ ގޮތްތަކާއި، ނުފޫޒު ފަތުރަމުންދާ ގޮތްތަކާއި، ނުފޫޒު އޮތް މިންވަރާއި، މާރާމާރީ ހިންގާ ގޮތްތަކާއި، ގޭންގުތަކުގެ މެމްބަރުންގެ އަދަދާއި، އަދި އެންމެ ކުޑަމިނުން އެންމެ ނުރައްކާތެރި ގޭންގުތަކުގެ އަދަދާއި އެ ގޭންގުތައް ހަރަކާތްތެރި ވަމުންދާ ތަންތަނާއި ފަންޑު ކުރާ މީހުންނަށް ދަންދެން ފުލުހުން ވަނީ އެ މައުލޫމާތުތައް ފުރިހަމައެއް އެއްކޮށް ރައްކާކޮށްފައެވެ.
އެހެންނަަމަވެސް ފާހަގަވާން އޮތް ކަމަކީ، މާލޭގައި ހިނގާ މުޒާހިރާތަކާއި، އަދި ސިޔާސީ ކަންކަމާއި ގުޅުންހުރި އެއްވުންތަކާއި ހަމަނުޖެހުންތައް ކޮންޓްރޯލް ކުރުމަށް ފުލުހުންގެ މުވައްސަސާއިން ވަރަށް ފުރިހަމަކަމާއެކު ހަރަކާތްތެރިވެ، މިފަދަ ފަރާތްތަކުގެ މައްސަލަތައް ތަހުގީގުކޮށް، ދައުވާކުރުމުގެ މަރުހަލާއާއި ހަމައަށް އަވަސްކަމާއެކު އަބަދުވެސް ދަތުރުކުރާ ކަމެވެ.
މިއީ އިއްޔެވެސް މިއަދުވެސް މި ހަގީގަތް އޮތް ގޮތެވެ.
އެހެންނަމަވެސް، 2 ކިލޯ މީޓަރު ހަމަނުވާ ކުޑަ ސަރަހައްދެއްގައި (ވެރިރަށް މާލޭގައި) 44 ގޭންގަކާއި، އަދި ފުލުހުންނަށް އެއީ ކޮން ގޭންގުތަކެއްކަން އިގޭ، ނުރައްކާތެރި 10 ގޭންގެއް ހަރަކާތްތެރި ވަމުން ދާއިރުވެސް، މި ބޮޑު އިޖުތިމާއީ މައްސަލައަށް ހައްލެއް ނެތެވެ.
ރާއްޖޭގައި އޮތް އެންމެ ބޮޑު އަތޮޅުގައި ފުލުހުންގެ އެންމެ ބޮޑު އެއް މަރުކަޒު ހުރެފައި، ގިނަ އަދަދަކަށް ފުލުހުންވެސް ހަރަކާތްތެރިވަމުން ދާއިރު، މިރަށުގައި ގޭންގުތަކަށް ނިސްބަތްވާ 250 މީހަކު ދިރިއުޅެމުންދާކަންވެސް ފުލުހުންނަށް އެގެއެވެ. އެއާއެކުވެސް މި އޮތުޅުގައި އަމާންކަމެއް ނެތެވެ. ރައްކާތެރިކަމެއް ނެތެވެ.
ޖަމާއަތް ހަދައި ރާވައިގެން ކުށްކުރާ، މާފަންނުގައި ހަރަކާތްތެރިވާ ގުރޫޕަކަށް ނިސްބަތްވާ މީހަކު ވައްކަންކުރިކަމަށް ތުހުމަތަށް ހައްޔަރުކުރުމުން އެގްރޫޕަށް ނިސްބަތްވާ މީހަކު މާފަންނު ސްޓޭޝަނަށް ވަދެފަވޭ. ކޮންސްޓަބަލްއަކަށް މަރުގެ އިންޒާރު ދީފަވާތީ އޭނާވެސް ވަނީ ހައްޔަރުކުރެވިފަ!
— Mohamed Hameed (@M_Hameedh) September 18, 2022
ވެރިރަށް މާލޭގައިވެސް، ޕޮލިސް ސްޓޭޝަންތަކަށް ވަދެ، ފުލުހުންނަށް މަރުގެ އިންޒާރު ދެވޭހާ ވަރުގަދަ ގޭންގުތައް ދަނީ މިއަދުވެސް ހަރަކާތްތެރި ވަމުންނެވެ. އެހެންނަމަވެސް މި ގޭންގުތައް ރޫޅާލާ، އޮޕަރޭޓް ކުރުން ހުއްޓުވުމަކަށް ގެނެވޭވަރުގެ ގާބިލްކަމެއް ފުލުހުންގެ ކިބަޔަކު ނެތެެވެ.
މިއީ އަރަތަކަށް ނުވޭ ބާވައެވެ.
އެންމެ ކުޑަމިނުން، ރަސްމީ ހައިސިއްޔަތުން، ގޭންގުތައް އޮޕަރޭޓް ކުރުމަކީ ގާނޫނުން ހުއްދަ ކޮށްފައިވާ ކަމަކަށް ނުވާއިރު، އޮޕަރޭޓްވާ ގޭންގުތަކަކަކީ ކޮބައިކަން ފުރިހަމަޔަށް އެނގި ތިބެމެ، އެގޭންގުތަކުގެ މައުލޫމާތު ރައްކާތެރިކަމާއެކު ބަހައްޓަމުން، 5 އަހަރުގެ ދައުރެއް ނިމިގެން ދާއިރުވެސް، ހައްލު ނުހޯދި ދިއުމަކީ، ހަގީގަތުގައި ވަރަށް ބޮޑު އިހުމާލެއްގެ ގޮތުގައި މެނުވީ ތަރުޖަމާ ކުރެވެން އެބަ އޮތް ބާވައެވެ.