އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު މެންދުރު އައްޑޫ ސިޓީއަށް ވަޑައިގެންނެވުމުން އެސިޓީން ހޫނު މަރުހަބާއެއް ދަންނަވައިފިއެވެ.
ރައީސް ނަޝީދު އައްޑޫއަށް ވަޑައިގަތީ މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ގައުމީ ޔުނިވާސިޓީގެ ހިތަދޫ ކެމްޕަހުގައި މިރޭ ބާއްވަން ހަމަޖެހިފައިވާ "ފޯސޭކަން ފިއުޗާސް – ޖަސްޓިސް އަންޑަވޯޓާ" ޕަބްލިކް ސެމިނާގައި ބައިވެރިވެވަޑައިގަންނަވާށެވެ. މި ސެމިނާއަކީ ޕްރޮޖެކްޓް ސިންޑިކޭޓް ކިޔާ ބައިނަލްއަގުވާމީ މީޑިއާއަކުން އެމްއެންޔޫއާ ގުޅިގެެން ބާއްވާ ސެމިނާއެކެވެ.
ރައީސް ނަޝީދު މިއަދު ހަވީރު ވަނިކޮށް އައްޑޫއަށް ވަޑައިގަތުމުން ގަން އިންޓަނޭޝަނަލް އެއާޕޯޓުން އެމަނިކުފާނަށް މަރުހަބާ ދެންނެވީ އައްޑޫގެ މޭޔަރު އަލީ ނިޒާރުއެވެ. އެއާޕޯޓުގެ ބޭރުގައި ވަރަށް ގިނަ އަދަދެއްގެ ބަޔަކު އެއްވެ ތިބެ ގަދަ ހޫނުގައި އެމަނިކުފާނަށް މަރުހަބާ ކިޔާފައިވެ އެވެ. ބައެއް މީހުން ވަނީ އެމަނިކުފާނާ ސަލާމްކޮށް، ސެލްފީ ވެސް ނަގާފައެވެ.
— MDP Secretariat (@MDPSecretariat) September 14, 2022
އައްޑޫގައި ކުރިޔަށްދާ ސެމިނާގައި ނަޝީދު ބައިވެރިވެވަޑައިގަންނަވަނީ ޕެނަލިސްޓެއްގެ ގޮތުގައެވެ. އެގޮތުން މިރޭ އޮންނަ އެ ސެމިނާގެ ދެވަނަ ޕެނަލް ޑިސްކަޝަންގެ ޕެނަލިސްޓެެއްގެ ގޮތުގައި އެެމަނިކުފާނު ހުންނަވާނެެއެެވެެ.
ރައީސް ނަޝީދު އިނގިރޭސިވިލާތަށް އަމިއްލަފުޅަށް އަރުވާލެވިގެން ހުންނެވުމަށްފަހު އެމަނިކުފާނު ރާއްޖެ ވަޑައިގެން އައްޑޫއަށް އެންމެ ފަހުން ވަޑައިގަތީ 2018 ވަނަ އަހަރުއެވެ.