ސޯޝަލް މީޑިއާގައި ބަރަހަނާ ފޮޓޯއާއި ވީޑިއޯ އާންމުކުރާތީ ހައްޔަރު ކުރުމަށްފަހު މުޖުތަމައަށް ނުރައްކާތެރި މީހަކަށް ނުވާތީ ދޫކޮށްލުމަށްފަހު އަލުން ހައްޔަރު ކޮށްފައިވާ ޔާޔާ ނަބީލްގެ ބަންދަށް ކުރިމިނަލް ކޯޓުން 10 ދުވަސް ޖަހައިފިއެވެ.
ޔާޔާ ނަބީލްގެ ބަންދު ކުރުމަށް ކޯޓުން ކުރި އަމުރުގައި ވާގޮތުން އޭނާ ބަންދު ކޮށްފައިވަނީ ސޯޝަލް މީޑިއާގައި އިސްލާމްދީނާއި ޚިލާފް ކޮންޓެންޓް ޕޯސްޓު ކުރުން ކަމުގައެވެ.
ކޯޓުން ބުނެގައިވާ ގޮތުގައި، އޭނާއާއި ދެކޮޅަށް ހުށަހަޅާފައިވާ ހެކިތަކުގެ ތެރޭގައި ސައިބަރ ކްރައިމް ރިޕޯޓާއި، އަދި ބަރަހަނާ މަންޒަރުތައް ދައްކުވައިދޭ ފޫޓޭޖްގެ ސްނެޕް ޝޮޓްތައް ހިމެނޭ ކަމުގައެވެ.
ސޯޝަލް މީޑިއާގައި ބަރަހަނާ ފޮޓޯއާއި ވީޑިއޯ އާންމުކުރާތީ ހައްޔަރު ކުރުމަށްފަހު މުޖުތަމައަށް ނުރައްކާތެރި މީހަކަށް ނުވާތީ ދޫކޮށްލުމަށްފަހު ޔާޔާ ނަބީލް އަނެއްކާވެސް ހައްޔަރު ކޮށްގައިވަނީ ރޭގެ ވަގުތެއްގައެވެ. ނަބީލް ހައްޔަރުކޮށްފައި ވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ. އޭނާ ރޭ ހައްޔަރު ކުރީގެ މީގެ ހަފްތާއެއް ކުރިން އޭނާ ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހަން ކޯޓަށް ހާޒިރު ކުރުމުން ބަންދުން ދޫކޮށްލާފައި ހުއްޓައެވެ. ނަބީލް ހައްޔަރު ކުރުމާއި ގުޅޭ ގޮތުން ފުލުހުން އެއްވެސް އެއްޗެއް ނުބުނެއެވެ.
ނަބީލްގެ ބަންދަށް 10 ދުވަސް ޖަހާފައި މިވަނީ އޭނާ ބަރަހަނާ ފޮޓޯ އާއްމު ކުރަމުން ދާއިރުވެސް އޭނާ ހައްޔަރު ނުކުރާތީ ފުލުހުންނާއި އަދި ސަރުކާރަށް ވެސް ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް މީގެ ހަފްތާއެއް ކުރިން ހައްޔަރު ކުރުމަށް ފަހު ދޫކޮށްލުމުން އިތުރު ފާޑުކިޔުންތަކެއް ކުރިމަތިވުމަށް ފަހުއެވެ.
މީގެ ކުރިންވެސް އޭނާ ޓިކްޓޮކްގައި ބަރަހަނާވެގެން ފުލުހުން އޭނާ ހައްޔަރުކުރިއެވެ. އެފަހަރު ޓިކްޓޮކްގައި ބަރަހަނާ ވީޑިއޯއެއް އާންމުކޮށްގެން ނަބީލް (ޔާޔާ) ހައްޔަރުކޮށްފައިވަނީ އޭނާ އެ ވީޑިއޯ އާންމުކުރިތާ އެއްދުވަސްފަހުން މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 11ގައެވެ.
އޭނާގެ މައްޗަށް ތުހުމަތުކޮށްފައިވަނީ އޮރިޔާން ކާޑު ހެދުމުގެ ތުހުމަތެވެ. އޭނާ މީގެކުރިން ބަންދުން ދޫކޮށްލީ ޝަރުތުތަކާއެކުކަމަށް ކްރިމިނަލް ކޯޓުން އޭރު ބުނެފައި ވެއެވެ. އެނގިފައިވާގޮތުގައި އޭނާ ބަންދުން ދޫކޮށްލީ ސޯޝަލް މީޑިއާގައި ދެމަސްދުވަސް ވަންދެން އެއްވެސް ޕޯސްޓެއް ނުކުރުމަށް ޝަރުތުކޮށްފައެވެ.
އޭނާ ހައްޔަރުކޮށް މުއްދަތު ޖެހުމަށް އެންމެ ފުރަތަމަ ކޯޓަށް ޙާޒިރުކުރުމުން އޭނާ ވަޖނީ ބަރަހަނާ ވީޑިއޯ ހަދާފައިނުވާނެކަމަށް ބުނެފައެވެ. އޭރު އޭނާ ބުނެފައިވަނީ ޓިކްޓޮކަށް 3 މިނެޓްގެ ވީޑިއޯއެއް ލާފައިނުވާނެކަމަށާއި، ލެވުނީ 60 ސިކުންތުގެ ވީޑިއޯއެއްކަމަށެވެ. އަދި އޭނާގެ މައްޗަށް ތުހުމަތުކުރާ ކަންކަމަކީ އޭނާ ބޭޒާރުކުރުމަށް އޭނާގެ މޫނު ބޭނުންކޮށްގެން ކުރި ކަމެއްކަމަށްވެސް ނަބީލް ބުނެފައިވެއެވެ.