މަގުމަތިން ޤާނޫނު ތަންފީޒުކުރުމަކީ އިސްލާމި ޝަރީޢަތް ހުއްދަކުރާކަމެއް ނޫން: ޝަމީމް

މަގުމަތިން ޤާނޫނު ތަންފީޒުކުރުމަކީ އިސްލާމި ޝަރީޢަތް ހުއްދަކުރާކަމެއް ނޫން: ޝަމީމް

Author
މުޙައްމަދު ޖިމީ
04 ސެޕްޓެމްބަރ 2022 12:27
0

އިންޞާފު ޤާއިމުކުރުމުގެ ޒިންމާއަކީ، ދައުލަތުން، ޤާނޫނު ތަންފީޒުކުރާ މީހުންނާ މަތިކޮށްފައިވާ ޒިންމާއެއްކަމަށާއި، އެމީހަކަށް އިންޞާފުކަމަށް ޤަބޫލުކުރެވޭ ކަމެއް، އަމިއްލަ އަތުން ތަންފީޒުކުރުމަކީ ނުރައްކާތެރި، ޤާނޫނީ ގޮތުންނާއި ދީނީ ގޮތުން ބޮޑުވެގެންވާ މަނާކަމެއްކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް ޙުސައިން ޝަހީމް ވިދާޅުވެއްޖެއެވެ.

ކުށްކުށުގައި ތުހުމަތުކުރެވޭ މީހުން  ތަންފީޒީ އިދާރާތަކާއި ހަވާލުނުކޮށް، މަގުމަތިން އަތުލައިގަނެ އަނިޔާކުރާ ބައެއް މައްސަލަތައް ދަނީ ފެންމަތިވަމުންނެވެ. ޕީޖީ ޝަމީމް އަމިއްލަފުލު ބްލޮގުގައި ލިޔުއްވާފައިވާ ގޮތުގައި ދިވެހިރާއްޖޭގެ ޤާނޫނީ ނިޒާމު ބިނާވެފައި އޮތީ، އިސްލާމީ އުޞޫލުތަކާ އެއްގޮތަށެވެ. ޤާނޫނުއަސާސީގެ 10 ވަނަ މާއްދާގައި، ދިވެހި ދައުލަތުގެ ދީނަކީ އިސްލާމްދީންކަމަށާއި، ދިވެހިރާއްޖޭގެ ޤާނޫނުގެ މައިގަނޑު މަޞްދަރަކީ އިސްލާމްދީންކަމަށް ލިޔެފައިވާކަމަށާއި، ދިވެހިރާއްޖޭގައި އިސްލާމްދީނުގެ އަޞްލަކާ ޚިލާފު އެއްވެސް ޤާނޫނެއް ނެހެދޭނެކަމަށްވެސް އޮންނަކަމަށް ޕީޖީ ވިދާޅުވިއެވެ. ޤާނޫނުއަސާސީގެ 70 ވަނަ މާއްދާގައި، ދިވެހިރާއްޖޭގައި ޤާނޫނު ހެދުމުގެ އެންމެހައި ބާރުތައް ލިބިގެންވަނީ ރައްޔިތުންގެ މަޖިލީހަށް ކަމަށް އޮވެއެވެ. ރައްޔިތުންގެ މަޖިލީހުން ފާސްކުރި ޤާނޫނަކީ އިސްލާމްދީނާ ޚިލާފު ޤާނޫނެއްނަމަ، އެޤާނޫނު ބާޠިލުކުރާން ހިނގާންޖެހޭ މަގުވެސް ޤާނޫނުގައި އެބައޮތްކަމަށާއި، އެމަގުން ގޮސް، އެޤާނޫނަކީ އިސްލާމްދީނާ ޚިލާފު ޤާނޫނެއްކަމަށް ކޯޓަކުން ކަނޑަނާޅާހާ ހިނދަކު، ރައްޔިތުންނަށް އޮތީ ޤާނޫނުގައިވާ ގޮތުގެ މަތިން އުޅުންކަމަށް ޕީޖީ ފާހަގަކުރެއްވިއެވެ.

 

ދުނިޔަވީ އެކި ކަންކަމަށް ޤާނޫނު ހެދުމަކީ، އިސްލާމްދީން ހުއްދަކުރާ ކަމެކެވެ. އަލް އިމާމް ޝާފިޢީގެ ރައުޔުގައި، މަޞާލިޙު މުރްސަލާ (ޢާންމު މަޞްލަޙަތު ރައްކާތެރިކުރުމުގެ) ބާބުގެ ދަށުން، ތަފާތު އެކި ކަންކަމަށް ޤާނޫނު ހަދައި، ތަންފީޒުކުރުމަކީ ކުރެވިދާނެ ކަމެއްކަމަށް އޮވެއެވެ. މިއީ، އިސްލާމީ އެތައް ޤައުމެއްގައި ޒަމާންތަކެއް ވަންދެން ކުރަމުންވެސް އަންނަ ކަމެކެވެ. ޤާނޫނު ތަންފީޒުކުރާ މީހާ ތަންފީޒުކުރަންޖެހެނީ، ރައްޔިތުންގެ މަޖިލީހުން ހަދާފައިވާ ޤާނޫނަކީ އިސްލާމީ އުޞޫލުތަކާ އެއްގޮތް ޤާނޫނެއްކަމަށް ބަލައިގެންނެވެ. ޤާނޫނު ތަންފީޒުކުރަންޖެހޭ ހަމަ ކޮންމެ ފަހަރަކު، އެ ޤާނޫނަކީ ރަނގަޅު ޤާނޫނެއްތޯ ނުވަތަ ނޫންތޯ ބެލުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ޤާނޫނު ރަނގަޅު ނޫންނަމަ، ކޯޓުން އެކަމަށް ގޮތެއް ނިންމާނެއެވެ.

– ޕީޖީ ލިޔުއްވާފައިވެއެވެ.

އިސްލާމީ ޖިނާއީ ޢަދުލުގެ ނިޒާމުގައި ވަކި ހަމަތަކެއް، އުޞޫލުތަކެއް ބަޔާންކޮށްފައިވާކަމަށާއި، އިސްލާމްދީނުގެ ހަމައަކީ ހަމައެކަނި ނަތީޖާއެއް ޙާޞިލުކުރުމެއް ނޫންކަމަށް ޝަމީމް ވިދާޅުވިއެވެ. ނަތީޖާއަށް ވާޞިލުވި ގޮތަކީވެސް މުހިންމު ކަމެއްކަމަށާއި، ޢުމަރުގެފާނުގެ ޚިލާފަތުގައި، ގެއެއްގައި ބަޔަކު ފާޙިޝް ޢަމަލެއް ހިންގާކަމުގެ ޚަބަރު އެކަލޭގެފާނަށް ލިބިވަޑައިގެން، އެގޭ ވެރިފަރާތުގެ ހުއްދަ ނެތި، އެގެއަށް ވެންނެވިކަމަށް ތާރީޚުން ދަލީލު ދައްކަމުން ޝަމީމް ވިދާޅުވިއެވެ.

އެވަގުތު، ކުށްކުރާން ތިބި މީހުން، ކުށްކުރުން މަތީގައި ތިއްބާ ފެނިވަޑައިގަތެވެ. އެވަގުތު، ތުހުމަތު ކުރެވުނު މީހާ، ޢުމަރުގެފާނާ މުޚާޠަބުކޮށް، ކަލޭގެފާނު މިގެއަށް ތިޔަ ވެންނެވީ، މިގޭ ވެރިފަރާތުގެ ހުއްދަ ނެތިނޫންތޯ އެއްސެވިއެވެ. ހަމައެއާއެކު، ޢުމަރުގެފާނު އެގެއިން ނުކުމެގެން ވަޑައިގެންނެވީއެވެ. ކުށްކުރާ މަންޒަރު ފެނިވަޑައިގެންފައިވެސް، އަދަބެއް ދެވެން ނެތީ، ޢުމަރުގެފާނަށް އިޖުރާއަތު ފުރިހަމަ ކުރެވިފައި ނެތުމުންނެވެ.އިސްލާމީ ތާރީޚުގެ އެހެން ޞަފްޙާއެކެވެ. އިސްލާމީ ލަޝްކަރު، ނަޞާރާއިންގެ ރަށެއް ފަތަޙަކުރިއެވެ. ނަމަވެސް، އިސްލާމީ ލަޝްކަރު އެހަނގުރާމައިގައި ޢަމަލުކުރި ގޮތާމެދު، އެރަށުގެ ނަޞާރާ ފާދިރީން ހިތްހަމަނުޖެހި، އެމައްސަލަ ބައްލަވައި ދެއްވުން އެދި، ލަޝްކަރުގެ އަމީރަށް ހުށަހެޅުއްވިއެވެ. އެމައްސަލަ ބެއްލެވުމަށް، ޝަރީޢަތެއް ބޭއްވިއެވެ. އެޝަރީޢަތުގައި ފަނޑިޔާރަކަށް ހުންނެވީ މުސްލިމުންގެ މީހެކެވެ. އެމައްސަލަ ބަލައި، މުސްލިމުންގެ ލަޝްކަރު ޢަމަލުކުރި ގޮތް ޙަޤީޤަތުގައިވެސް ރަނގަޅު ނޫންކަމަށް ނިންމަވައި، ލަޝްކަރު ވަގުތުން އެރަށުން ނުކުތުމަށް އެންގެވިއެވެ. މިއެންގެވުމާއެކު، މުސްލިމުންގެ ލަޝްކަރު އެރަށުން ނުކުތެވެ. (މުސްލިމުންގެ ޢަދުލް އިންޞާފުގެ ފުރިހަމަކަން ފެނި، އެރަށުގެ މީހުން އިސްލާމްވިއެވެ.) މިއީ، އިސްލާމްދީންގައި ޢަމަލުކުރަން އޮތް ގޮތެވެ.

– ޝަމީމް ލިޔުއްވާފައިވެއެވެ.

މީހަކު ކުރާކަމަށް ތިމާއަށް ޤަބޫލުކުރެވޭ، ނުވަތަ މީހަކު ތުހުމަތުކުރާ ކަމެއްގެ ސަބަބުން، އެމީހަކު ދެކެ ތިމާ އަންނަ ރުޅިއަކީ، ނުވަތަ ކުރާ ނަފްރަތަކީ، ޤާނޫނުތަކުގައި ކަނޑައަޅާފައިވާ ހަމަތަކުން ބޭރުން މީހުންނާމެދު ޢަމަލުކުރުން ދީނީ ގޮތުންވެސް، ޤާނޫނީ ގޮތުންވެސް ހުއްދަކުރާ ކަމެއް ނޫންކަމަށް ޝަމީމް ވިދާޅުވިއެވެ. މިކަން މިގޮތަށް ހަމަޖެހިފައިވަނީ އެތައް އެތައް މަޞްލަޙަތެއް ޙިމާޔަތް ކުރުމަށްކަމަށް ޝަމީމް ވިދާޅުވިއެވެ.

މިސާލަކަށް ބަޔަކު މީހުން، ވަކި މިވެނި މީހަކީ ވަގެއްކަމަށް ބުނެ، އެމީހަކަށް އަނިޔާކުރަން ގޮވާލަފާނެއެވެ. އޭނާއަކީ ވަގެއްތޯ ނުވަތަ ނޫންތޯ ބެލުން، އިސްލާމީ ދައުލަތެއްގައި އޮތީ ޤާނޫނީ ނިޒާމާ މަތިކޮށްފައެވެ. އެކަން ހަމަޖެހިފައި އޮންނަ ގޮތަށް ނުބަލައި، ތުހުމަތުކުރެވޭ މީހާގައި ތަޅައި އަނިޔާ ކުރުމަކީ، ދީނީ ގޮތުން މަނާ ކަމެއްކަން، މަތީގައިވާ އާޔަތުން ދަލީލު ލިބެއެވެ.

– ޝަމީމް ވިދާޅުވިއެވެ.

ވަކި ކަމެއް ހިނގީ ވަކި ގޮތަކަށްކަން އެނގުނަސްވެސް، އެކަމަކަށް އަދަބެއް ދެވޭނީ، ޤާނޫނީ ނިޒާމުގެ ތެރެއިން ބަލަންޖެހޭ ކަންކަން ބެލިގެންކަމަށާއި،  ކުށްކުރާ މީހުންނާމެދު ޢަމަލުކުރާނެ ގޮތް އޮތީ ޤާނޫނުގައި ލިޔެފައިވާކަމަށް ޝަމީމް ވިދާޅުވިއެވެ. ހައްޔަރުކުރާނެ ގޮތާއި، ޙާލަތާއި، ހައްޔަރުގައި ބަހައްޓާނެ ގޮތާއި، ޙާލަތާއި، ހެކި ހޯދާނެ ގޮތާއި، ހެކި ހުށަހަޅާނެ ގޮތާއި، ހެކި ވަޒަންކުރާނެ ގޮތާއި، މިހެން ގޮސް، މިކަމާގުޅޭ ހުރިހާ ވާހަކައެއް ޤާނޫނުގައި އެބައޮތްކަމަށާއި، ޤާނޫނުގައި އޮތް ގޮތަށް ހެކި ނުލިބިއްޖެނަމަ، މީހަކު އަދި ކުށެއް ކުރިއަސްވެސް، ނިޒާމުގެ ތެރެއިން ފިޔަވަޅެއް ނޭޅޭނެކަމަށްވެސް ޕީޖީ ވިދާޅުވިއެވެ. މިކަންކަން މިގޮތަށް އޮންނަނީ، އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައިކަމަށާއި، ކުށް ކުރާމީހުންނަށް އަދަބު ދިނުމަށާއި، ކުށެއް ނުކުރާ މީހުންނަށް އަދަބެއް ނުލިބޭނޭކަން ކަށަވަރު ކުރާންކަމަށްވެސް ޕީޖީ ޝަމީމް ވިދާޅުވިއެވެ. މިނިޒާމު ރަނގަޅު ނޫންނަމަ، ރައްޔިތުންގެ މަޖިލީހުން ޤާނޫނަށް ބަދަލު ގެންނަންވީކަމަށާއި، މަގުމަތިން، މިމައްސަލަ ޙައްލުކުރުމަކީ ހުއްދަކުރެވިގެންވާނެ ކަމެއް ނޫންކަމަށްވެސް ޕީޖީ ވިދާޅުވިއެވެ. އަދި އެއީ، އެކަމުގެ ނުރައްކާތެރިކަން ބޮޑުކަމުންކަން ފާހަގަކުރެއްވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.