އާރަށް ވަކިބަޔަކަށް ކުއްޔަށްދީ، އަގުކުޑަކުރަން އެންގީ ޔާމީން: އަދީބު

އާރަށް ވަކިބަޔަކަށް ކުއްޔަށްދީ، އަގުކުޑަކުރަން އެންގީ ޔާމީން: އަދީބު

ގުޅުންހުރި

ވ.އާރަށް ވަކި ބަޔަކަށް ކުއްޔަށްދިނުމަށާއި، އާރަށުގެ އަގު ކުޑަކުރުމަށް ނިންމެވީ ކުރީގެ ރައީސް ޔާމީން އަންގަވައިގެންކަމަށް އެމަނިކުފާނުގެ ނައިބް ރައީސްކަން ކުރެއްވި އަހުމަދު އަދީބް ވިދާޅުވެއްޖެއެވެ. އަދީބް މިހެން ވިދާޅުވީ މިމައްސަލާގައި މިއަދު އޮތް ޝަރީއަތުގެ މަޖިލީހުގައި ހެކިބަސް ދެއްވަމުންނެވެ.

ވ. އާރަށް ކުއްޔަށް ދީގެން ދައުލަތަށް ލިބެންޖެހޭ ފައިސާއަށް ހިޔާނަތްތެރިވިކަމުގެ ތުހުމަތުގައި ރައީސް ޔާމީނާއި ދެކޮޅަށް ދައުލަތުން އުފުލާފައިވަނީ މަނީ ލޯންޑަރކުރުމާއި ރިޝްވަތު ޤަބޫލުކުރިކަމުގެ ކުށުގެ ދައުވާއެވެ. މިދައުވާގައި ބުނެފައިވަނީ އާރަށް ކުށްޔަށް ދިނުމުން ރައީސް ޔާމީނަށް އެއްމިލިޔަން ޑޮލަރު ރިޝްވަތުގެ ގޮތުގައި ޔޫސުފް ނައީމް ދެއްވިކަމަށެވެ.

މިމައްސަލާގެ މިއަދުގެ އަޑު އެހުމުގައިވަނީ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާއި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން ( އެމްއެމްޕީއާރުސީ) ގެ ކުރީގެ މެނޭޖިން ޑިރެކްޓަރ އަބްދުﷲ ޒިޔަތުގެ ހެކިބަސް ނަގާފައެވެ. ހެކިބަސް ދެއްވަމުން އަދީބު ވިދާޅުވީ އާރަށުގެ މުއާމަލާތް ފެށިފައިވަނީ ޔޫސުފް ނައީމް އޭނާގެ ގާތު އާރަށަށް އިންވެސްޓް ކުރާނެ ބަޔަކު ތިބިކަމަށް ބުނެ ވާހަކަ ދެއްކި ހިސާބުންކަމަށެވެ. ނަމަވެސް އެރަށަކީ ފިޝަރީޒް މިނިސްޓްރީގެ ދަށުގައި އޮތް ރަށަކަށްވުމުން ކޮށްދެވޭނެ ކަމެއް ނެތްކަމަށް ދަންނަވާފައިވާނެކަމަށެވެ.

މިމުއާމަލާތް މިހެން ހިގާފައިވަނިކޮށް ރައީސް ޔާމީން އޭނާއަށް ގުޅުއްވައި އެރަށް ޓުވަރިޒަމް މިނިސްޓްރީގެ ދަށަށް ގެންގެވުމަށް ދެންނެވިކަމަށެވެ. އަދި އެރަށް ޓުވަރިޒަމަށް ބަދަލު ކުރުމަށް، އޭރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އުފައްދަވާފައިވާ އިކޮނޮމިކް ކައުންސިލަށް ހުށަހަޅައި، އެރަށް ޓުވިރިޒަމްގެ ދަށަށް ބަދަލު ކޮށްފައިވާކަމަށެވެ.

އާރަށް ކުއްޔަށް ދިނުމަށް ފުރަތަމަ ކުރެވުނު މަޝްވަރާތަކުގައި ނިންމީ ފަސް މިލިޔަން ޑޮރަލަށް ދޭށެވެ. ނަމަވެސް އެއަގުބޮޑުވެގެން ތިން މިލިޔަން ޑޮލަރަށް ކުޑަކޮށް ޔޫސުފް ނައީމްގެ ހިއްސާ އޮންނަ ކުންފުންޏަކަށް ރަށް ދޭން ރައީސް ޔާމީން އެންގެވިކަމަށެވެ. އަދި އެއްބަސްވުން ސޮއި ކުރުމާއި ހަމައަށް ދިޔައިރު އަގު ދެމިލިޔަން ޑޮލަރަށް ކުޑަކޮށް އެއްބަސް ވުމުގައި ސޮއިކޮށްފައިވަނީ އެއަގަށް ކަމަށް އަދީބު ވިދާޅުވިއެވެ.

އެއްބަސްވުމުގައި ސޮއި ކުރުމަށްފަހު އޭގެ ތެރެއިން 1 މިލިޔަން ޑޮލަރު ރައީސް ޔާމީނަށް ދެއްވިކަމަށް ޔޫސުފް ނައީމް އޭނާގެ ގާތުގައި ވިދާޅުވެފައިވާކަމަށްވެސް އަދީބު ވަނީ ޝަރީއަތުގެ މަޖިލީހުގައި ވިދާޅުވެފައެވެ. އަދީބް ވިދާޅުވީ ރައީސް ޔާމީން އެކި މުއާމަލާތްތަކުގައި އާންމު އުސޫލުން ބޭރުން ކަންކަން ކުރުމަށް އޭނާއަށް އިރުޝާދު ދެއްވަމުން ގެންދެވިކަމަށެވެ. އެގޮތުން އެމްއެމްޕީއާރުސީން ފައިސާ ނެންގެވުމަށާއި، އިކޮނޮމިކް ކައުންސިލުން ވަކި ގޮތަކަށް ކަންކަން ނިންމުމަށް ނުފޫޒު ފޯރުވަމުން ގެންދެވިކަމަށެވެ.

މިމައްސަލާގައި ދައުލަތުންވަނީ މިއަދު އޯޑިއޯތަކެއް ހުށަހެޅުމަށް އެދިފައެވެ. ނަމަވެސް އިސްޤާޒީ ވަނީ އޯޑިއޯތައް މިއަދުގެ އަޑުހުމުގައި ޕްލޭ ކުރުމަށް ފުރުސަތު ނުދެއްވާފައެވެ. ނަމަވެސް އޯޑިއޯތަކުގައި ހިމެނޭ ކަންކަމާއި ގުޅޭ ސުވާލުތައް ކުރުމަށް ވަނީ ފުރުސަތު ދެއްވާފައެވެ.

މިމައްސަލާގައި މާދަމާވެސް އަޑު އެހުމެއް ބޭއްވުމަށް ޤާޞީ ވަނީ ތާވަލް ކުރައްވާފައެވެ. މާދަމާ އޮންނާނީ ދިފާއުން ހުށަހަޅާ ހެއްކެއްގެ ހެކިބަސް ނެގުމެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ