އެދާއިރާއަކަށް ވޯޓު ނުލެވޭ މީހުން މަޖިލީހަށް ވަޑައިނުގަތުން ރަނގަޅުކަމަށާއި، އެފަދަ މީހުން ރައްޔިތުންގެ އިހްސާސް ނޭނގޭކަމަށް ވިދާޅުވެ މަހިބަދޫ ދާއިރާގެ ޕީޕީއެމް މެންބަރު، މާވަށު ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ނާއިބު ރައީސް މުޙައްމަދު ސަޢީދަށް ފާޑުވިދާޅުވެއްޖެއެވެ.
ޕީޕީއެމް އާއި ޕީއެންސީއަކީ ކޯލިޝަނެއްގެ ދަށުން މަސައްކަތްކުރާ ދެ ޕާޓީއެވެ. މިއަދުގެ ޖަލްސާގައި މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ޠާރިޤް (ޓޮމް) މެންބަރު ސަޢީދަށް ފާޑުވިދާޅުވީ ކީއްވެކަމެއް ނޭނގެއެވެ. ނަމަވެސް އެ ފާޑުކިޔުން އަމާޒުކުރެއްވީ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމް، މަޖިލީހުގެ މެންބަރުންގެ އަދަދު 87 އަށް ވުރެ އިތުރުވިޔަ ނުދިނުމަށް ޤާނޫނު އަސާސީއަށް ހުށައެޅުއްވި އިޞްލާހަށް ވާހަކަފުޅު ދައްކަވަމުންނެވެ.
ޓޮމް ވިދާޅުވީ، އެދާއިރާއަކަށް ވޯޓު ނުލެވޭގޮތަށް އިންތިޚާބުވެވަޑައިގެންފައި ތިއްބި މެންބަރުންނަށް، ދާއިރާގެ ރައްޔިތޔުންގެ އިހްސާސްތައް އެނގިވަޑައި ނުގަންނަވާކަމަށެވެ. އެފަދަ މެންބަރުން މަޖިލީހަށް ނައުން ރަނގަޅުކަމަށް ޓޮމް ވިދާޅުވިއެވެ.
އެމީހާގެ ވޯޓު، އެމީހާގެ ފޮއްޓަށް ނުލެވޭ މީހުން ރައްޔިތުންގެ މަޖިލީހަށް ނައީމަ ރަނގަޅުވާނީ. އެއީ ރައްޔިތުންގެ އިޙްސާސްއެއް ނުހުރޭ. މާވަށު ދާއިރާގެ އިއްޒަތްތެރި މެންބަރު އިއްޔެ އަޅުގަނޑަށް ދެންނެވި އަޅުގަނޑު އައިސް މި އިނީ 22ހަކަށް މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކޮންޓެކްޓް އުސޫލުންނޭ. މީނޫންތޯ ހަގީގަތަކީ. އެހެންވީމަ އަސަރެއް ކުލުނެއް ނުހުރޭ ދާއިރާގެ ރައްޔިތުންނާ ދޭތެރޭ. މިއީ ހަގީގަތަކީ.
– ސައީދަށް ފާޑުވިދާޅުވަމުން ޓޮމް ވިދާޅުވިއެވެ.
ޓޮމް މިހެން ވިދާޅުވެފައިވާއިރު، މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސަޢީދަކީ އެ ދާއިރާއަށް ވޯޓުލެވޭ މެންބަރެއް ނޫނެނެވެ. ސަޢީދު ނިސްބަތްވެވަޑައިގަންނަވަނީ ހއ.ތުރާކުނަށެވެ.
މިއަދުގެ ޖަލްސާގައި ޤާނޫނު އަސާސީއަށް ހުށައަޅާފައިވާ މި އިޞްލާހަށް ވާހަކަފުޅު ދައްކަވަމުން ސަޢީދު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދު ކަނޑައެޅުމަކީ ރައްޔިތުންނާ ސީދާ ގުޅުން ހުރި ކަމެއްކަމަށާއި، އެއީ ރައްޔިތުންގެ ވޯޓަކުން ނިންމަންޖެހޭ ކަމެއްކަމަށެވެ.
ބަދަލު ގެންނަ ކަމަށް ވަންޏާ މިތާ ތިބި މަޖިލިސް މެމްބަރުންގެ ހައްގެ ނޫނޭ އެއީ އިއްޒަތްތެރި ރައީސް، މި މަޖިލީހުގެ ކަންކަން އޮންނާނެ ގޮތުގެ އާޚިރު ގޮތް ނިންމުމަކީ..
– ސައީދު ވިދާޅުވިއެވެ.
މަޖިލީހުގެ މެމްބަރުންގެ އަދަދު 87 ގައި ހިފެހެއްޓުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ހުށަހެޅުއްވި ބިލަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އޮތް އެމްޑީޕީގެ ގިނަ މެންބަރުން ތަޢީދުކޮށްފައެއް ނުވެއެވެ.
މިއަދު ޖަލްސާގައި މަހިބަދޫ ދާއިރާގެ މެމްބަރު ޓޮމް ސައީދަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައިވާއިރު، ޕީއެމްގެ އެތެރޭގައި ފެކްޝަން އުފެދި، ފެކްޝަންތަކުގެ ކޯޅުން ވަރަށް ބޮޑުވެފައިވާކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. މިގޮތުން ބައެއް ފަރާތްތަކުން ވިދާޅުވާ ގޮތުގައި، ރައީސް ޔާމިންއަށް ކުރިޔަށް އޮތް ރިޔާސީ އިންތިޚާބަށް ކުރިމަތި ނުލެވިއްޖެ ހާލަތެއްގައި، ރިޔާސީ ޓިކެޓް ކަށަވަރުކުރުމަށް ސައީދު މިހާރުވެސް ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ. އެފަދަ ހާލަތެއްގައި، ރިޔާސީ ޓިކެޓަށް ވާދަ ކުރައްވާނެކަމަށް ގިނަބަޔަކު ގަބޫލުކުރަމުންދާ އަނެއް ބޭފުޅަކީ މާލޭ ސިޓީގެ މޭޔަރ މުއިއްޒުއެވެ.