ބޮއިން 737 މެކްސް އުދުހުމުގެ ހުއްދަ އަލުން ދީފި

ބޮއިން 737 މެކްސް އުދުހުމުގެ ހުއްދަ އަލުން ދީފި

Author
ހުސެއިން
18 ނޮވެމްބަރ 2020 07:03
0

އުދުހުން މަނާކުރިތާ 20 މަސްދުވަސް ފަހުން ބޮއިން ކުންފުނީގެ 737 މެކްސް މަރުކާގެ ފްލީޓް އަލުން އުދުހުމުގެ ހުއްދަ އެމެރިކާގެ ފެޑެރަލް އޭވިއެޝަން އެޑްމިނިސްޓްރޭޝަން (އެފ.ްއޭ.އޭ) އިން ދީފިއެވެ.

އެމެރިކާގެ ބޮއިންގ ކުންފުނީގެ އެންމެ ގިނައިން ވިކެމުން އައި މަތިންދާ ބޯޓު ކަމުގައިވާ ބޮއިން 737 މެކްސް އުދުހުން މަނާކުރީ 2019 ވަނަ އަހަރު މާރޗް މަހުގައެވެ. މި ބޯޓު އުދުހުން އެމެރިކާގެ އޭވިއޭޝަން އެޑްމިނިސްޓްރޭޝަން އިން މަނާކުރީ، މި މަރުކާގެ 2 ބޯޓެއް ވެއްޓި މި ދެބޯޓުންވެސް ދަތުރުކުރި 346 މީހުން މަރުވުމާއި ގުޅިގެންނެވެ.

މި މަރުކާގެ ދެ ބޯޓު ވޭތުވެދިޔަ އަހަރު ގާތްގާތުގައި ވެއްޓުމާއިގުޅިގެން ހިންގުނު ތަހުގީގުން އެގުނު ގޮތުގައި، ބޯޓުތައް ވެއްޓިފައިވަނީ، ބޯޓުތައް އުދުހެމުންދާއިރު، އާދަޔާ ޚިލާފަށް ބާރު ސްޕީޑުގައި މައްޗަށް އަރައިގެން ގޮސް "ސްޓޯލް" (ކުރިޔަށް ނުގޮސް ހުއްޓުން އެރުން) ވުމުން ސަލާމަތް ކުރުމަށްޓަކާ މަސައްކަތް ކުރަންޖެހޭ އޮޓޮމެޓިކް ފީޗާއެއް ރަގަޅަށް މަސައްކަތް ނުކުރުމުގެ ނަތީޖާއެއްގެ ގޮތުންނެވެ.

ބޮއިންގ ކުންފުނިން ހާމަކުރާ ގޮތުގައި 737 މެކްސް މަރުކާގެ ބޯޓުތައް އަލުން އުދުހުމުގެ ހުއްދަ ހޯދުމަށް ހޭދަވި މުއްދަތު ކުރިން ހީކުރި ވަރަށްވުރެ އާދަޔާޚިލާފަށް ދިގުލައިގެން ގޮސްފައި ވެއެވެ. ނަތީޖާއެއްގެ ގޮތުން އެކުންފުންޏަށް 20 ބިލިޔަން އެމެރިކާ ޑޮލަރުގެ ގެއްލުމެއް ލިބިފައިވާ ކަމަށް އެކުންފުނިން ހާމަކޮށްފައި ވެއެވެ. އަދި މިމުއްދަތުގައި، އެކުންފުންޏަށް ލިބޭނެ ކަމަށް އަންދާޒާކުރެވޭ އޯޑަރުތައް ހިސާބުކުރުމުން މިއީ ކުންފުނީގެ ތާރީޚުގައި ކުންފުންޏަށް ކުރިމަތި ވެގެންދާނެ އެންމެ ބޮޑު ގެއްލުމަށް ވެގެންދާކަމަށް ވެސް ބޮއިންގ ކުންފުނިން ހާމަކުރެއެވެ.

އެމެރިކާގެ އެފ.ްއޭ.އޭ އިން މިމަރުކާގެ ބޯޓުތައް އުދުހުމުގެ ހުއްދަ ދިނުމަކީ، މީގެ 387 ބޯޓު އުދުހުމުގައި ބޭނުންކުރާ، 59 އެއަރލައިނަކުން މިބޯޓުތަކުގެ ދަތުރުތައް ފެށުމަށް އެޅިގެންދިޔަ ފުތަމަ ފިޔަވަޅެވެ. އެފް.އޭ.އޭއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، 737 މެކްސް މަރުކާގެ ބޯޓުތަކަށް އުދުހުމުގެ ހުއްދަ ދިނުމުގެ މަރުހަލާގައި ރަގަޅުކުރުމަށް ފާހަގަ ކޮށްފައިވާ ހުރިހާ ކަމެއް ކޮންމެ ބޯޓެއްގައި ވަކިވަކިން އިންސްޓޯލް ކޮށްފައިވޭތޯ އެކުންފުނީގެ އިންޖިނިއަރުން ބަލާ ކަށަވަރު ކުރާނެކަމަށެވެ. އަދި، މި ބޯޓުތަކުގެ ޕައިލެޓުންނަށް ބޭނުންވާ އިތުރު ތަމްރީންތައްވެސް ދީފައިވޭތޯ އެ އޭޖެންސީން ކަށަވަރު ކުރާނެއެވެ.

ބެލެވޭގޮތުގައި މިބޯޓުތައް އުދުއްސައިގަތުމަށް ފުރިހަމަކުރަން ޖެހޭ އިތުރުކަންކަން ފުރިހަމަ ކުރުމަށް އިތުރަށް ދެން ހޭދަވެގެން ދާނީ މަދު ހަފްތާތަކެއް ނުވަތަ މަސްތަކެކެވެ. އެފ.ްއޭ.އޭއިން ބޯޓުތަކަށް އުދުހުމުގެ ހުއްދަ ދިނުމާއެކު، އަދި މިހާތަނަށް މިބޯޓުތައް ޝެޑިއުލް ދަތުރުތަކުގައި ބޭނުންކުރުމަށް ދަތުރުތައް ޝެޑިއުލް ކޮށްފައިވަނީ އެމެރިކަން އެއަރލައިން އެކަންޏެވެ. އެއަރލައިނުން މިބޯޓުތައް ބޭނުންކޮށްގެން ދަތުރުތައް ޝެޑިއުލް ކޮށްފައިވަނީ އެމެރިކާގެ މިއާމީއާއި ނިއުޔޯކާއި ދެމެދު މިއަހަރުގެ ޑިސެމްބަރ ފަހަށް އަދި އަންނަ އަހަރުގެ ޖެނުއަރީމަހުގެ ކުރީކޮޅުގެ ދުވަސްތަކަށެވެ.

ބޮއިން ކުންފުނީގެ 737 މެކްސް މަރުކާގެ ބޯޓުތައް ވެއްޓުމުގެ ހާދިސާތަކުގައި މަރުވެދިޔަ މީހުންގެ އާއިލާތަކުން އަދިވެސް ގެންދަނީ އުދުހުމުގައި މިބޯޓުތައް ބޭނުންކުރުމަށް ދެކޮޅު ހަދަމުންނެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.