ބަންގްލަދޭޝްގެ ރައްޔިތެއް ކަމުގައިވާ އެމްޑީ އަލަމްގިރިއާ އެކު އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި ދައުވާ އުފުލާފައިވާ ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުގައި މަސައްކަތް ކުރާ އަބްދުއްރަހްމާން ރަފީއު ކުށަށް އިއުތިރާފްވެ ރައްޔިތުންގެ ކިބައިން މައާފަށް އެދިއްޖެއެވެ.
ލިވާތު ކުރިކަމަށް އެއްބަސްވެ އޭނާ ބަޔާނެއް ނެރުނީ ގާނޫނުލްއުގޫބާތު އޮންނަ ގޮތުން ކުށަށް އިއުތިރާފުވެ، މީހުންގެ ކިބައިން މާފަށް އެދުމަކީ އަދަބު ކުޑަވާ ކަމަކަށް ވާތީއެވެ.
ގަޑިއެއްހާއިރު ވަންދެން އަލަމްގިރު އާއިއެކު ލިވާތު ކުރި އަބްދުއްރަހްމާން ރަފީއު މިއަދު އާންމު ކުރި ބަޔާނެއްގައި ބުނެފައި ވަނީ އޭނާގެ މައްޗަށް އުފުލާފައިވާ އެއްޖިންސުން ޖިންސީގުޅުން ހިންގިކަމުގެ ދައުވާއަށް އިއުތިރާފްވާކަމަށެވެ. އަދި ކުށް ކުރެވުނީތީ ރައްޔިތުންގެ ކިބައިން މާފަށް އެދޭކަމަށް ވެސް އޭނާގެ ބަޔާނުގައި ބުނެފައި ވެއެވެ.
މިމައްސަލާގައި ހައްޔަރުކޮށް މިހާރު ހުކުމް ކޮށްފައިވާ ކުރީގެ މުހައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރުވެސް އަމަލުކޮށްފައިވަނީ ހަމަ މި އުސޫލުންނެވެ. އޭނާއަށް އިއްވާފައިވަނީ ހަތަރު މަސްދުވަހު ގޭބަންދުގެ ހުކުމެކެވެ. މިމައްސަލާގައި އަލަމްގީރްއަށް އިއްވާފައި ވަނީ ހަތް މަހުގެ ޖަލު ހުކުމެކެވެ.
އިސްލާމްދީނުގައި ކަނޑައެޅިގެން ހަރާމް ކުރައްވާފައިވާ މިފަދަބޮޑު ފާފައަކަށް އަރައި ގަތުމުންވެސް ކުޑަ ކުޑަ ހުކުމެއް އިއްވާތީ ގިނަބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.