ހާލަންޑުގެ ގޯލާއިއެކު، މޮޅުވެ ސިޓީ އެއްވަނައަށް

ހާލަންޑުގެ ގޯލާއިއެކު، މޮޅުވެ ސިޓީ އެއްވަނައަށް

ހާލާންޑްގެ ލަނޑަކާއެކު 3-0 ން ވުލްވްސް ބަލިކޮށް, މެންޗެސްޓަރ ސިޓީން ޕްރިމިއަރ ލީގު ތާވަލްގެ އެއްވަނައަށް ޖެހިލައިފިއެވެ.

ވުލްވްސް ދަނޑުގައި ކުޅުނު މެޗު ފަށައިގެން 55 ސިކުންތު ތެރޭގައި ސިޓީން ލީޑުނެގިއެވެ. މި ގޯލު ޖެހީ ޖެކް ގްރީލިޝްއެވެ. އަރިމަތިން ސިޓީގެ ޕްލޭމޭކަރު، ކެވިން ޑިބްރޭނާ އަށް ލިބުނު ބޯޅަ ގޯލު ކުރިމައްޗަށް ހުރަސްކޮށްލި ވަގުތު ގްރީލިޝް ވަނީ ގޯލުގެ ކައިރީ ކަނަށް އަމާޒުކޮށްލައިފައެވެ.

ނަތީޖާ ހަމަހަމަކުރެވޭތޯ ވުލްވްސް އިން ކުރިއަށް ޖެހިގެން ކުޅެމުން ދިޔަ ވަގުތެއްގައި މެޗުގެ 16 ވަނަ މިނިޓްގައި ސިޓީން ވަނީ ދެ ވަނަ ގޯލެއް ޖަހައި ލީޑުފުޅާކޮށްފައެވެ. މި ގޯލު ޖެހީ ރަނގަޅު ފޯމެއްގައި ހުރި ފޯވާޑް އާލިން ބްރައުޓް ހާލަންޑް އެވެ. އޭރިއާ ރޮނގުކައިރިން ހާލަންޑް ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ތިރީ ކަނަށެވެ. މިއީ މި ފަހަރު ލީގުގައި ކުޅުނު ހަތް މެޗުން ހާލަންޑް ޖެހި 11 ވަނަ ގޯލެވެ. ހާލަންޑަކީ ޕްރިމިއާ ލީގުގެ ތާރީހުގައި ރަށުންބޭރުގައި ކުޅުނު ފުރަތަމަ ހަތަރު މެޗުގައި ލަނޑު ޖެހި ހަމައެކަނި ކުޅުންތެރިޔާއެެވެ.

މިސީޒަންގައި ޕްރިމިއަރ ލީގުގެ ލަނޑު ލިސްޓްގެ ކުރީގައިވެސް ހުރީ ހާލާންޑެވެ. ސިޓީގެ ތިންވަނަ ލަނޑު ޖެހީ ފިލް ފޮޑެންއެވެ. ފޮޑެންއަށްވެސް ފުރުޞަތު ތަނަވަސްކޮށްދިނީ ޑި ބުރައިނާއެވެ.

މެޗުގެ ފަހު 20 މިނިޓްގެ ތެރޭގައި ކޯޗު ޕެޕް ގާޑިއޯލާ ވަނީ ސިޓީއަށް ފަސް ބަދަލު ގެނެސްފައެވެ. އެގޮތުން 72 ވަނަ މިނިޓްގައި ތިން ބަދަލެއް ގެނައެވެ. ފޮޑެންއާއި, ބާނާޑޯ ސިލްވާއާއި, ޑި ބުރައިނާގެ ބަދަލުގައި ފުރުޞަތު ދިނީ ގުންޑޮގާންއާއި, އަލްވާރޭޒްއާއި, ރިޔާދު މާރޭޒްއަށެވެ, 77 ވަނަ މިނިޓްގައި ގްރީލިޝްގެ ބަދަލުގައި ކޯލް ޕަލްމާއަށް ފުރުޞަތުދިނެވެ. އަދި އޭގެފަހުން ރޮޑްރީގެ ބަދަލުގައި ފުރުޞަތު ދިނީ ސާޖިއޯ ގޮމޭޒްއަށެވެ.

މިމޮޅާއެކު ސިޓީ އެއްވަނައަށް ޖެހިލީ ހަތް މެޗުން 17 ޕޮއިންޓް ހޯދައިގެންނެވެ. މިއަދު ހަވީރު ބްރެންޓްފޯޑް ބަލިކޮށްގެން އާސެނަލްއަށް އަލުން އެއްވަނައަށް ޖެހިލެވޭނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *