ރާއްޖޭގެ ޑިމޮކްރަސީއަށްޓަކައި މަސައްކަތް ކޮށްކޮށް ކަޅުވެފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު ޖާބިރު ވިދާޅުވެއްޖެއެވެ.
ގާނޫނު އަސާސީއަށް ބަދަލު ގެނެސް، މެމްބަރުންގެ އަދަދު މިހާރު އޮތް ވަރުގައި ހިފަހައްޓަން ގާސިމް ހުށަހެޅުއްވި ބިލަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިހާރު ކުރިއަށްދާ ބަހުސްގައި ޖާބިރު ވިދާޅުވީ މެމްބަރުންގެ އަދަދު ވަކި ވަރެއްގައި ހިފަހައްޓަން ބިލެއް ހުށަހެޅުއްވި އިރު މަޖިލީހުގައި މާމިނގިލި ދާއިރާ މިހާރު ވެސް ތަމްސީލުނުވާ ކަމަށެވެ. ބިލު ހުށަހެޅުއްވީ ގާސިމް ތަމްސީލުކުރައްވާ އެ ދާއިރާއަށް ގޮނޑިއެއް އިތުރުވެދާނެތީ ކަމަށް ވެސް ޖާބިރު ތުހުމަތު ކުރެއްވިއެވެ.
އޭނާ ވިދާޅުވީ މިހާރުވެސް މަޖިލީހުގައި 87 މެމްބަރުން ތިބި އިރު މަޖިލީހަށް ވަޑައިގަންނަވަނީ މަދު މެމްބަރުން ކަމަށް ވާތީ މަޖިލީހުގައި ދާއިރާތައް ތަމްސީލު ނުވާ ކަމަށެވެ. މަޖިލީހުގެ ޖަލްސާތަކަށް ވަރަށް މަދުން ނޫނީ ވަޑައިނުގަންނަވާ ގާސިމް ތަމްސީލުކުރައްވާ މާމިނގިލި ދާއިރާއާއި އޭނާއަށް ވުރެ ވެސް މަދުން ޖަލްސާތަކަށް ވަޑައިގަންނަވާ އަހުމަދު ސިޔާމް ތަމްސީލުކުރައްވާ މީދޫ ދާއިރާގެ ނަން މިސާލެއްގެ ގޮތުގައި ޖާބިރު ދެއްކެވިއެވެ.
ލަދެއް ނުގަނޭތޯ ބޮޑެތި ބޭފުޅުން މަޖިލިސް ގޮނޑީގައި މިތަނަށް ނައިސް ރެޕްރެސެންޓޭޝަން ނުދީ އަދިވެސް ހަނިކުރަން ހުށަހެޅީ. މިކަމައި އަޅުގަނޑު ވަރަށް ހިތްހަމަ ނުޖެހިއްޖެ. ޑިމޮކްރަސީއަށް މަސައްކަތް ކޮށްކޮށް އަޅުގަނޑު ކަޅުވެއްޖެ މިހާރު. މިތަނަށް އައިއިރު ހާދަ ދޮންކޮށޭ އަޅުގަނޑު ހުރީ. ދެން ހޭންވީތޯ.
– ޖާބިރު ވިދާޅުވިއެވެ.
ޖާބިރު ވިދާޅުވީ ޤާސިމް މެމްބަރުންގެ އަދަދު ހިފަހައްޓަން އުޅެނީ އަދަދު ގިނަވުމުން މެމްބަރުން ގަންނަން އުދަގޫވުމުންކަމަށެވެ. މެމްބަރުންގެ އަދަދު މަދުވުމުން ޤާސިމަށް ބޭނުންވާ ވަގުތު މެޖޯރިޓީ ހޯދުމަށް މެމްބަރުން ގެނެލެވޭނެކަމަށް ޖާބިރު ވިދާޅުވިއެވެ.
ޤާސިމްގެ މިއިސްލާހަކީ ޤާނޫނު އަސާސީގައި މެމްބަރުންގެ އަދަދަކީ 87 ކަމަށް ކަނޑައަޅައި އެއަށްވުރެ އިންތިޚާބީ ދާއިރާތައް އިތުރު ނުވާނޭ ގޮތަކަށް ޤާނޫނު އަސާސީގައި ކަނޑައެޅުމަށްޓަކައި ހުށަހަޅާފައިވާ އިސްލާހެކެވެ. އަދި މިއިސްލާހުގައި ވާގޮތުން ކޮންމެ އިންތިޚާބީ ދާއިރާއަކުން އިންތިޚާބު ކުރެވޭނީ އެއް މެމްބަރަކު ކަމަށް ވަނީ ބަޔާންކޮށްފައެވެ.
ޤާސިމްގެ އިސްލާހުގައި ބުނެފައިވަނީ މެމްބަރުންގެ އަދަދު ކޮންމެ ފަސް އަހަރަކު ދައުރެއް ނިމޭއިރު އިތުރުވާ ގޮތަށް އޮވެއްޖެނަމަ އެއީ ރާއްޖެފަދަ ކުޑަ ޤައުމެއްގެ ޤާނޫނު ހަދާ މަޖިލީހަކަށް އެކަށީގެން ނުވާ އަދަދަކަށް ވެދާނެކަމަށެވެ. އަދި މިގޮތަށް މެމްބަރުންގެ އަދަދު އިތުރުވާނަމަ އެއީ އިޤްތިޞާދީ ގޮތުންނާއި، އެނޫން ގޮތްގޮތުންވެސް ގޮންޖެހުން ކުރިމަތިވެދާނެ ކަމެއްކަމަށް ފެނިވަޑައި ގަންނަވާ ކަމަށް ޤާސިމްގެ އިސްލާހުގައި ވިދާޅުވެފައިވެއެވެ.
އާ ޤާނޫނު އަސާސީގެ ދަށުން މިހާތަނަށް ބޭއްވި ކޮންމެ އިންތިޚާބެއްގައިވެސް މަޖިލީހުގެ އިދާރީ ދާއިރާތައް ވަނީ އިތުރުވެފައެވެ. އެގޮތުން 2009 ވަނަ އަހަރު ބޭއްވި މަޖިލީހުގެ އިންތިޚާބުގައި 77 މެމްބަރުން އަދި 2014 ވަނަ އަހަރުގައި 85 މެމްބަރުން އަދި މިހާރު ކުރިއަށްދާ 19 ވަނަ މަޖިލީހުގައި 87 މެމްބަރުން ތިއްބަވައެވެ. ޤާނޫނު އަސާސީގައި މިހާރު ބުނާގޮތުން ކޮންމެ 5،000 މީހުންގެ އާބާދީއަކަށް މެމްބަރަކު އިންތިޚާބު ކުރަންޖެހެއެވެ.