އަޅުގަނޑުމެން އެންމެންގެ ވެސް ތުއްތު އިރުގެ އެންމެ މަގްބޫލު ތަރިންނަނީ ޓޮމް އާއި ޖެރީ އެހެންނޫންތޯއެވެ؟ ޓޮމްއާއި ޖެރީ އެކަކު އަނެކަކަށް ލަނޑުދީ އެކަކު އަނެކަކު މަރާނުލެވިގެން އުޅޭތާ މިހާރު 80 އަހަރު ވީއެވެ. އެހެން ނަމަވެސް މީގެ ކުރިން އަޅުގަނޑުމެންގެ މަގްބޫލު ޓޮމް އާއި ޖެރީ ފެނިގެންދިޔައީ އެނިމޭޓެޑް ކާޓޫންގެ ގޮތުގައެވެ. އެނިމޭޓެޑް ކާޓޫންގެ ގޮތަށް 80 އަހަރުގެ ތެރޭގައި މިހާތަނަށް ޓޮމް އެންޑް ޖެރީގެ 164 ކާޓޫން ކުރު ފިލްމު ވަނީ ބެލުންތެރިންނާ ހަމައަށް ގެނެސްދީފައެވެ.
މިހާރު މިއޮތީ ޓޮމް އާއި ޖެރީ އަސްލު އިންސާނުންނާއެކު އުޅޭތަން ފެންނަ ދުވަސް އައިސްފައެވެ. ވަރނާ ބްރޯސް ޕިކްޗަރސް އިން މަސައްކަތް ކުރަމުން ދަނީ " ޓޮމް އެންޑް ޖެރީ"ގެ އެނިމޭޓެޑް ފިލްމް އަންނަ އަހަރުގެ މާރިޗު މަހުގެ 05 ވަނަ ދުވަހު ސިމަނާތަކަށް ގެނައުމަށެވެ.
މި ފިލްމުން ކްލޯއީ ގްރޭސް މޮރޭޒް، މައިކަލް ޕީނާ، ކޮލިން ޖޮސްޓް، ރޮބް ޑެލަނީ، އަދި ކެން ޖިއޮންގް ފަދަ ހޮލީވުޑްގެ މަޝްހޫރު ތަރިން ފެނިގެންދާނެއެވެ. މީގެ އިތުރުން، މައި ނޭމް އިޒް ޚާން، ދަސް ތޯލާ، ބޭޝަރަމް ފަދަ ބޮލީވުޑްގެ ފިލްމުތަކުން ފެނުނު ތަރި ޕައްލަވީ ޝްރަދާ ވެސް މި ފިލްމުގައި ފެންނާނެއެވެ.
ކެވިން ކޮސްޓެލޯގެ ވާހަކަ އަކަށް މި ފިލްމު ޑައިރެކްޓް ކުރަނީ ޓިމް ސްޓޯރީ އެވެ. ފިލްމުގައި ފެނިގެންދާނީ ނިއުޔޯކްގެ މަތީފެންވަރުގެ ހޮޓެލެއްގައި ޓޮމް އާއި ޖެރީއާ ދެމެދު ހިނގާ ކަންތައް ގަނޑެކެވެ.
ފިލްމުގެ ޓްރެއިލާ ޔޫޓިއުބާއި ސޯޝަލް މީޑިއާގައި އަންގާރަ ދުވަހު އާންމު ކުރީއްސުރެ ޓްރެއިލާއަށްވެސް ބޮޑު މަގްބޫލުކަމެއް ވަނީ ލިބިފައެވެ. އެގޮތުން މިހާތަނަށް ހަތަރު މިލިއަނަށްވުރެ ގިނަ ފަހަރު ޔޫޓިއުބް މެދުވެރިކޮށް މި ޓްރެއިލާ ބަލާފައިވެއެވެ.
ޓޮމް އެންޑް ޖެރީ ކާޓޫން ސީރީޒްގެ ކުރު ފިލްމެއް އެންމެ ފަހުން ބެލުންތެރިންނާ ހަމައަށް ގެނެސްދީފައި ވަނީ 2005 ވަނަ އަހަރު "ދަ ކަރާޓޭ ގާޑް" ގެ ނަމުގައެވެ. އެހެންކަމުން ޓޮމް އެންޑް ޖެރީ މުޅިން ތަފާތު ގޮތަކަށް ބެލުންތެރިންނާ ހަމައަށް މި އަންނަނީ 16 އަހަރު ފަހުންނެވެ.
މިހާރަކަށް އައިސް ކުރީގެ މަޝްހޫރު އެނިމޭޓެޑް ކާޓޫން ފިލްމުތައް އަސްލު ތަރިންނާއެކު އަންނަނީ ގެނެސް ދެމުންނެވެ. އެގޮތުން 2015 ވަނަ އަހަރުގެ ސިންޑްރެއްލާ ފިލްމާއި 2017 ވަނަ އަހަރުގެ ބިއުޓީ އެންޑް ދަ ބީސްޓް ފަދަ ފިލްމުތައް ފާހަގަކޮށްލެވެއެވެ.
ކޮމެންޓު ފޮނުވާ