ވިލިމާލޭ ފަރަށް އެރި ބްރިޖް ޕްލެޓްފޯމްގެ ބައިތައް އެސަރަޙައްދުން ނެގުމުގެ މަސައްކަތް މިއަދު ނިމޭނެކަމަށް ހައުސިންގ މިނިސްޓްރީން ބުނެފިއެވެ.
މިދިޔަ މަހުގެ ތެރޭގައި ފަރަށް އެރި ޕްލެޓް ފޯމް ފުންކުރިނަމަވެސް އެސަރަހައްދުގެ ފަރުގައި ބައެއް އާލާތްތައް އެބަހުއްޓެވެ. އެތަން ސާފުކުރުމުގެ މަސައްކަތް މިދިޔަ ހަފްތާގެ އާދިއްތަ ދުވަހުވެސް މަސައްކަތް ނިމޭނެކަމަށް ކުރިން ލަފާކުރިއެވެ. ނަމަވެސް ވޭތުވެދިޔަ ހަފްތާގައި ރާއްޖޭގެ މޫސުން ވަރަށް ބޮޑަށް ގޯސްވުމާއި ގުޅިގެން މިމަސައްކަތްވަނީ އެންމެ އެދެވޭގޮތުގައި ކުރިއަށް ނުގެންދެވިފައެވެ.
ބްރިޖް ޕްލެޓްފޯމް ފަރަށް އެރުމާއި ގުޅިގެން ލިބުނު ގެއްލުން ދެނެގަތުމަށް ކުރަންޖެހޭ ސަރވޭތައް އީޕީއޭއަށް ކުރެވޭނީ ފަރުމަށްޗަށް އެޅިފައިވާ ޕްލެޓްފޯމްގެ ބައިތައް ނެގިގެންކަމަށް އެ އެޖެންސީން ބުންޏެވެ.
ހައުސިންގ މިނިސްޓްރީން ބުނީ، މިދިޔަ ހަފްތާގެ މޫސުން ގޯސްވުމުގެ ސަބަބުން ޑައިވް ނުކުރެވި ވަރަށް ގިނަ ވަގުތު މަސައްކަތް މެދުކަނޑާލަންޖެހުނުކަމަށެވެ. އެހެންނަމަވެސް މަސައްކަތުގެ ބޮޑުބައި ނިމިފައިވާކަމަށާއި ބާކީ ހުރި ކުދި އެތިކޮޅުތައް ނެގުމުގެ މަސައްކަތް މިއަދު ނިންމާލާނެކަމަށް ޕްލޭނިންގ މިނިސްޓްރީން ބުންޏެވެ.
ކޮމެންޓު ފޮނުވާ