42 އެސްޖީ ހޯދަން އަނެއްކާވެސް އިއުލާންކޮށްފި!

42 އެސްޖީ ހޯދަން އަނެއްކާވެސް އިއުލާންކޮށްފި!

Author
މުޙައްމަދު ޝަޒައިމް
18 ސެޕްޓެމްބަރ 2022 10:45
0

ކައުންސިލް އިދާރާތަކަށް ބޭނުންވާ ޢަދަދަށް ސެކްރެޓަރީ ޖެނެރަލުން ނުލިބިގެން އަނެއްކާވެސް އިއުލާންކޮށްފިއެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގައިވާގޮތުން ލޯކަލް ކައުންސިލުތައް އިދާރީ ހިންގުމުގެ އެންމެ އިސްވެރިޔާއަކީ ސެކްރެޓަރީ ޖެނެރަލުންނެވެ. އެމީހުންގެ އައްޔަންކުރަނީ ފަސް އަހަރު ދުވަހުގެ މުއްދަތަށެވެ.

މީގެ ކުރިންވެސް އެކި ފަހަރު މަތީން ކައުންސިލްތަކަށް އެސްޖީން ހޯދަން އިއުލާން ކޮށްފައިވެއެވެ. މިފަހަރު އިއިލާންކޮށްފައި ވަނީ ވަނީ 42 އެސްޖީން ހޯދުމަށެވެ. ސީއެސްސީން ބުނި ގޮތުގައި ގިނަ އަދަދެއްގެ އެސްޖީން ހޯދަން އިއުލާންކުރީ މިހާތަނަށް އެސްޖީން ހޯދިފައި ނުވާ ކައުންސިލްތަކަށާއި އެސްޖީން އިސްތިއުފާ ދީފައިވާ ކައުންސިލްތަކަށެވެ.

މި މަގާމުތަކަށް ޝައުގުވެރިވާ މީހުންނަށް ކުރިމަތިލާން މި މަހުގެ 29 އާ ހަމައަށް ވަނީ ފުރުސަތު ހުޅުވާލައިފަ އެވެ. ސީއެސްސީން ބުނީ މި އެސްޖީން މަގާމުތަކަށް ކުރިމަތިވާ މީހުން ހޮވުމަށް ބާއްވާ އިންޓަވިއު، އިމްތިހާނު އަދި ޕްރެޒެންޓޭޝަން ހުށަހެޅުން އޮންނާނީ އަންނަ މަހުގެ 9-31 އާ ދެމެދު ކަމަށެވެ. މިކަމާ ބެހޭ އިތުރު މައުލޫމާތު 3307313 ނަންބަރުންނާއި އީމެއިލް [email protected] މެދުވެރިކޮށް ހޯދޭނެ އެވެ.

ސެކްރެޓަރީ ޖެނެރަލުންގެ މަސްޢޫލިއްޔަތުގެ ތެރޭގައި ކައުންސިލްގެ އެންމެ އިސް އިދާރީ މުވައްޒަފެއްގެ ހައިސިއްޔަތުން ކައުންސިލްގެ ހިންގުމަށް ބޭނުންވާ އެންމެހައި އިންތިޒާމުތައް ހަމަޖައްސައި އިދާރާގެ މަސައްކަތްތައް ހިންގައި ބެލެހެއްޓުން ހިމެނެއެވެ. އަދި ކައުންސިލް އިދާރާގެ މަސައްކަތްތަކާ ގުޅޭގޮތުން ކައުންސިލްގެ ރައީސް ނުވަތަ މޭޔަރަށް ރިޕޯޓްކުރުމާއި ޖަވާބުދާރީވުމާއި، ކައުންސިލުން ނިންމާ ނިންމުންތަކާއި ކަނޑައަޅާ އުޞޫލުތައް ތަންފީޛުކުރުމަކީވެސް ސެކްރެޓަރީ ޖެނެރަލުންގެ މަސްޢޫލިއްޔަތެވެ. އަދި ކައުންސިލުން ފޯރުކޮށްދޭ މުނިސިޕަލް ޚިދުމަތްތައް ކައުންސިލްގެ އިދާރާގެ މުވައްޒަފުން މެދުވެރިކޮށް ފޯރުކޮށްދެވޭނެ އިންތިޒާމު ހަމަޖައްސައި، ކައުންސިލުން ކަނޑައަޅާފައިވާ އުޞޫލުތަކާ އެއްގޮތަށް އެ ޚިދުމަތްތައް ފޯރުކޮށްދިނުމަކީވެސް އެސްޖީންގެ މަސްޢޫލިއްޔަތެވެ.

މީގެ އިތުރުން ކައުންސިލުން ތައްޔާރުކުރަންޖެހޭ ޕްލޭންތަކާއި ބަޖެޓާއި ރިޕޯޓުތައް ތައްޔާރުކުރުމާއި ކައުންސިލުން ނިންމާ ގޮތެއްގެ މަތިން ތަންފީޛުކުރުމާއި، ދައުލަތުގެ މާލިއްޔަތު ޤާނޫނުގެ ބޭނުމަށް، ކައުންސިލްގެ ރައީސް ނުވަތަ މޭޔަރުގެ ލަފާގެ މަތިން، ކައުންސިލްގެ މާލީ ޒިންމާދާރުވެރިޔާގެ މަސްއޫލިއްޔަތު އަދާކުރުމަކީވެސް އެމީހުންގެ ޒިންމާކަމަށް ބަޔާންކޮށްފައިވެއެވެ.

ސެކްރެޓަރީ ޖެނެރަލުންގެ މުސާރައާއި އިނާޔަތުގެ ގޮތުގައި ސިޓީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލަށް 35500 ރުފިޔާ ލިބޭނެއެވެ. އަތޮޅު ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް21000 ރުފިޔާ އަދި ލި ރަށު ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލަށް މުސާރަ އާއި އިނާޔަތުގެ ގޮތުގައި 16100 ރުފިޔާ ވަނީ ކަނޑައަޅާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.