ބޮލީވުޑް ތަރިންގެ ސަޕޯޓަރުން އަބަދުވެސް ތިބެނީ އެމީހުން ސަޕޯޓް ކުރާ ތަރިންނަށް ފާރަލައިގެންނެވެ. އަދި އެމީހުން ފެންނަ އިރަށް ގޮސް ފޮޓޯ ނެގުމަށް ގިނަ މަސައްކަތް ތަކެއްކުރެއެވެ. އެއްބަޔަކަށް ފޮޓޯ ނެގުން ކާމިޔާބު ވާއިރުގައި އަނެއް ބަޔަކު ކަންތައް ކުރާ ގޮތުން ތަރިން ރުޅިއަންނަ ފަހަރު އާދެއެވެ.
އެގޮތުން އެކަޓަރ ރިތިކް ރޯޝަން ވަނީ އޭނާއާ އެކުގައި ސެލްފީ ނެގުމަށް މީހަކު އުޅުނު ގޮތުން ވަރަށް ބޮޑަށް ރުޅި އައިސްފައެވެ. ރިތިކް އޭނާގެ ދަރިއަކާ އެކު ފިލްމު "ބްރައްމަސްތުރާ" ބަލަން ސިނަމާއަށް ގޮސް ނުކުތް ވަގުތު އެ ސަރަހައްދުގައި ޕަޕަރާޒީންނާއި އޭނާގެ ސަޕޯޓަރުން އެއްވެފައި އޮތް މަންޒަރު ވީޑިއޯއިން ފެނެއެވެ.
އޭނާ ނުކުތް ތަނުން ބޮޑީގާޑުންނާއި އެތާތިބި މީހުންތަށް ކޮށްޕަމުން މީހަކު ވަދެ ރިތިކާ އެކުގައި ސެލްފީއެއް ނެގުމަށް މަސައްކަތް ކުރެއެވެ. އެއާއެކުުގައި ރިތިކް ވަރަށް ރުޅި އައިސްފައި ހުރިތަން ފެނެއެވެ. އޭނާ ހުރީ މާސްކެއް އަޅައިގެންނެވެ. ނަމަވެސް ލޮލުން ވަރަށް ރުޅިއައިސް ފައި ހުރިކަން އެނގެއެވެ. ބޮޑީ ގާޑުވެސް ސެލްފީ ނަގަން އުޅުނު މީހާއަށް ހުރަސް އަޅާތަން ފެނެއެވެ. އަދި އަވީގައި ހުރެގެން ފޮޓޯ ނުނެގޭނެ ކަމަށް ވެސް ބުނެއެވެ.
ރިތިކްގެ ދެން އެންމެ އަވަހަށް ބެލުންތެރިންނަށް ފެންނާނެ ފިލްމަކީ "ވިކްރަމް ވޭދާ" އެވެ. އެފިލްމުގައި އޭނާ އާއެކުގައި ފެނިގެން ދާނީ ސައިފް އަލީ ޚާނެވެ. ރިތިކް ފިލްމުގައި ފެނިގެންދާނީ ގޭންގްސާޓާރެއްގެ ގޮތުގައެވެ. އަދި ސައިފް ފެނިގެން ދާނީ ފުލުހުންގެ އޮފިސަރެއްގެ ގޮތުގައެވެ. ފިލްްމު ރިލީޒް ކުރާނީ މިމަހުގެ 30 ވަނަ ދުވަހުއެވެ.