ކުރީގެ ޓުވަރިޒަމް މިނިސްޓަރ އަހުމަދު އަދީބް ޢަބްދުލް ޢަފޫރު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހާޒިރުކޮށް ސުވާލުކޮށްފިއެވެ.
އަދީބު އޭސީސީއަށް ހާޒިރު ކޮށްފައިވާއިރު، އެކޮމިޝަނުން ގެންދަނީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ތަހުގީގްތަކާއި، ކުރީ ސަރުކާރުން ހިންގާފައިވާ ކޮރަޕްޝަންގެ އެހެން މައްސަލަތައްވެސް ތަހުގީގް ކުރަމުންނެވެ. ނަމަވެސް އަދީބް ހާޒިރު ކޮށްފައިވަނީ ކޮން ކަމަކާއި ގުޅިގެންކަމެއް ސާފެއް ނުވެއެވެ.
އޭސީސީން ތަހުގީގް ކުރަމުންދާ މައްސަލަތަކުގެ ތެރެއިން އެންމެ ބޮޑު އިސްކަމެއް ދީގެން ކުރިއަށް ގެންދާ އެއްމައްސަލައަކީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލެއެވެ. އޭސީސީން ދަނީ މިހާރު ކުރަމުންދާ ތަހުގީގްތަކާއި މައްސަލަތަކަށް ބަލައި، ލިބެމުންދާ ކުރިއެރުންތަކާއިއެކު އިތުރު ދައުވާތަކެއް ކުރުމަށް ތައްޔާރުވަމުންނެވެ. އެގޮތުން މިމައްސަލާގައި އިތުރު ދައުވާތަކެއް މިމަހުގެ މެދު ތެރޭގައި ކުރެވިގެންދާނެކަމަށް އޭސީސީގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
އެމް.އެމް.ޕީ.އާރު.ސީ މެދުވެރިކޮށް ހިންގާފައިވާ ވައްކަމާއި ޚިޔާނާތުގެ މައްސަލައިގައި ބައިވެރިވިކަމަށް ނުވަތަ މަންފާ ލިބުނުކަމަށް ތުހުމަތުކުރެވޭ 281 ފަރާތެއްގެ ނަން މަޖިލީހުން އާންމުކުރި މިލިސްޓުގައި ހިމެނެއެވެ. އޭގެ ތެރޭގައި ދަޢުލަތުގެ އެކިއެކި މަޤާމުގައި ތިބި 119 މީހަކު ހިމެނެއެވެ. މީގެ ތެރޭގައި މިހާރު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން 16 މެންބަރަކުވެސް ހިމެނެއެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނާތަކީ ރާއްޖޭގެ ތާރީޚުގައި ހިނގި އެންމެ ބޮޑު އެއް ޚިޔާނާތަށްވާއިރު، އެމައްސަލައިގެ މީގެކުރިން ބައެއް ފަރާތްތަކަށް ވަނީ އަދަބު އައިސްފައެވެ. އޭގެތެރޭގައި ކުރީގެ ރައީސް ޔާމީންއާއި، ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބުގެ އިތުރުން، އެމްއެމްޕީއާރުސީގެ އޭރުގެ މެނޭޖިންގ ޑިރެކްޓަރ ޒިޔަތު ހިމެނެއެވެ. ރައީސް ޔާމީނަށް ދަށުކޯޓުން ކުރި ޙުކުމް ސުޕްރީމްކޯޓުން ވަނީ ބާޠިލްކޮށްފައެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާތައް ބޭނުންކޮށްފައި ވަނީ ސިޔާސީ މަންފާތަކެއް ހޯދުމަށްކަމަށް އެސެޓް ރިކަވަރީ ކޮމިޝަނުން ވަނީ ބުނެފައެވެ. މިހާތަނަށް ކުރެވުނު ތަހުޤީޤުތަކުން އެނގޭ ގޮތުގައި އެމްއެމްޕީއާރުސީގެ ޚިޔާނާތް 3.4 ބިލިޔަން ރުފިޔާއަށް އަރައެވެ. އޭސީސީން މަސައްކަތް ކުރަމުންދަނީ ގެއްލިފައިވާ ނުވަތަ ވަގަށް ނަގާފައިވާ ފައިސަތައް އަބުރާ ދައުލަތަށް ހޯދުމަށެވެ.
ކޮމެންޓު ފޮނުވާ