ފެލިދެއަތޮޅު އާރަށް ތަރައްގީކުރުމަށް ހިންގި މުއާމަލާތުގެ ތެރެއިން, މަގާމުގެ ނުފޫޒު ބޭނުންކުރައްވައިގެން ކުރީގެ ރައީސްޔާމީން ރިޝްވަތު ނެންގެވިކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ ދިފާއީ ހެކިންގެ ހެކިބަސް ނެގުމުގެ މިއަދު ކުރިޔަށްދިޔަ އަޑު އެހުމުގައި، ހެކިބަސް ދެމުން ދިފާޢީ ހެކިވެރިޔާއަށް ރައީސް ޔާމިން ގުޅުއްވައިގެން ޔާމިން އޭރު އުޅުއްވަމުން ގެންދެވި ގ. ދޫވެއްސަށް ދެވުނީ ރޭގަޑު ކަމެއް ނުވަތަ ދުވާލު ކަމެއްވެސް މިހާރު ހަނދާނަކު ނެތްކަމަށް ބުނެފިއެވެ.
ޑޮލަރު ގަތުމަށް ޔާމިން ޔޫސުފް ނައީމަށް ދިން ފައިސާ ޔޫސުފް ނައީމާއި ހަވާލު ކުރިކަން ދެނެހުރިކަމަށް މިއަދުގެ ޝަރީއަތުގެ މަޖިލިހުގައި ހެކިބަސް ދެމުން، ޔާމިންގެ ފަރާތުން ހުށަހެޅި އަބުދުﷲ ރަޝީދު ކޯޓުގައި ވާހަކަ ދައްކަމުން ބުނެފައި ވެއެވެ.
ދައުލަތުގެ ފަރާތުން ހެކިވެރިޔާއާއި ކުރި ސުވާލުތަކަށް ޖަވާބު ދެމުން އަބުދުﷲ ރަޝީދު ބުނެފައިވަނީ، ޔާމިން ގުޅުއްވާފަ އެގެއަށް ދިއުމަށް އެދުމުން އެގެއަށް ދިޔަ ކަމަށެވެ. އަދި އެއީ 2015ވަނަ އަހަރުގެ ސެޕްޓެމްބަރުމަސް ކަން ހަނދާން އެބަހުރި ކަމަށާއި އެހެންނަމަވެސް އެއީ އެމަހުގެ ކޮން ދުވަހަކު ކަމެއްވެސް ހަނދާނަކު ނެތްކަމަށެވެ.
ހެކިވެރިޔާއާއި ސުވާލުކުރުމަށް ދައުލަތުގެ ވަކީލުންނަށް ދިން ފުރުސަތުގައި ދައުލަތުގެ ވަކީލުން ކުރި ސުވާލުތަކަށް ޖަވާބު ދެމުން، އަބުދުﷲ ރަޝީދު ކޯޓުގައި ބުނެފައިވަނީ ގ. ދޫވެއްސަށް ދިއުމަށް ޔާމިން އޭނާއާއި ގުޅުއްވި ވަގުތެއްވެސް ހަދާނަކު ނެތްކަމަށެވެ.
ދައުލަތުން: ހެކިވެރިޔާ ވިދާޅުވެއްޖެ އަބުދުﷲ ޔާމިން އަބުދުލް ގައްޔޫމު ގުޅުއްވި ކަމަށް. އޭރު ހެކިވެރިޔާ ހުރީ ކޮންތާކުތޯ؟
ހެކިވެރިޔާ: އަޅުގަޑު ހުރިތަނެއް އަޅުގަޑަކަށްވެސް މިވަގުތު އެހެން ދަންނަވާކަށް ނޭގޭ.
ދައުލަތުން: ހެކިވެރިޔާއަށް އަބުދުﷲ ޔާމިން އަބުދުލް ގައްޔޫމު ގުޅުއްވީ އެދުވަހުގެ ކޮން ވަގުތެއްގަތޯ؟ ހެނދުނުތޯ؟ މެންދުރުތޯ؟ ހަވީރުތޯ؟ ރޭގަނޑުތޯ؟ އެގޮތަށް އެނގިލައްވާތޯ؟
ހެކިވެރިޔާ: އެހެންވެސް ދަންނަވާކަށް ނޭގޭ ވަކި ވަގުތެއް ވަކި ސާއަތެއް އެހެން ދަންނަވާކަށް.
ދައުލަތުން: ދުވާލު ނޫނީ ރޭގަޑުކަން އެގިލައްވާނެތޯ؟
ހެކިވެރިޔާ: އެހެންވެސް ފާހަގަ ކުރެވިފައެއް ނެތް.
ޔާމިން ޑޮލަރު ގަތުމަށް ޔޫސުފް ނައީމަށް އެއް މިލިއަން ޑޮލަރަށްވާ ފައިސާ ގެންގޮސް ދިންކަމަށް، މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ނަރީޝްވެސް ކޯޓުގައި ހެކިބަސް ދެމުން ބުނެފައިވަނީ އެއް މިލިއަން ޑޮލަރަށްވާ ފައިސާ އޭނާއާއިވެސް ޔާމިން ހަވާލުކުރި ވަގުތެއް ހަދާނެއް ނެތްކަމަށެވެ.
އެހެންނަމަވެސް އޭނާ އެފައިސާ ގެންދިޔައީ މިއަދު ހެކިބަސްދިން އަބުދުﷲ ރަޝީދާއެކީކަމަށް ކޯޓުގައި ނަރީޝް ހެކިބަސް ދީފައި ވެއެވެ.
މިއަދު ތިންވަނައަށް ކޯޓުގައި ހެކިބަސް ދީފައިވަނީ ރައްޔިތުންގެ މަޖިލިހުގެ ހުޅުދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ޝާހިދު (ޝާޑު)އެވެ. އޭނާ ކޯޓުގައި ހެކިބަސް ދެމުން ބުނެފައިވަނީ، އެއް މިލިއަން ޑޮލަރު ގަތުމަށް ޔާމިން މުހައްމަދު އިސްމާއިލަށް ގުޅީ އޭނާ މުހައްމަދު އިސްލާއިލްގެ ކައިރީގައި އިންދާ ކަމުގައެވެ. މުހައްމަދު އިސްމާއީލްއަކީ ޔާމިންއަށް 1 މިލިއަން ޑޮލަރު ހޯދައިދިން ކަމަށް ބުނެ ކޯޓުގައި ހެކިބަސް ދީފައިވާ ދިފާއީ ހެއްކެކެވެ.
ޝާޑު ކޯޓުގައި ހެކިބަސް ދެމުން ބުނެފައިވަނީ، ޑޮލަރު ހޯދުމަށް މުހައްމަދު އިސްމާއިލް 5 ވަރަކަށް މީހުންނަށް ގުޅިކަން އިގޭ ކަމަަށާއި، އޭގެ ތެރޭގައި ޔޫސުފް ނައީމް ހިމެނޭ ކަމުގައެވެ. އެހެންނަމަވެސް، ދައުލަތުން ކުރި ސުވާލުތަކަށް ޖަވާބު ދެމުން، ޔޫސުފް ނައީމް ފިޔަވާ ދެން ގުޅި އެއްވެސް ފަރާތެއްގެ ނަމެއް ހެކިބަސް ދެމުން ޝާޑު ބުނާކަށް ބޭނުމެއް ނުވިއެވެ.
މިމައްސަލާގައި މިއަދު ވަނީ ތިން މީހެއްގެ ހެކިބަސް ނަގާފައެވެ.